ޚަބަރު / އަބްދުﷲ މުނާޒް (ކުރީގެ ކޮމިޝަނާ އޮފް ޕްރިޒްންސް)

މުނާޒްގެ ވާހަކަތަކުގައި ފުށުއެރުން، ޖަވާބެއް ނުދެއްވި!

މުނާޒް މިއަދު ނޫސްވެރިންނާ ވާހަކަ ދައްކަވަނީ: ގިނަ ސުވާލުތަކަށް ޖަވާބު ދެއްވަން އިންކާރު ކުރެއްވި. --ފޮޓޯ: ނިޝާން އަލީ/މިހާރު

ޖަލުތަކުގެ ހާލަތު ރަނގަޅު ކަމަށާއި އިސްލާހަށް ގިނަ ފިޔަވަޅުތަކެއް އަޅާފައިވާ ކަމަށް ވިދާޅުވެ ޕްރިޒަންސް ކޮމިޝަނަރު އަބްދުﷲ މުނާޒް މިއަދު މަސައްކަތް ކުރެއްވީ އަވަހަށް ޕްރެސް ކޮންފަރެންސް ނިންމާލައްވާށެވެ!

ޖަލުތައް ތޮއްޖެހި، ބޮއްސުންލައިގެން ދިޔައިރު ކުރީގެ ސަރުކާރުން އެންމެ ގޮޅިއެއް ވެސް އިތުރު ނުކުރާކަން ފާހަގަކުރައްވައި، ފާޑުވިދާޅުވި އެވެ. އެއާ ޚިލާފަށް، މި ސަރުކާރުން ގިނަ ފިޔަވަޅު އަޅާފައިވާ ކަމަށް ވިދާޅުވެ، ކަރެކްޝަނަލް ސާވިސް އިން ގެނައި އިދާރީ ބައެއް ލުއިތަކުގެ ލިސްޓެއް ނޯޓްކޮށްގެން ނޫސްވެރިންނަށް ކިޔައި ދެއްވި އެވެ.

މުނާޒް ވިދާޅުވި ގޮތުގައި ބަދަލު ގެންނަ ކަން "ގައިދީން ވެސް މިހާރު ގަބޫލުކޮށް، ބަސްއަހަފި" އެވެ. މިދިޔަ ހަފުތާ އިން ފެށިގެން މާފުއްޓާއި މާލޭ ޖަލުގައި ހިންގި ހަމަނުޖެހުންތައް ވެސް ހުއްޓާލައިފި އެވެ.

މުނާޒް ނޫސްވެރިންގެ ސުވާލުތައް ކޮންޓްރޯލް ކުރައްވަނީ. --ފޮޓޯ:ނިޝާން އަލީ/މިހާރު

ޖަލުތަކުގައި އިސްލާހުކުރަން ޖެހޭ އިންތިހާ އަށް ގިނަ މައްސަލަތަކެއް އޮޑިޓު ރިޕޯޓުގައި ވެސް ހުރިއިރު އެ ކަންކަން ނުވެ ދިގުލައިގެންދާތީ އޭނާ އަށް އަމާޒުކުރާ ފާޑުކިއުންތަކުން އަމިއްލަ އަށް ދިފާއުވެވަޑައިގަތެވެ. ޖަލުތަކުގެ އިސްލާހަށް އޭނާ ކުރައްވާ މަސައްކަތަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲގެ އިތުބާރު އޮތް ކަމުގެ ޔަގީންކަން ވެސް ދެއްވި އެވެ.

މި ސަރުކާރު ހިންގާ ކޯލިޝަންގައި ހިމެނޭ އަދާލަތު ޕާޓީގެ ސްލޮޓެއްގައި މަގާމާ ހަވާލުވެވަޑައިގަތްތާ އަހަރެއްހާ ދުވަސް ފަހުން، ފުރަތަމަ ފަހަރަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މުނާޒް ދައްކަވަން ތައްޔާރުވެގެން އައި ހުރިހާ ވާހަކަތަކެއް ނިމުމާ އެކު ދެން ބޭނުންވީ އަވަހަށް ޕްރެސް ކޮންފަރެންސް ވެސް ނިންމާލައްވާށެވެ. ނޫސްވެރިންނަށް ސުވާލަށް ފުރުސަތު ދިނުމުގެ ކުރިން އެދިވަޑައިގަތީ، ކޮންމެ މީޑިއާއަކުން އެއް ސުވާލު ކުރުމަށެވެ.

އެންމެ ފުރަތަމަ ފުރުސަތު ލިބުނު ނޫސްވެރިޔާ އެދުނީ، ޖަލުތަކުގައި ކަންކަން ހިނގާ ގޮތް ފޮރުވަނީ ނުވަތަ އެހެން މުއައްސަސާތަކާ ފުށުއަރާ ގޮތަށް މުނާޒް މައުލޫމާތު ދެއްވާ ސަބަބު އޮޅުންފިލުވައިދެއްވުމަށެވެ. އެގޮތަށް އަމަލު ނުކުރައްވާ ކަމަށް ދެއްވި ޖަވާބާ ގުޅިގެން އެ ނޫސްވެރިޔާ އެހެން ސުވާލެއް ކުރަން އުޅުމުން ހުއްޓުވީ އެވެ.

ކޮންމެ މީޑިއާއަކަށް އެއް ސުވާލު ކަމަށް ވިދާޅުވިޔަސް ދެ ވަނަ ސުވާލަކަށް ފުރުސަތު ނުދެއްވީ އެވެ. ނޫސްވެރިން ދޫނުދީ ސުވާލުތައް ކުރުމުން ވެސް އެކަށީގެންވާ މިންވަރަކަށް ޖަވާބުދާރީވެވަޑައެއް ނުގަތެވެ.

މި ސަރުކާރުގެ އެންމެ މުހިއްމު އެއް ވައުދަކީ ހާމަކުރުމާއި ޖަވާބުދާރީވުމެވެ. އެކަމަކު، މުނާޒް ފަރާތްޕުޅުން ނޫސްވެރިންނަށް ފެނުނީ އެ ވައުދާ ބީރައްޓެހި ސިފައެކެވެ! ދެން އެދިވަޑައިގަތީ ނޫސްވެރިންގެ ގިނަ ސުވާލުތަކެއް ހުރި ނަމަ، ކަރެކްޝަންސްގެ މީޑިއާ އޮފިޝަލްއާ ގުޅައިގެން ހޯއްދެވުމަށެވެ.

މީޑިއާ އޮފިޝަލަށް ޖަވާބު ނުދެއްވޭ ސުވާލުތައް ހުރި ކަމަށް ނޫސްވެރިން ތަކުރާރުކޮށް ބުނުމުން ވެސް މާ ބޮޑު ކަމަކަށް ނުހައްދަވައި ސުވާލުތައް ކޮންޓްރޯލް ކުރެއްވި އެވެ. އޭނާގެ ފަރާތުން ފެނުނީ، ކުރިން ސިފައިންގެ ތެރޭގައި އުޅުއްވި އިރު ދަސްކުރެއްވި ހަރުކަށި ކަމުގެ ސިފަތަކެވެ.

މުނާޒްގެ ވާހަކަ ފުށުއެރި ދެ ކަމެއް!

ފުރަތަމަ ފުށުއަރައި މައްސަލައަކަށް ވީ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އާއި ޕްރިޒަންސް ކޮމިޝަނަރު މުނާޒް ދެއްކެވި ވާހަކައެކެވެ؛ މިދިޔަ ޖޫން މަހު މާފުށީ ޖަލުގެ އޮފިސަރުން ގޮޅިއަކަށް ވަދެ ބާރުގެ ބޭނުންކުރުމުން ގައިދީންނަށް އަނިޔާވި އެވެ. މިނިސްޓަރު އިމްރާންގެ ކަންބޮޑުވުމަކަށް ވީ ގައިދީންނަށް ބޭސްފަރުވާ ފޯރުކޮށްދިނުން ލަސްވުމެވެ. ޖަލަށް ވަޑައިގަތުމަށް ފަހު އެ އިންތިޒާމްތައް ވަގުތުން ހަމަޖައްސަވަން އެންގި ކަމަށް ވިދާޅުވެފައި އޮއްވައި މުނާޒް ވަނީ ކަރެކްޝަންސް އިން އަމަލުކުރި ގޮތް ދިފާއުކުރައްވައިފަ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީ އަށް ހާޒިރުކުރުމުން ވިދާޅުވީ އަނިޔާވިތާ 15 މިނިޓް ތެރޭގައި ގައިދީންނަށް ފަރުވާ ދީފައިވާނެ ކަމަށެވެ. ދެ ބޭފުޅުންގެ ވާހަކަ ދިމާނުވީ ކީއްވެތޯ ދެންނެވުމުން މުނާޒް މިއަދު ވިދާޅުވީ 15 މިނެޓަކީ ވެސް ބޭސްފަރުވާގައި މިނިސްޓަރަށް ލަސް ވަގުތެއް ކަމަށް ވުން އެކަށީގެންވާ ކަމަށެވެ. އެއާ އެކު، އަނިޔާވެއްޖެ ނަމަ ގައިދީން ވެސް ބޭނުންވާނީ ވަގުތުން ފަރުވާ ކަމަށާއި އެ ހިތްހަމަނުޖެހުން ފާޅުކުރާ ކަމަށް ވިދާޅުވި އެވެ.

މިދިޔަ ހަފުތާގައި ޖަލުތަކުގައި ފެށި ހަމަނުޖެހުމާ ގުޅޭ ގޮތުން ވެސް މުނާޒް ދެއްކަވާ ވާހަކަ އާއި ފުލުހުންގެ ވާހަކަ ދިމާނުވީ ކީއްވެތޯ ނޫސްވެރިން ތަކުރާރުކޮށް ސުވާލުކުރި އެވެ.

އެ ހަމަނުޖެހުމާ ގުޅިގެން ކަރެކްޝަނަލް ސާވިސް އިން ނެރުނު ބަޔާނުގައިވާ ގޮތުން، ގޮޅިތަކުގައި ގައިދީން އޮފިސަރުންނާ ކުރިމަތިލައި ހިންގި ކަންކަން ތަހުގީގު ކުރަން ދެ ފުލުހަކު ވެސް ހަރަކާތްތެރިވި އެވެ. އެކަމަކު ބަޔާން ނެރުމާ އެކު ފުލުހުން ވަނީ އެ ވާހަކަ ދޮގުކޮށްފަ އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު މީޑިއާތަކަށް ފޮނުއްވި މެސެޖެއްގައި ވިދާޅުވެފައި ވަނީ ދެ ފުލުހަކު ޖަަލަށް ދިޔައީ ބައްދަލުވުމަކަށް ކަމަށެވެ. ގައިދީން ހިންގި ހަމަނުޖެހުންތަކުގެ ތަހުގީގު އޭރު ނުހިންގާ ކަމަށް ވެސް ފުލުހުން ވަނީ ބުނެފަ އެވެ.

ދެ ފުލުހަކު ޖަލުގައި ތަހުގީގު ހިންގި ކަމަށް ބަޔާން ނެރެ އިތުރުފުޅު ހެއްދެވީ ކީއްވެތޯ އެހުމުން މުނާޒް ވިދާޅުވީ "ފުލުހުންނާއި [އަޅުގަނޑު] ވެސް ހަދަނީ ދޮގެއް ނޫން" ކަމަށެވެ.

"އެ ބޭފުޅުން އެ ހައްދަވަނީ ދޮގެއް ނޫން. އަޅުގަނޑުމެން މި ހަދަނީ ދޮގެއް ނޫން. އެ ބޭފުޅުން އެތާ ތިއްބައި ގޮޅިތެރޭގައި ހިނގި ހަމަނުޖެހުމަކާ ގުޅިގެން ތަހުގީގަށޭ އެ ބޭފުޅުން ވަޑައިގަތީ ގޮޅިތައް ބަލާލަންވެގެން،" އޭނާ ވިދާޅުވި އެވެ.

އެ ހިސާބުން އެ މީހުން ތަހުގީގު ފެށި ކަމަށް މުނާޒް ވިދާޅުވި އެވެ.

އެމްސީއެސްގެ ބެލުމުގެ ދަށުގައި ތިބި ބަޔަކު، އެކަކު އަނެކަކަށް އަނިޔާކޮށްފި ނަމަ އެކަން ބެލެން ޖެހޭނެ، އަދަބު ވެސް ލިބެން ޖެހޭނެ. އަނިޔާވި ގައިދީ ދައުވާކުރަން ބޭނުން ނުވިއަސް މުއައްސަސާގެ ފަރާތުން އަޅުގަނޑުމެން ބޭނުން އެ މައްސަލަ ބަލަން. އެހެންވެ އެ ދުވަހު ފުލުހުން އެތަނަށް ވައްދަން ޖެހުނީ.

މުނާޒް މިހެން ވިދާޅުވި ނަމަވެސް ޖަލުގެ ބައެއް އޮފިސަރުން ވިދާޅުވެފައިވާ ގޮތުގައި ރިމާންޑް ޖަލުގެ ގޮޅިއެއް ކަރެކްޝަނަލް ސާވިސްގެ އިންސްޕެކްޓަރާއި ފުލުހުންގެ ހާޒިރުގައި ބަލައި ފާސްކުރަން މުނާޒް ބޭނުންވީ މާ ބޮޑު ސަބަބެއް އޮވެގެންނެއް ނޫނެވެ. ސަބަބެއް ނެތި ގޮޅިއަށް ވަދެފި ނަމަ، ހަމަނުޖެހުންތަކެއް ހިނގާފާނެ ކަމަށް އޮފިސަރުން މުނާޒަށް ދެންނެވި ކަމަށް ވެ އެވެ.

ޖަލުތަކުގެ ހާލަތު ބަލަން މި ސަރުކާރުން އުފެއްދި ކޮމިޝަނުން އެކުލަވާލި ރިޕޯޓުގައި 180 ކަމެއް އިސްލާހު ކުރަން ލަފާދީފައިވެ އެވެ. އޭގެ ތެރެއިން މިހާތަނަށް އިސްލާހުކޮށްފައި ވަނީ ކޮން ކަންތައްތަކެއްތޯ ދެންނެވުމުން ވިދާޅުވީ ޕްރެސް އަށް ވަޑައިގަތީ އެ މައުލޫމާތަށް ތައްޔާރުވެގެން ނޫން ކަމަށެވެ. އެހެންވެ ތަފްސީލުކޮށް ވިދާޅުވާން އުޅުއްވައިގެން ކުށެއް ޖެހިދާނެ ކަމަށް ވިދާޅުވި އެވެ.

ޖަލުތަކުގެ ކަންކަން މަޝްވަރާއަކާ ނުލައި މުނާޒް އަމިއްލަ އަށް ނިންމެވުމާއި އިސްލާހަށް ހުރި ޕްލޭންތަކާއި ތަންފީޒު ކުރަން ކަނޑައަޅާފައިވާ މުއްދަތުތައް ނާންގާތީ އޮފިސަރުންގެ ވެސް ހިތްހަމަނުޖެހުންތަކެއް އެބަ ހުއްޓެވެ. އެކަމަކު މި ސުވާލުތަކަށް މުނާޒް ފުރުސަތެއް ނުދެއްވަ އެވެ.

އަމިއްލަ އަށް ދިފާއުވެވަޑައިގަތުމަށް ފަހު، ޕްރެސް ކޮންފަރެންސް ނިންމާލެއްވީ އެވެ! އެ ހޯލުން ނުކުމެވަޑައިގަތުމުގެ ކުރިން ވިދާޅުވީ ދެން ވަރަށް ގިނަގިނައިން ނޫސްވެރިންނާ ބައްދަލުކޮށް މައުލޫމާތު ހާމަކުރައްވާނެ ކަމަށެވެ.

11 ކޮމެންޓް, 32 ރިއެކްޝަންސް

icon happy icon happy 6%
icon sad icon sad 0%
icon angry icon angry 94%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ގގގގ

09 January 2020

ކުރީގެ ސަރުކާރު މިއަދުވެސް އޮތްނަމަ. ތަރައްޤީ އިންތިހާ. ގައުމުގެ ހަޒާނާ 2 އިން 9 ލައްކައަށް އިތުރުކޮށްދިން. ވަޒީފާގެ ފުރުސަތުތައް ބައިވަރު. ކިޔަވާ ލޯނާއި ވިޔަފާރިލޯނުތައް ލިބުނު. ހަޒާނާ ހުސްކުރަނީ ކަމަށް ބަޔަކު ދެއްކީވެސް ދޮގުވާހަކައެއްކަން އެނގުނު. މމޕރސ ގެ ފައިސާ ކެއީކަމަށް ބުނެވެސް ހެދީ ދޮގު. ޝަރީޢަތަށް އެންމެ ހެތްކެއްވެސް ހުށަނޭޅުނު. ފާސިގެއްގެ ހެކިބަސް އެކަނި ލިބުނީ. ލިޔެކިޔުމުން އެއްވެސް ހެތްކެއްނެތް. ސަދޫމުގެ ޝަރީއަތްހިންގީ.

The name is already taken The name is available. Register?

ޑަން

08 January 2020

މިކަހަލަ ތާކުން ތާކު ނުޖެހޭ މާ ފޮނިބޮޑުވެފަ ބޮޑާކަންމަތީ ތިބޭ މީހުން ޓިނު ނަގައިގެން ވިޔަސް ބޭރުކިރާ

The name is already taken The name is available. Register?

ޖާބެ

08 January 2020

ޖަލައްތަކެތި ނުވައްނަނަމަ ޖަލުގަހިގާ ކަންކަމެއް ނުފެންނާނެ އިވާން ނަސީމްގެ ކޭސް ހަނދާންކޮށްލަންޖެހޭ. ސިޔާސީ ކުއްވެރިންގެ ގޮތުގަ ޝެއިޙް އިމްރާން އޮތްއިރުވެސް ފެނުނު މުވާސަލަތީ ބޭނުމައް ބޭނުންކޮށްފަ ހުރި ތަކެތި.

The name is already taken The name is available. Register?

ކަނޑު ދާއްބަ

08 January 2020

ހަގީގަތުގަ މިސަރުކާރު މިވަނީ ހުރިހާގޮތަކުންވެސް ފެއިލްވެފަ ވައުދުވީ އެއްވެސް ކަމެއް މިދަނީނުވެގެން އަނެއްކާ އަނެއް އިންތިހާބު ބޯމަތިވެ އަނެއްވައުދުތައް މިދަނީ އޮހެމުން ރައްޔެތުންގެ އިތުބާރު މިވަނީގެއްލިފަ ރައްޔެތުންނައް ދެއްކި ހުވަފެން މިވަނީ ބިލާހަކައްވެ އުއްމީދު ގެއްލިފަ

The name is already taken The name is available. Register?

ކަނަމަނަ

08 January 2020

މީ ކޮންތާކުން އަންނަބައެއްތަ. މަގާމެއްދޭއިރު އެޙަވާލުކުރާކަމެއް ތިމާއަށް ނުކުރެވޭނެކަން އެނގިހުރެ ހަވާލުވުމާ މީހާގެ ޤާބިލުކަމަށް ނުބަލާ މަގާމް ދިނުމަކީ މައްސަލައެއް.

The name is already taken The name is available. Register?

އާރީ

08 January 2020

މުނާޒަކީ މަގާމްގެ މަސްއޫލިޔަތަށް ގާބިލު ބޭފުޅެއް ނޫންކަށް ވަރަށް ރަގަޅަށް މިއަދު ހާމަވި. ނޫސްވެރިޔަކު ސުވާލުކުރީމަ ކޮންހާ ހާސަރެއް ދަމާ ކަން ދެވެންއޮތް އެއްމެ ރަގަޅަކަށް މައުލޫމާތު ހާމަކުރަށްވާނެ. މަސްއޫލިޔަތު ނުފުލެއްޏާ އިސްތިއުފަދީބަލަ.

The name is already taken The name is available. Register?

ހަމްދީ

08 January 2020

ޖަލަށް ތަކެތި ވައްދާ ދޮރުތައް ވަނީ ފާހަގަ ވެފައޭ ބުނިއިރު އެއީ ބަކިންގހަމްޕެލަސްތަ؟ޖަލު މީހުނ ބަލަހައްޓަނީ ކަރެކްޝަނުން ނޫންތަ..ޖަލަށް ތަކެތި ވައްދަނީ ކަރެކްޝަން ފޫގޮއްސަ އޮތީމަ..

The name is already taken The name is available. Register?

ބަލްގިސް

08 January 2020

މުނާޒްގެ ވާހަަކަތައް ބަސްއެހީ..ކުރީ ސަރުކާރު އިހްމާލޭ މީޑިއާތަކުގައި ބުނެފިނަމަ އެއީ ލިބޭ ޕްލަސް ޕޮއިންޓެއް ވަޒީފާ ޔަގީންވީ..ޖަލުގައި ކަމެއް ރަނގަޅުނުވޭ މުނާޒް ތިހެން ބުނިކަން ހަމައެކނި..

The name is already taken The name is available. Register?

ރަހްމީ

08 January 2020

މޭޔަރ ޝިފާ ރައްކާތެރިންހޯދާހެން ތިހަދަނީ..ކުރީ ސަރުކާރު ކުރީ ސަރުކާރު..ބަލަ އެއްއަހަރުވީ ގޮޅިހަދަން ބޭނުންނަމަ ހަދަންވީނު..ފޯނާއި މަސްތުވާ ތަކެތި ޖަލަށް ވެއްދުން ބޮޑު ވިޔަފާރިއެއް...އޮފިސަރުންގެ 1މަހު މުސާރައިގެ އެތައް ގުނައެއް ލިބޭ ތަކެތި ވައްދައގެން..

The name is already taken The name is available. Register?

ދިވެއްސެއް...

08 January 2020

ރަގަޅު ވާހަކައެއް. އަބަދު ކުރީ ސަރުކާރޭ ކިޔާއަޑުއަހަން މިހާރު ވަރުބަލިވެއްޖެ. ކުރީ ސަރުކާރު ކަމުނުގޮސްގެން އާސަރުކާރެއް ގެނައީ. މުނާޒުގެ ވާހަކަހުންނަނީ ކަންތައްތައް ފޮރުވާ ރެކިގަންނަން މަސައްކަތް ކުރާކަހަލަ ގޮތަކަށް.

The name is already taken The name is available. Register?

‫މީވީގޮތޭ

08 January 2020

‫ހަމަޖެހިފައި އޮތް ޖަލުގައި ލަވާ ހަޅޭކުގެ އަޑު މިހާރުވެސް ބޭރަށްވެސް އެބަހުއްޓެވެ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454