އައްޑޫ އާ ހޮސްޕިޓަލަށް ލޯގޯއެއް ޑިޒައިންކުރަން ހުޅުވާލައިފި

އައްޑޫގައި ހުޅުވަން ތައްތާރުވަމުން އަންނަ އާ ހޮސްޕިޓަލް، އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް) ގެ ލޯގޯ ފަރުމާކުރަން ޝައުގުވެރިވާ ފަރާތްތަކަށް ފުރުސަތު ހުޅުވާލައިފި އެވެ.


އުވައިލަން ނިންމާފައިވާ ހިތަދޫ ރީޖަނަލް ހޮސްޕިޓަލް (އެޗްއާރްއެޗް) އިން ނެރުނު އިއުލާނެއްގައި ބުނީ އައްޑޫގައި ހެދި ކޮންވެންޝަން ސެންޓަރުގައި ގާއިމުކުރި ހޮސްޕިޓަލްގެ ލޯގޯ ފަރުމާކޮށްދޭން ޝައުގުވެރިވާ ފަރާތްތަކުން ލޯގޯ ހުށަހެޅުމުގެ ފުރުސަތު މި މަހުގެ 19 ވަނަ ދުވަހާ ހަމަ އަށް ހުޅުވާލާފައިވާ ކަމަށެވެ.

އެއް ވަނަ އަށް ހޮވޭ ލޯގޯއަކަށް އިނާމެއްގެ ގޮތުގައި 10،000ރ. ދޭން ވަނީ ނިންމައިފަ އެވެ.

އެޗްއާރްއެޗުން ބުނިގޮތުގައި ހުށަހަޅާ ލޯގޯތައް ވާންޖެހޭނީ އުފެއްދުންތެރި އަމިއްލަ އެއްޗަކަށެވެ. ލޯގޯ ހޮވުމުގައި ބަލާނެ ކަންކަމުގެ ތެރޭގައި ލޯގޯ އަކީ ހޮސްޕިޓަލުގެ ބިޒްނަސް ކާޑާއި ލެޓަހެޑާއި ބެނާތަކާއި ޔުނިފޯމާއި ޓީޝާޓް ފަދަ ތަކެތީގައި ބޭނުންކުރުމަށް އެކަށޭނަ އެއްޗަކަށްވުމާއި ލޯގޯގައި ހަނދުފަޅި އާއި ކްރޮސް ބޭނުން ނުކުރުން އަދި އައްޑޫ ރަމްޒުކޮށްދޭ ލޯގޯއަކަށްވުން ހިމެނެ އެވެ.

މީގެ އިތުރުން ލޯގޯގައި ލޯގޯގައި އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލް ނުވަތަ އޭއީއެޗް" (Addu Equatorial Hospital/ AEH) ދިވެއްސާއި އިނގިރޭސި ބަހުން އިންނަން ޖެހޭނެ އެވެ.

އެޗްއާރްއެޗުން ބުނީ ލޯގޯ ހުށަހަޅާ މީހުންނަށް އެއް ލޯގޯ އަށް ވުރެ ގިނ ލޯގޯ ވެސް ހުށަހެޅިދާނެ ކަމަށާއި ލޯގޯއެއް ހޮވާނީ ލޯގޯ ހުށަހަޅާ މީހުންނަކީ ކޮބައިކަން ސިއްރުކުރުމަށް ފަހު، އެކަމަށް ހާއްސަ ކޮމިޓީއަކުން ކަމަށެވެ.

މާލެ ސަރަހައްދުން ބޭރުގައި ތަރައްގީކޮށް، ހުޅުވާ ފުރަތަމަ ޓާޝަރީ ހޮސްޕިޓަލް އައްޑޫގައި ހުޅުވަން އެންމެ ފަހުގެ ތައްޔާރީތައް ވަމުން އަންނަ އިރު، އެ ހޮސްޕިޓަލަކީ ގައުމީ އަދި ބައިނަލްއަގްވާމީ ފެންވަރުގައި ހިދުމަތް ދެވޭނެ ތަނަަކަށްވާތީ ހޮސްޕިޓަލް ރަމްޒުކޮށްދޭ ލޯގޯ އަކީ ހޮސްޕިޓަލްގެ މޫނުމަތީގެ ގޮތުގައި ފެންނަ އެއްޗަކަށްވެފައި އެއީ ހޮސްޕިޓަލްގެ "ބްރޭންޑް ރެކޮގްނިޝަން" އިތުރު ވާނެ ކަމެއް ކަމަށް އެޗްއާރްއެޗުން ބުނެ އެވެ.

އައްޑޫ އާ ހޮސްޕިޓަލަށް އައްޑޫ އިކްޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް) ގެ ނަން ދީފައި ވަނީ ހޮސްޕިޓަލަށް ކިޔާނެ ނަމަކަށް އާންމުންގެ ހިޔާލަށް ވެސް ސޯޝަލް މީޑިއާގައި ވޯޓަކުން ހުޅުވާލައިގެން އެންމެ ގިނަ ވޯޓް ލިބުނު ނަން އައްޑޫ ސިޓީ ކައުންސިލުން ފާސްކުރުމަށް ފަހު އެވެ.