މަނީ ލޯންޑްރިންގެ ކުށް ސާބިތުވެ ފަސް އަހަރަށް ޖަލަށް ލާފައިވާ ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ބެއިލްގެ ފުރުސަތު ލިބިވަޑައިގަތުން ލަސްވާތީ ކަންބޮޑުވުން ފާޅުކުރައްވާ ކަމަށް އެމަނިކުފާނުގެ ވަކީލް އަދި ކުރީގެ ނައިބު ރައީސް މުހައްމަދު ޖަމީލް އަހުމަދު މިއަދު ވިދާޅުވެއްޖެ އެވެ.
ޔާމީންގެ މެސެޖެއް ކަމަށް ވިދާޅުވެ ޖަމީލް ކުރެއްވި ޓްވީޓެއްގައި ވަނީ ދޮޅު މަސް ވީއިރު ޔާމީންގެ ބެއިލްއާ މެދު ކޯޓުން ގޮތެއް ނުނިންމުމަކީ ކޮން ކަހަލަ ހަމައެއްތޯ ސުވާލު އުފައްދަވާފަ އެވެ.
"ތަފާތުކުރުމެއް ނެތި އެމަނިކުފާނަށް ވެސް ބެއިލްގެ ފުރުސަތު ލިބުމަކީ އިންސާފުގެ ހަމަ،" ޖަމީލްގެ ޓްވީޓްގައި ވެ އެވެ.
"ގާނޫނީ ހައްގު ކަށަވަރުކޮށްދީ، ލަސްނުކޮށް އިންސާފް ލިބުމަކީ ޖުޑީޝަރީ އިސްލާހުވުން."
ޔާމީންގެ މައްޗަށް މަނީ ލޯންޑްރިންގެ ދައުވާކުރީ އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ފައިސާ ވަން އެސްއޯއެފްގެ އެކައުންޓަކުން އެމަނިކުފާނުގެ އެކައުންޓަކަށް އެއް މިލިއަން ޑޮލަރު ޖަމާކުރި މައްސަލައިގަ އެވެ.
އެ އެއް މިލިއަން ޑޮލަރާ މެދު ޔާމީން އަމަލްކުރެއްވި ގޮތުން އެއީ މަނީ ލޯންޑަރިންގެ ކުށެއް ކަމަށް ސާބިތުކޮށް ފަސް އަހަރުގެ ޖަލު ހުކުމެއްގެ އިތުރުން ފަސް މިލިއަން ޑޮލަރުން ޖޫރިމަނާ ވެސް ކުރި އެވެ.
އެކަމަކު ކްރިމިނަލް ކޯޓުގެ ހުކުމް، ހައި ކޯޓުގައި މިހާރު ވަނީ އިސްތިއުނާފްކޮށްފަ އެވެ. އިސްތިއުނާފްގެ މުއްދަތު ނިމެންދެން އެމަނިކުފާނު ގޭބަންދަށް ބަދަލުކޮށްދޭން ކަމާ ބެހޭ މުއައްސަސާތަކަށް އެމަނިކުފާނު ވަނީ ހުށަހަޅުއްވައިފަ އެވެ.