ފާއިޒްގެ ޝުކުރު ރައީސަށް، ވިދާޅުވަނީ މިވަގުތު ވާހަކަ ދެއްކުން ރަނގަޅު ނޫން ކަމަށް!

ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ކުރީގެ އުއްތަމަ ފަނޑިޔާރު އަހުމަދު ފާއިޒް ހުސައިން އައްޔަން ކުރަން ނުފެންނަ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ލަފާ އަރުވަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމުމާ އެކު އޭނާގެ ނަން ހުށަހެޅުއްވީތީ ފާއިޒް ރައީސަށް މިއަދު ޝުކުރު އަދާ ކުރައްވައިފި އެވެ.


ޖޭއެސްސީން އަމަލުކުރި ގޮތާ މެދު އެއްޗެއް ވިދާޅު ނުވެ ހަމައެކަނި ރައީސަށް ޝުކުރު އަދާކުރައްވައި ފޭސްބުކްގައި ވިދާޅުވީ "އިތުރު ވާހަކައެއް ދެއްކުން މިވަގުތަށް ރަނގަޅު ނޫން" ކަމަށެވެ.

ގާނޫނުއަސާސީ ބުނާގޮތުން ސުޕްރީމް ކޯޓަށް ފަނޑިޔާރުން އައްޔަން ކުރެވޭނީ ޖޭއެސްސީގެ ލަފާގެ މަތިން ރައްޔިތުންގެ މަޖިލީހަށް ރައީސް ފޮނުއްވާ ނަންފުޅުތަކަކަށް ބިނާކޮށް، އެ މަޖިލީހުންނެވެ.

ޖޭއެސްސީ އަށް ފާއިޒްގެ ނަން ރައީސް ފޮނުއްވުމާ އެކު އޭނާއާ ގުޅުން ހުރި މައްސަލަތަކެއް ބަލަމުން އަންނަ ކަމަށް ޖޭއެސްސީން ވަނީ ބުނެފަ އެވެ.

އެ ތަހުގީގާ ގުޅުވައި އެ ކޮމިޝަނުން މިއަދު ނެރުނު ބަޔާނެއްގައި ވަނީ އުއްތަމަ ފަނޑިޔާރުގެ މަގާމާއި އޭގެ ކުރިން ސުޕްރީމް ކޯޓުގެ ފަނޑިޔާރެއްގެ މަގާމުގައި ފާއިޒް ހުންނެވިއިރު، އެ ކޯޓުގެ އިހްތިސާސްގެ ބޭރުން ނިންމި ނިންމުންތަކުގައި ބައިވެރިވެވަޑައިގެންފައިވާ ކަމަށް އެކަމާ ބެހޭގޮތުން އެ ކޮމިޝަނުން އެކުލަވައިލި ދިރާސާ ރިޕޯޓުގައި ފާހަގަ ކޮށްފައިވާ ކަމަށެވެ. އެހެންވެ، ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ފާއިޒް އައްޔަން ކުރަން ނުފެންނަ ކަމަށް ރައީސަށް ލަފާ އަރުވަން ނިިންމާފައިވާ ކަމަށް ޖޭއެސްސީން ބުންޏެވެ.

ފާއިޒާ މެދު ޖޭއެސްސީން ހިތްހަމަނުޖެހުނު އެއް ސަބަބަކީ އެނގިފައިވާ ގޮތުގައި، 2013 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރު ބާތިލްކޮށް، ފާއިޒް ވެސް ހިމެނިވަޑައިގެންނެވި ސުޕްރީމް ކޯޓުގެ ބެންޗުން އިންތިޚާބު ކުރިއަށް ގެންދިއުމާ ގުޅޭ ގޮތުން ގައިޑްލައިނެއް އެކުލަވާލާފައިވާ މައްސަލަ އެވެ. އެއީ ގާނޫނުއަސާސީއާ ޚިލާފަށް އިލެކްޝަންސް ކޮމިޝަނަށް އަމަލުކުރަން މަޖުބޫރުކުރުވި ގައިޑްލައިނެއް ކަމަށް ބުނެ ސުޕްރީމް ކޯޓަށް ފާޑުކިއުން އަމާޒުވި އެވެ.

އުއްތަމަ ފަނޑިޔާރުގެ މަގާމުގައި ހުންނަވަނިކޮށް ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗު ކުޑަކުރުމުގެ ގޮތުން ކަމަށް ބުނެ ފާއިޒް މަގާމުން ވަކިކުރީ 2014 ވަނަ އަހަރު އެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗުގައި މިހާރު ތިއްބެވީ އުއްތަމަ ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާނާއި ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރާއި ފަނޑިޔާރު ހުސްނުއްސުއޫދުގެ އިތުރުން ފަނޑިޔާރު އައިޝާ ޝުޖޫން މުހައްމަދު އަދި ފަނޑިޔާރު މަހާޒް އަލީ ޒާހިރެވެ. ސުޕްރީމް ކޯޓުގައި އަދި އިތުރު ދެ މަގާމެއް ހުސްކޮށް އެބައޮތެވެ.