ޖޭއެސްސީ މެމްބަރުން ކޯޓުތަކުގައި ވަކާލާތުކުރުމުގެ ދޮރު ބަންދުކުރަންޖެހޭ: ފާއިޒު

ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ ގާނޫނަށް އިސްލާހު ގެނެސް، އެ ކޮމިޝަންގެ މެމްބަރުންގެ ކޯޓުތަކުގައި ވަކާލާތުކުރުމަށް އޮތް މަގު ބަންދުކުރަންޖެހޭ ކަމަށް ކުރީގެ އުއްތަމަ ފަނޑިޔާރު އަހުމަދު ފާއިޒު ހުސެއިން ރޭ ވިދާޅުވެއްޖެ އެވެ.


ރިޔާސީ އިންތިޚާބާ ގުޅޭ ދުސްތޫރީ މައްސަލައެއް، ރައީސް އަބްދުﷲ ޔާމީންގެ ފަރާތްޕުޅުން ހުށަހެޅުއްވި މުހައްމަދު ސަލީމް (ރޭނިސް) އަށް ވަކީލުން ފާޑުވިދާޅުވެ "މިހާރު" ގައި ލިޔުނު ހަބަރު ހިއްސާކުރެއްވުމަށް ފަހު ފާއިޒު އޭނާގެ ފޭސްބުކްގައި ވިދާޅުވީ، ޖޭއެސްސީ އުފެދުނީއްސުރެ އެފަދަ ކަންތައްތައް ކުރަމުން އަންނަ ކަމަށެވެ. އަދި އެއީ މަސްލަހަތު ފުށުއަރާ ކަމެއް ކަމަށް ވެސް ފާއިޒު ވިދާޅުވި އެވެ.

"ފެނުނު މަންޒަރު ރަނގަޅެއް ނޫން. ކުރެވުނު ތަޖުރިބާ ރަނގަޅެއް ނޫން. ޖޭއެސްސީގެ ގާނޫނަށް އިސްލާހު ގެނެސް، މިފަދަ ދޮރުތައް ބަންދުކުރަން ޖެހޭ،" ފާއިޒު ވިދާޅުވި އެވެ.

ޖޭއެސްސީ އަށް ރައީސް އައްޔަންކުރައްވާފައިވާ މެމްބަރަކު، އެމަނިކުފާނުގެ ފަރާތްޕުޅުން ސުޕްރީމް ކޯޓަށް ވަޑައިގަތުމަކީ މަސްލަހަތު ފުށުއަރާ ކަމެއްކަން ފާހަގަކޮށް ބައެއް ވަކީލުން ވެސް ވަނީ ކަންބޮޑުުވުން ފާޅުކޮށްފަ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ތެރެއިން ޖޭއެސްސީ އަށް އައްޔަންކުރައްވާފައިވާ މެމްބަރު، ގުރައިދޫ ދާއިރާގެ ޕީޕީއެމް މެމްބަރު އަހުމަދު ރިޒާ ވެސް އަންނަނީ އެކި މައްސަލަތަކުގައި ކޯޓުތަކުގައި ވަކާލާތުކުރައްވަމުންނެވެ.

ޖޭއެސްސީ އަކީ ފަނޑިޔާރުންގެ ސުލޫކީ މައްސަލަތައް ބަލައި ފިޔަވަޅު އަޅާ ކޮމިޝަން ކަމަށް ވާއިރު، ބައެއް ގާނޫނީ ވަކީލުން ބުނާ ގޮތުގައި އެފަދަ ކޮމިޝަނެއްގައި ހުންނަވާ ބޭފުޅަކު ވަކާލާތު ކުރައްވަން ކޯޓުތަކަށް ވަޑައިގަތުމަކީ އަހުލާގީ މައްސަލަ އެކެވެ.

މިހާރު އަމަލުކުރާ ގާނޫނު އުގޫބާތު އެކުލަވައިލުމުގައި އިސްކޮށް އުޅުއްވި ކުރީގެ ޑެޕިއުޓީ ޕްރޮސިކިއުޓާ ޖެނެރަލް ހުސެއިން ޝަމީމް ވިދާޅުވީ، ސުލޫކީ މައްސަލާގައި ފަނޑިޔާރުންނާ މެދު ފިޔަވަޅު އަޅަން ތިއްބަވާ ބޭފުޅުން، އެ ފަނޑިޔާރުންގެ ކުރިފުޅު މައްޗަށް ވަކާލާތު ކުރައްވަން ވަޑައިގަތުމަކީ ރާއްޖޭގެ ގާނޫނީ ނިޒާމު މަސައްކަތް ކުރާ ގޮތަށް ބަލާއިރު ކޮށްގެން ވާނެ ކަމެއް ނޫން ކަމަށެވެ. އެއީ އިންސާފާ މެދު އޮންނަ އިތުބާރު ގެއްލޭނެ ކަމެއް ކަމަށް ވެސް ޝަމީމް ވިދާޅުވި އެވެ.

ޖޭއެސްސީގައި ތިއްބަވާ މެމްބަރުން އެ މަގާމުގައި ތިިއްބަވާ މުއްދަތުގައި ގާނޫނީ ވަކީލެއްގެ ހައިސިއްޔަތުން ވަކާލާތު ކުރުން މަނާ ކުރުމަށް މީގެ ކުރިން ހުށަހެޅި ނަމަވެސް އެގޮތަށް ކަނޑައަޅާފައެއް ނުވެ އެވެ. އެހެންވެ، އެއީ ގާނޫނީ ގޮތުން މަނާ ކަމެއް ނޫނެވެ.