ސިފައިންގެ ދެ މީހަކު ކުއްޖަކު ރޭޕްކުރި ކަމުގެ މައުލޫމާތެއް ހިއްސާއެއްނުކުރޭ: އެމްއެންޑީއެފް

ސިފައިންގެ ދެ މީހަކު، ކުޑަ ކުއްޖަކު ރޭޕްކުރި ކަމުގެ މައުލޫމާތެއް އެއްވެސް ފަރާތަކުން ސިފައިންނާ ހިއްސާ ކޮށްފައިވާ ނެތް ކަމަށް އެމްއެންޑީއެފުން މިއަދު ބުނެފި އެވެ.


ގއ. ކަނޑުހުޅުދޫގައި ދެ އަހަރު ކުއްޖަކު ރޭޕް ކުރުމާ ގުޅިގެން، ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީން ރޭ ބޭއްވި ކުއްލި ބައްދަލުވުމުގައި އައްޑޫ މީދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު ރޮޒެއިނާ އާދަމް ވިދާޅުވީ އުމުރުން 15 އަހަރުގެ އަންހެން ކުއްޖަކު ރޭޕްކުރި ސިފައިންގެ ދެ މީހެއްގެ މައްސަލަ އެ ކުއްޖާގެ މަންމަ ފުލުސް އޮފީހަށް ހުށަހެޅުމުން ވެސް އެކަން ކުރިއަށް ނުދިޔަ ކަމަށެވެ. އެހެންވެ އޭނާ އަމިއްލަ އަށް ވިލީފުލުހަށް ވަޑައިގެން އެ މައްސަލަ ހުށަހެޅުއްވި ކަމަށް ރޮޒައިނާ ވިދާޅުވި އެވެ.

އެ ކުއްޖާ ވިކްޓިމައިޒްކޮށްފައި ވަނީ ފޭސްބުކް މެދުވެރިކޮށް ކަމަށާއި އޭގެ ފަހުން ވެސް އެ މީހުން ކިތައް ކުދިންނާ ދޭތެރޭ އެގޮތަށް އަމަލު ކޮށްފައިވޭތޯ ސުވާލު އުފެދޭ ކަމަށް ރޮޒައިނާ ވިދާޅުވި އެވެ.

އެކަމާ ގުޅިގެން އެމްއެންޑީއެފުން ނެރުނު ބަޔާނުގައި ބުނީ ރޭޕާ ގުޅޭ މައުލޫމާތު އެއްވެސް ފަރާތަކުން އެ އިދާރާއާ ހިއްސާކޮށްފައި ނުވާ ކަމަށެވެ. ރޮޒެއިނާ އަދި ފުލުހުންނާ ގުޅުމުން ވެސް، 15 އަހަރުގެ ކުއްޖަކު ރޭޕްކުރި ކަމެއް، އެކަމެއް ކުރި މީހަކު ނުވަތަ ބަޔަކު ބުނެދީފައި ނުވާ ކަމަށް ބުންޏެވެ.

ސިފައިންގެ މީހެއްގެ ފަރާތުން އެފަދަ ދަށު ދަރަޖައިގެ ލާއިންސާނީ އަމަލެއް ހިންގާފައިވާކަމުގެ މައުލޫމާތު ހިއްސާކޮށްފިނަމަ، އެ މައްސަލައެއް ވަގުތުން ބަލައި ފިޔަވަޅު އަޅާނެ ކަމަށް ވެސް އެމްއެންޑީއެފުން ބުންޏެވެ.

"ކުރިއަށް އޮތްތަނުގައި ވެސް މިގޮތަށް އަމަލު ކުރެވޭނެ ކަމުގެ ޔަގީންކަން ދިވެހި ހުރިހާ ލޮބުވެތި ރައްޔިތުންނަށް އަރުވަމެވެ،" ބަޔާނުގައި ބުންޏެވެ.

ދެ އަހަރުގެ ކުއްޖަކު ރޭޕްކުރުމާ ގުޅިގެން އެތައް ބަޔަކު ކަންބޮޑުވުން ފާޅުކުރަމުން ދާއިރު، އެ މައްސަލައާ ގުޅިގެން މިހާތަނަށް ވަނީ ތިން މީހަކު ހައްޔަރުކޮށްފަ އެވެ. އެއީ ކުއްޖާގެ ބައްޕަ އާއި ކާފަގެ އިތުރުން މުނިކާފަ އެވެ. އޭގެ ތެރެއިން ކާފަ އާއި މުނިކާފަގެ ބަންދަށް 15 ދުވަސް ޖަހައި، މައްސަލަ ތަހުގީގުކުރުމަށް ވަނީ މާލެ ގެނެސްފަ އެވެ.