ޓެސްޓުތަކަށް ފަހު ކުޑަ ކުއްޖާ ދޫކޮށްލައިފި

ޖިންސީ ޝިކާރައަކަށް ވި ދެ އަހަރު ނުފުރޭ އަންހެން ކުއްޖާ އަށް ލިބިފައި ހުރި ގެއްލުންތައް ދެނެގަންނަން ޓެސްޓުތައް ހަދައި، ފަރުވާ ދީ ގެއަށް ބަދަލުކޮށްފި އެވެ.


ކަނޑުހުޅުދޫގެ، އުމުރުން 62 އަހަރުގެ ކާފަ އާއި 82 އަހަރުގެ މުނިކާފަގެ އަނިޔާއާ ތަކުރާރުކޮށް ކުރިމަތިލާން ޖެހުނު ކަމަށް ތުހުމަތު ކުރެވޭ ކުއްޖާގެ ހާލަތު ދެނެގަތުމަށް، އައިޖީއެމްއެޗުން ހެދި ޓެސްޓުތަކަށް ފަހު، އެ ކުއްޖާގެ ހާލަތެއް ކަމާބެހޭ އިދާރާތަކުން އާއިލާއާ އަދި ހިއްސާއެއް ނުކުރެ އެވެ. އެކަމަކު، އެ ކުއްޖާ އަށް ވަރަށް ބޮޑަށް އަނިޔާ ލިބިފައިވާ ކަން އޭގެ ކުރިން ބުނެފައިވެ އެވެ.

"ވަރަށް ބޮޑުވަރު ކޮށްލާފައި އޮތީ، އިޔާދަނުކުރެވޭ ވަރުގެ އަނިޔާތަކެއް ދީފައިވޭ،" އާއިލާ އިން ވާހަކަ ދެއްކި މީހަކު ބުންޏެވެ.

މައްސަލަ ފަޅާއެރުމުން ފުރަތަމަ އެ ކުއްޖާ ގެންދިޔައީ، ގދ. ތިނަދޫ ހޮސްޕިޓަލަށެވެ. އަމިއްލަ ލޭ ހިނގާ ކުއްޖާ އަށް ރަހުމެއް، ކުލުނެއް، އިންސާނިއްޔަތު ކަމެއް ނުބަހައްޓައި ބަޔަކު ކޮށްލާފައި އޮތް ވަރު ފެނި ޑޮކްޓަރަށް ވެސް ރޮވުނު ކަމަށް އާއިލާ އިން ބުނެ އެވެ.

ޖިސްމާނީ އަނިޔާގެ އިތުރުން އެ ކުއްޖާ އަށް ނަފްސާނީ ގޮތުން ވެސް ބޮޑެތި އަނިޔާތަކެއް ލިބިފައިވެ އެވެ. އަނދިރި ތަންތަން ދެކެ އިންތިހާ އަށް ބިރުގަތުމާއި ފާޚާނާ އަށް ވަންނަން ޖެހިލުން ވުން ފަދަ ކަންކަމަކީ ޖިންސީ ގޯނާއާ ގުޅިގެން އެ ކުއްޖާ އަށް ކުރިމަތިވި ކަންކަން ކަމަށް އާއިލާ އިން ގަބޫލުކުރެ އެވެ.

ދައުލަތުގެ ބެލުމުގެ ދަށުން، އެ ކުއްޖާގެ ޒިންމާތައް މިހާރު ހަވާލުކޮށްފައި ވަނީ މާމައާ އެވެ. މަސްތުވާތަކެއްޗާ އެކު ބާރުގަދަ ބޭސްތަކެއް ކައިގެން ހާލު ދެރަވެ، އިމަޖެންސީގައި މާލެ ފޮނުވާލި މަންމަ އަށް ވެސް ފަރުވާދީފައި މިހާރު ވަނީ ގެއަށް ދޫކޮށްލައިފަ އެވެ. އެކަމަކު އެ ކުއްޖާއާ، މަންމަ ބައްދަލުކުރުމުގެ ހުއްދައެއް އަދި ނެތް ކަމަށް އާއިލާ އިން ބުންޏެވެ.

ކާފަ އާއި މުނި ކާފަގެ ފަރާތުން އަނިޔާލިބެމުން ދިޔަކަން އެއް އަހަރާ ނުވަ މަހުގެ އެ ކުއްޖާ މަންމަގެ ފަރާތު އާއިލާއާ ހިއްސާކުރީ އަމިއްލަ އަށެވެ. އޭގެކުރިން އެ ކުއްޖާ ދިރިއުޅެމުން އައީ މަސްތުވާތަކެތި ބޭނުންކުރާ މަންމަ އާއި ބައްޕައާ އެކުގަ އެވެ. އެ ކުއްޖާ އަށް ޖިންސީ ގޯނާކުރި ކާފަ އާއި މުނި ކާފަ ވެސް އުޅުނީ އެ ގޭގެ އެވެ.

އެ ކާފަގެ ފަރާތުން ކުއްޖާގެ މަންމަ އަށް ވެސް ޖިންސީ އަނިޔާ، އެކި ފަހަރު މަތިން ކުރި ކަމުގެ ތުހުމަތު މިހާރު ވަނީ ކޮށްފަ އެވެ.