ކުޑަ ކުއްޖަކު މަގެއްގެ މަތީގައި: ދެ އަހަރު ނުފުރޭ ކުއްޖަކު ޖިންސީ ޝިކާރައަކަށް ހެދި މައްސަލަ ފުލުހުންނާއި ޖެންޑާ މިނިސްޓްރީން އަންނަނީ ތަހުގީގު ކުރަމުން. --ފޮޓޯ: ނިޝާން އަލީ/މިހާރު
18 ޖެނުއަރީ 2020 - 19:25
ދެ އަހަރު ނުފުރޭ އަންހެން ކުއްޖާ، މަންމަގެ އާއިލާގެ ބެލުމުގެ ދަށަށް މިދިޔަ ހޯމަދުވަހު ގެންދަން މަޖުބޫރުވީ އިތުރު ގޮތެއް ނެތިގެންނެެވެ؛ މަސްތުގެ ވަބާގައި ޖެހި މުޅިން އެހެން ދުނިޔެއެއްގައި ދިރިއުޅޭ ދެމަފިރިންގެ ތެރެއިން މަންމަގެ ހާލު ދެރަވެ، ފަރުވާ އަށް އިމަޖެންސީގައި މާލެ ގެންދަން ޖެހުނީ އެވެ. އޭގެ ކުރިން އެ ކުއްޖާ، ދިރިއުޅުނީ ބައްޕަގެ އާއިލާއާ އެކުގަ އެވެ. ބޮޑު ގޯއްޗެއްގައި، މި ރަށުގެ ބައެއް މީހުން "އަނދިރި ހޮހަޅައެއް" ގޮތަށް ސިފަކުރާ ގޭގައި ތިބެނީ މަންމަ އާއި ބައްޕަގެ އިތުރުން ކާފަ އާއި މުނިކާފަ އެވެ.
މަސްތުވާތަކެތި ބޭނުންކުރާ ކަމަށް ތުހުމަތުކުރާ މީހަކާ އެ އަންހެންމީހާ ކައިވެނިކޮށް، އޭނާ ވެސް އެކަމުގެ ތެރެއަށް ގެއްލި، ހުސްވުމުން އާއިލާ އިން ގުޅުން ކަނޑާލީ އެވެ. އެހީވަނީ، ބޮޑު ކަމެއް ދިމާވުމުން އެކަންޏެވެ. އެކަމަކު، ކުރިން މީހަކާ އިނދެ ލިބުނު ދެ ފިރިހެން ކުދިން ބަލަހައްޓަނީ އެ އާއިލާ އިންނެވެ.
ފަރުވާ އަށް މާލެ ދިއުމުގެ ކުރިން ފިރިމީހާގެ ގާތުގައި އަންހެންމީހާ އެދުނީ އެއް އަހަރާ ނުވަ މަހުގެ ދަރިފުޅު އޭނާގެ ބޮޑުދައިތަ ކައިރިއަށް ގެންގޮސް ދިނުމަށެވެ. އެ މީހުން އުޅޭ ގޭގައި ނުބެހެއްޓުމަށް ތަކުރާރުކޮށް އެދި އާދޭސްކުރި އެވެ.
"ހޮސްޕިޓަލުގައި އޮވެ ވަރަށް އާދޭސްކުރި އެ ކުއްޖާ ގެންދާށޭ ކިޔައިގެން. އެންމެ ފަހުން ފިރިމީހާ ވެސް އެގޮތަށް އެއްބަސްވީ،" ކަން ހިނގި ގޮތް "މިހާރު"އަށް ކިޔައިދެމުން ކުއްޖާގެ ބޮޑުދައިތައަކު ބުންޏެވެ.
"މަރުވަނީއޭ، އެހީވާށޭ ކިޔައި ގުޅައި އާދޭސްކުރީމަ އާއިލާ އިން ހޮސްޕިޓަލަށް ގޮވައިގެން ދިޔައީ. މިކޮޅުން ދެވޭނެ ފަރުވާއެއް ނެތީމަ ޑޮކްޓަރު އަވަހަށް ތިނަދުއަށް ފޮނުވާލީ ހޯމަދުވަހުގެ ހަވީރު. މަންމަ އޭނާ ގޮވައިގެން ދިޔައީ."
ދެ އަހަރު ނުފުރޭ ކުއްޖާ ދިރިއުޅުނު ގެ: އެ ގޭތެރެ އޮންނަނީ ވަރަށް އަނދިރިކޮށް "ހޮހަޅައެއް"ގެ ގޮތަށް ކަމަށް މި ރަށުގެ ބައެއް މީހުން ބުނޭ. --ފޮޓޯ: ނިޝާން އަލީ/މިހާރު
ކުއްޖާގެ މަންމަ އެދުނު ގޮތަށް ދަރިފުޅު ބަލައި ބޮޑުދައިތަ ދިޔަ އެވެ. ރަށުގެ މުދިމަކަށް އުޅުނު 61 އަހަރުގެ ކާފަ އޭރު އޮތީ، އުނދޯލީގައި އެ ކުއްޖާގެ އަތަށް ފޯނެއް ދީގެން އޮށޯވެގެންނެވެ. ފެންވަރުވައި ނެޕީ ވެސް ހުރީ ބަދަލުކޮށްފަ އެވެ.
"މާ ބޮޑު އެއްޗެއް އެ ދުވަހަކު ހިތަކަށްނާރާ. ގެއަށް ގެނެސްގެން އުޅެނިކޮށް ބައްޕަ އިރޮއޮއްސުނު ގަޑީގައި އަތުވެއްޖެ ބަލާ. މަންމަ ނެތީމަ ވަރަށް ރޯނެ ކަމަށް. ނުވެސް ނިދާނެ ކަމަށް. ގޭގައި ނިދީމަ ތަންކޮޅެއް ހަމައަކަށް އެޅޭނެ ކަމަށް ބުނެ ގެންދިޔައީ،" އޭނާ ކިޔައިދިނެވެ.
އާއިލާ އިން ބުނިގޮތުގައި އެ ކުއްޖާ ނުފޮނުވަން އިންކާރު ކުރުމުން ވެސް "އަމިއްލަ ދަރިފުޅު ބަލާނެ ނޫންހޭ" ބުނެފައި ގެންދިޔައީ އެވެ. އެކަމަކު ޖެހިގެން އައި ދުވަހު ވަރަށް ހެނދުނާ އެ ކުއްޖާ ބޮޑުދައިތަގެ ގެއަށް ގެނަ އެވެ. އޭރު ވެސް ހުރީ ނެޕީ ބަދަލުކޮށް، ފެންވަރުވައި ރީތިކޮށްފަ އެވެ.
ތިން ވަނަ ދުވަހު ހެނދުނު ވެސް ބޮޑުދައިތަގެ ގެއަށް ގެނައީ ރީތިކޮށްގެންނެވެ. ޝައްކުވީ އެ ދުވަހު އުޅުނު ގޮތުންނެވެ. ގޭތެރޭގައި އުޅެފައި ސީ ލެވުމުން ސާފުކުރަން ނެޕީ ނައްޓައި ފެންކޮޅެއް ޖެއްސުމުން އެ ކުއްޖާ ބުނީ ތަދުވަނީ ކަމަށެވެ.
އެ ކުއްޖާ ލޮލުން އަހަންނަށް ބުނެދިން ކަހަލަ މަންމާއޭ އެހީވާށޭ. --އާއިލާ
"ކާކުހޭ އައްދޮ [ތަދުކުރީ] ބުނާއިރަށް ބުނެފި ބައްޕަ [ކާފަ]އޭ. ހީވީ އެހެން ނާހައިގެން ހުރި ހެން. އެހެން މީހަކު އެހީމަ ޖަވާބު ތަފާތުވެދާނެތީ އަޅުގަނޑު ފިރިމީހާ ލައްވައި އެހީމަ ވެސް ބުނީ ބައްޕައޭ. ދެ ފަހަރަށް އެ ޖަވާބު ދިން،" ކުއްޖާގެ މަންމައާ އެއްބަނޑު ދައްތައަކު ކިޔައިދިނެވެ.
"ނެޕީ ޖަހަން ބާއްވާފައި ބެލިއިރު ރަތްވެފައެއް ނެތް. އެކަމަކު ބަލާފައި ތަފާތު ފާހަގަވި. ދެން ޝައްކުވެގެން ދޮންތަ ކައިރީގައި ބުނީ."
އެ ދޮންތަ ކިޔައިދިން ގޮތުގައި، އެނދުމަތީގައި އެ ކުއްޖާ އޮއްވައި މޫނަށް ބަލައިލުމުން ހީވީ އިހްސާސްތަކުން އެއްފަހަރާ ހުރިހާ ވާހަކައެއް ކިޔައިދިންހެންނެވެ.
"އެ ކުއްޖާ ލޮލުން އަހަންނަށް ބުނެދިން ކަހަލަ މަންމާއޭ އެހީވާށޭ. ނެޕީ ޖައްސާފައި ނުކުމެ ބުނެވުނީ އަހަންނަކަށް ހިއެއް ނުވޭ މި ކުއްޖާ ރަނގަޅުހެން،" ގިސްލައި ރޮމުން އޭނާ ކިޔައިދިނެވެ.
އެ ދެ މީހުންގެ ހަނދާނަށް ދެން އައީ އެ ކުއްޖާގެ ފަރާތުން ފާހަގަވި އާދަޔާ ޚިލާފު މި ކަންކަމެވެ؛
މަންމަގެ އާއިލާގެ މީހުންގެ ތެރެއިން އެ ކުއްޖާއާ ގާތްކޮށް އުޅޭ މީހުންގެ މޫނަށް ބަަލަހައްޓައިގެން ގެއްލިފައި ކިތަންމެ އިރަކު ވެސް ހުރެދާނެ އެވެ. ޝަކުވާގެ އެ ބަލާލުމުގައި ހިނިތުންވުމެއް، ހަރަކާތެއް ނުހުރެ އެވެ. ފާޚާނާ އަށް ވަންނަން އާދަޔާ ޚިލާފަށް ބިރުގަނެ އެވެ. ކޮޓަރީގެ ނިދާ ބޮކި ޖައްސައިފި ނަމަ ދަނީ ސިއްސައިގެންނެވެ.
އެ އުމުރުގައި، އެ ކުއްޖާ އަށް ދިން އަނިޔާތަކުގެ ވާހަކަ ބޮޑުދައިތަމެން ކައިރީގައި އެ ކުއްޖާއަށް އެނގޭ ގޮތަށް ކިޔައިދިނެވެ. ބޮޑުދައިތަމެން އެ ވާހަކަތައް ތަރުޖަމާކުރަނީ މި ގޮތަށެވެ:
"ބޮކި ނިއްވައިފިއްޔާ ބޮލާއްޕަ [މުނި ކާފަ] އަންނާނެ ފޫކޮޅަށް ބޭސް އަޅަން. ބައްޕަ [ކާފަ] އައްދޮ ކުރަނީއޭ ވެސް ބުނި،" އެ ކުއްޖާގެ މަންމައާ އެއް ބަނޑު މީހަކު ކިޔައިދިނެވެ.
ދެ އަހަރު ނުފުރޭ ކުއްޖާ އަށް ކުރިމަތިވި އަނިޔާގެ ވާހަކަ އާއިލާ އިން "މިހާރު"އަށް ކިޔައިދެނީ. --ފޮޓޯ: ނިޝާން އަލީ/މިހާރު
އެ ކުއްޖާގެ 82 އަހަރުގެ މުނިކާފަ އަކީ ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ ރެކޯޑު އޮތް މީހެކެވެ. ތުހުމަތު ކުރެވޭ އެހެން މައްސަލައެއްގައި ދައުވާ އުފުލާފައިވާ އިރު ވެސް އޭނާ ހުރީ މިނިވަންކޮށެވެ. ކާފަގެ ރެކޯޑެއް ނެތަސް އޭނާގެ މައްޗަށް ވެސް ޖިންސީ ގޯނާގެ ތުހުމަތުތައް ކުރެ އެވެ. އެ ތުހުމަތު މިފަހަރު ކުރީ "އާދަޔާ ޚިލާފަށް ލޯބިން، ގާތްކޮށްގެން އުޅޭ" ކާފަ ދަރިފުޅެވެ.
"އުރައިގެން ހުންނަނީ ވެސް ވަރަށް އުނދަގޫވާ ގޮތަކަށް. ދެން އަބަދު މުޅި ގަޔަށް ދޮންދީ ހަދާތަން ވެސް އެ ސަރަހައްދުގެ މީހުންނަށް ފެންނާނެ،" އާއިލާއާ ގުޅުމެއް ނެތް މި ރަށުގެ މީހަކު ކިޔައިދިނެވެ.
މަންމަގެ އާއިލާގެ މީހުންގެ ތެރެއިން އެ ކުއްޖާއާ ގާތްކޮށް އުޅޭ މީހުންގެ މޫނަށް ބަަލަހައްޓައިގެން ގެއްލިފައި ކިތަންމެ އިރަކު ވެސް ހުރެދާނެ އެވެ. ޝަކުވާގެ އެ ބަލާލުމުގައި ހިނިތުންވުމެއް، ހަރަކާތެއް ނުުހުރެ އެވެ. ފާޚާނާ އަށް ވަންނަން އާދަޔާ ޚިލާފަށް ބިރުގަނެ އެވެ. ކޮޓަރީގެ ނިދާ ބޮކި ޖައްސައިފި ނަމަ ދަނީ ސިއްސައިގެންނެވެ.
ކުއްޖާގެ ފަރާތުން ފާހަަގަވި ކަންކަމާ ގުޅިގެން އާއިލާގެ އެންމެން މަޝްވަރާކުރުމަށް ފަހު ނިންމީ، ލިބިފައި ހުރި އަނިޔާތައް ބަލަން ކުއްޖާ މާލެ ގެންދިއުމަށެވެ. މަސްތުވާތަކެތީގެ އަވާގައި ޖެހިފައި ހުރި ބައްޕަގެ ފަރާތުން ވެސް ސަލާމަތްވެވެން އޮތް އެންމެ ފަސޭހަ ގޮތަކީ އެއީ ކަމަށް ވާތީ އެވެ. އެކަމަކު ބައްޕަ އަށް އެކަން އެނގި ފުރަތަމަ ވެސް އެކަމަށް ހުރަސްއެޅީ އެވެ. އޭނާގެ ބައްޕަ [ކުއްޖާގެ ކާފަ] ހުއްދަ ނުދޭނެ ކަމަށް ބުނެ އެވެ.
"އަމިއްލަ ދަރިފުޅު މާލެ ފޮނުވަން ބައްޕަގެ ހުއްދަ ހޯދަން ނުޖެހޭނެ ކަމަށް ބުނުމުން ވެސް ބުނަނީ ބައްޕަގެ ހުއްދަ ނެތި ނުފޮނުވޭނެއޭ، ބައްޕަ ގާތު އަހާލާފައި ހުއްދަ ދޭން ވެސް އެދުނިން. އެގޮތަށް ވެސް އެއްބަހެއް ނުވި،" އާއިލާ އިން ބުންޏެވެ.
މާލެ ފޮނުވާން ޖެހޭ ސަބަބު ވެސް ބައްޕައަށް ކިޔައިދިނެވެ. ދެން ވެސް އެއްބަހެއް ނުވި އެވެ. އެއީ، އޭނާގެ ބައްޕަ އާއި ކާފަ ބަދުނާމު ކުރުމުގެ އަމަލެއްގެ ގޮތުގައި ކަމަށް ބުނެ ހިތްހަމަނުޖެހުން ފާޅުކުރީ އެވެ.
ޕޮލިހާއި ޖެންޑާގެ އެހީ އަށް އާއިލާ އިން އެދުނީ އެ ހިސާބުންނެވެ.
އާއިލާ އިން ރިޕޯޓްކުރިތާ ގިނައިރުތަކެއް ނުވެ، ފުލުހުން މައްސަލަ ބަލަން ފަށައި ޖެންޑާ މިނިސްޓްރީގެ ކޭސް ވޯކަރެއް ގދ. ތިނަދޫން މި ރަށަށް އައި ކަން އާއިލާ އިން ފާހަގަކުރި އެވެ. އާއިލާ އިން ހިއްސާކުރި މައުލޫމާތުތަކަށް ބަލައި ކުއްޖާ ގޮވައިގެން ވަގުތުން އެ ރަށަށް ފުރީ އެވެ.
ޖެންޑާ އިން އަމަލުކުރި ގޮތުން އާއިލާ އިން ހިތްހަމަނުޖެހުނު ކަމެއް ވެސް ހިނގި އެވެ. އެއީ، މަންމައާ އެއްބަނޑު އަންހެނަކު އެ ކުއްޖާއާ އެކު މާލެ ދާން އުޅުމުން އެކަމަށް ހުރަސްއެޅުމެވެ. ސަބަބަކީ އެ ކުއްޖާގެ ބައްޕަ އެ ކަމުގައި ހިތްހަމަނުޖެހުން ފާޅުކުރުމެވެ.
މަސްލަހަތު ގެއްލިދާނެ ކަމަށް ބުނެ، ބައްޕަގެ ބަހަށް ޖެންޑާ އިން ބޯލަނބައި ކުއްޖާގެ ހައްގެއް ނިގުޅައިގަތް ކަމަށް އާއިލާ އިން ދެކެ އެވެ.
"މަސްލަހަތަށް ނޫން ވިސްނަން ޖެހެނީ. ހާލަތަށް ވިސްނަން ޖެހެނީ، އެ ވަރުގެ ކުއްޖަކު ރޯނެކަން،" ބޮޑުދައިތަ ބުންޏެވެ.
މި ހިތްހަމަނުޖެހުމުގައި ވެސް އާއިލާ އިން ކުއްޖާ ތިނަދު އަށް ފޮނުވާލީ އެވެ.
"ޑޮކްޓަރު އެ ކުއްޖާ ބަލާފައި ޝަހާދަތް ކިޔައި ރޯން ފެށީ. އެ އަޑު އިވުނު، ފެނުނު އެންމެން ހިތްފަޅައިގެން ދިޔަ. އަޅުގަނޑުމެން ފޯނުކޮށްގެން ތިބި މީހުންގެ ހިތް ކުދިކުދިވި."
ރަށެއްގެ މަގުމަތި: ދެ އަހަރު ނުފުރޭ ކުއްޖާ އަށް ލިބުނު އަނިޔާތަކާ ގުޅިގެން އަންނަނީ ފަރުވާދެމުން. --ފޮޓޯ: ނިޝާން އަލީ/މިހާރު
އެ ކުއްޖާ އެޑްމިޓްކޮށް، ލިބުނު ގެއްލުންތައް ބަލައި، ދޭން ޖެހޭ ފަރުވާތައް ދައުލަތުގެ ބެލުމުގެ ދަށުން މިހާރު އަންނަނީ ފޯރުކޮށްދެމުންނެވެ. އެ ކުއްޖާގެ ޒިންމާ ހަވާލުކޮށްފައި ވަނީ ތިނަދޫގައި ދިރިއުޅެމުން އަންނަ މަންމަ ފަރާތު މާމައާ އެވެ.
އެ ކުއްޖާ އަށް ޖިންސީގޯނާކުރި ކަމުގެ ތުހުމަތަށް ކާފަ ވަނީ ހައްޔަރުކޮށްފަ އެވެ. މުނިކާފަ ހައްޔަރުކުރީ ޖިންސީ ގޯނާގެ ރެކޯޑު އޮތުމާ އެކު ތަހުގީގަށް ކަމަށް ވިޔަސް، ފުލުހުން މިހާރު ތުހުމަތުކުރަނީ އޭނާގެ ފަރާތުން ވެސް ކުއްޖާއަށް ގޯނާ ލިބިފައިވާނެ ކަމަށެވެ. ބައްޕަ ހައްޔަރުކުރީ، މަންމަގެ އާއިލާގެ ބެލުމުގެ ދަށުގައި ކުއްޖާ ބަހައްޓަން ހުރަސްއަޅައި ހިންގި އަމަލުތަކާ ގުޅިގެންނެވެ.
އެކަމަކު މި ރަށުން ވާހަކަ ދެއްކި މީހުން ދިން މައުލޫމާތުތަކަށް ބުރަވާ ނަމަ، އެ ކުއްޖާގެ ހާލަތު ބައްޕައަށް ނޭނގިއެއް ނުހުންނާނެ އެވެ. އެހެންކަމުން ކުއްޖާގެ މަންމަގެ އާއިލާ އިން ގަބޫލުކުރާ ގޮތުގައި، މި ތިން މީހުންގެ އިހުމާލު ވެސް އޮތީ އެއްވަރަކަށެވެ. އެއިން ކަކު ވެސް ދޫވުމަކީ ބިރެއް ކަމަށް އާއިލާ އިން ދެކެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ފާނަކޮށި
20 January 2020
ވަރަށް އަސަރުކޮށްފި.....ދެރަވޭ ރުޅިއާދެވޭ
މުޅޯށި
19 January 2020
ތިވަރު ކަމެއް ހިނގިއިރު ކުއްޖާގެ މަންމައަށް އެކަން ފާހަނގަނުކުރެވެނީތޯ، ކީއްވެތޯ ރިޕޯޓުނުކުރީ، އޭނާ މުޅިމަންޒަރުން ގެއްލުވާލައިގެން އުޅެނީ ކީއްވެގެންތޯ. އޭނާވެސް ހައްޔަރުކުރަންޖެހޭ.
ޚެރަފާ
20 January 2020
ރިޕޯޓް ކުރީމަ ކާކުތޯ މައްސަލަބަލަނީ. ފުލުހުންނެތީތަ؟ ކޯޓްތައް ނެތީތަ މައްސަލަ ނުބެލިގެން އުޅެނީ. އިންސާފުނުލިބޭ އަދްލުވެރިކަން ނެތް ތަނެއްގަ ކާކު ކޮންތާކަށް ތޯ ރިޕޯރޓްކުރަންވީ...މި މިޤައުމުގެ ހާލަކީ. ނިކަމެތިން ނިކަމެތިކަމުގަ މުއްސަދިން އެމީހުންގެ މުއްސަދިކަމުގަ ފައިދާނަގައި ދައުލަތް ލޫޓުވާލަނީ...
ދެރަމައްޗަށްދެރަ
19 January 2020
''ހުރީ ނެޕީ ބަދަލުކޮށް، ފެންވަރުވައި ރީތިކޮށްފަ'' މި ޖުމްލަ ކިޔާލާ ކޮންމެ ފަހަރަކު ގައިން ހީބިހި ނަގާ!
ނޫރާނީމާ
19 January 2020
ދެން ފެންނާނީ ހެކި ނެތިގެން ދޫކޮށްލާތަން.. އިންސާނުންނަކަށް އިންސާނުން އުޅޭނެ ޤާނޫނެއް ނެހެދޭނެ. ހެއްދެވި ފަރާތުން ބާވައިލެއްވި ކީރިތި ޤުރުއާނަކީ ޤާނޫންއަސާސީ. އެ ޤާނޫންގަ އޮތްގޮތަށް ހުކުމް ކުރަން ފަށަންގޮވާލަން...
ާހުކުމް؟
19 January 2020
އަހަރުމެންނާއި އަހަރުމެންގެ ޖުޑީޝަރީ ބޮޑުތަނުން ފެއިލް ވެއްޖެ.
ތިއީ ޖަނަވަރެއްވެސް ނޫން
19 January 2020
މާތް ﷲ ގަންދީ ބުނަން އަހަރެން އަތުން ތިމާހާ ގައި ތަޅާ ތަޅާ މަރާލެވޭނެ. ދައުލަތުން ހަރުކަށި އަދަބު ނުދީފިއްޔާ ދެން ހަދާނެގޮތް އިނގޭނީ އަހަރުމެންނަށް.
އިޙްސާސް
19 January 2020
ތިޔަފަދަ މީހުންގެ ބޯތައް އެންމެންގެ ކުރިމަތީގައި ކަނޑާބަލަ. އޭރަށް ތިކަން ހަމަޔަކަށް އެޅިދާނެ. މިހާރުނަަމަ އޮތީ ޖަލުގޮޅި. އެމީހުނަށް އެނގޭ ޖަލުގޮޅިން ނިކަން ފަސޭހައިން ސަލާމަތް ވާކަން. ތިމާ ހެއްދެވި އިލާހަށް އެއްވެސް ބިރުވެތިކަމެއް ނެތީ.
ގުއި ކަލޯ
19 January 2020
ޢެހެން މީހުންގެ ހަށްގުތަށް ނިއުޅައި ގަންނަމީހުނަށް ކޮން ހަށްގެއްތޯ ލިބެން ޖެހޭނީ .ހަށްގު ހަށްގު ކިޔާނެ
ޖުއްބާ
19 January 2020
ޢެމްޑީއެން ރިޕޯޓޭ ކިޔައިގެން ފުންމަފުންމައިގެންދިޔަ ދީނީ ގުރޫޕުތައް މިކަމާ ހާސްވެގެން އުޅޭތަނެއް ނުފެނޭ..
އައިންތު
19 January 2020
ހަމަކޮންމެ ކަމެއް ވަކިބަޔެއްގެ ބޮލަށް ކަނޑާނުލާ ކޮންމެ މީހަކުވެސް އެމީހެއްގެ ފަރުދީ ޒިންމާ އަދާކުރަންވީ.. ދީނީ އިލްމުވެރިންވެސް މިކަމާ ގުޅިގެން ބަސްބުނެފަ އޮތީ.... އެއްޗެކޭ ހަމަކިޔަން ކިޔަނީ.
ޕިސްޕިސް
19 January 2020
ސާބަހޭ. ދަރިން ކަތިލާ މަރާއިރުވެސް ސިޔާސީ ޕާޓީ
ޖުއްބާއެއްތީ
19 January 2020
އާން ކަލޭ ބަލާ މިކަންވެސް ސިޔާސީ ކުރެވޭތޯ. ފުރަތަމަަ އަމިއްލަ މީހާ ރަނގަޅުވުބަލަ
ކުޒަމީ
19 January 2020
ތިކަހަލަ މީހުން ދޫކޮށް ލާތީ މުޖުތަމައުގައި ކުޑަކުދިންނަށް ރައްކާތެރިކެއް ނޯނަނީ ހަމަ މަރަންވީ ތިމީހުން