އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރު އަލީ އާޒިމް އެމްޓީސީސީ އަށް އަދި އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރަކަށް ހުންނެވި ހަސަން ޝާހު، އެމްޑަބްލިއުއެސްސީ އަށް މިއަދު ބަދަލުކޮށްފި އެވެ.
ސަރުކާރުގެ ކުންފުނިތަކުގެ ކަންކަން ބެލެހެއްޓުމުގެ ޒިންމާ އަދާކުރާ ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަންގެ ބޯޑުގެ ރައީސް ހަސަން ވަހީދު "މިހާރު" އަށް ވިދާޅުވީ، އެ ދެ ކުންފުނީގެ ވެރިން ބަދަލުކުރީ ހިންގުން ރަނގަޅު ކުރުމަށް ކަމަށެވެ. އެކަމާ ގުޅޭ އިތުރު ތަފްސީލެއް ނުދެއްވަ އެވެ.
ފެން ކުންފުނީގެ އެމްޑީ އަކަށް އާޒިމް އައްޔަން ކުރީ ނޮވެމްބަރު 29، 2018 ގަ އެވެ. އެމްޓީސީސީ އަށް ޝާހު ހަމަޖެއްސީ ޑިސެމްބަރު 12، 2018 ގަ އެވެ. އެ ދެ ބޭފުޅުންނަކީ ވެސް ސަރުކާރު ހިންގާ ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީގެ ކައުންސިލްގެ ދެ މެމްބަރުންނެވެ.
ސަރުކާރުގެ ކުންފުނިތަކުގެ ތެރެއިން މެނޭޖިން ޑިރެކްޓަރަކު މިހާތަނަށް ހަމަޖައްސާފައި ނުވަނީ ވެލާނާ އެއާޕޯޓު ހިންގާ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އަށެވެ. އެއީ ސަރުކާރުގެ ކުންފުނިތަކަށް ބަލާއިރު، އެންމެ ބޮޑު އަދި އެންމެ ބޮޑު އާމްދަނީ ވެސް ހޯދާ ކުންފުންޏެވެ.