ޔޫތު ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގައި އިއްޔެ ހަވީރު ކުޅުނު މެޗުން މާޒިޔާ އަތުން 2-0 އިން މޮޅުވެ ޓީސީ ސްޕޯޓްސް ކްލަބް ލީގުގެ އެއް ވަނަ އަށް އަލުން ޖެހިލައިިފި އެވެ.
މި މެޗަށް ޓީސީ ނުކުތްއިރު ލީގުގެ އެއް ވަނައިގައި އޮތީ އީގަލްސް އެވެ. އެއީ އިއްޔެ 3-2 އިން ބީޖީ އަތުން މޮޅުވެގެންނެވެ. މި މޮޅާ އެކު ޓީސީ ލީގުގެ އެއް ވަނަ އަށް ޖެހިލީ ހަ މެޗުން ހޯދި 14 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އީގަލްސް އޮތީ ހަ މެޗުން 13 ޕޮއިންޓް ހޯދައިގެންނެވެ. ތިން ވަނައިގައި އޮތް މާޒިޔާ އަށް ލިބިފައިވަނީ ހަ މެޗުން ނުވަ ޕޮއިންޓެވެ. މި ނަތީޖާއާ އެކު މާޒިޔާ އަށް ވަނީ ލީގު އެއް ވަނަ އަދި ދެ ވަނަ އަށް އެރުމުގެ ފުރުސަތު ގެއްލިފަ އެވެ. އެއީ ބާކީ އޮތް މެޗުން މޮޅުވެގެން އެ ޓީމަށް އެއް ވަނައިގައި އޮތް ޓީސީ އާއި ދެ ވަަނައިގައި އޮތް އީގަލްސްއާ ހަމަނުކުރެވޭނެތީ އެވެ.
ހަތަރު ވަނައިގައި އޮތީ ފަސް މެޗުން ހަތް ޕޮއިންޓާ އެކު އޮތް ވެލެންސިއާ އެވެ. ފަސް ވަނައިގައި ފަސް މެޗުން ހަ ޕޮއިންޓާ އެކު ވިކްޓަރީ އޮތްއިރު، ހަ ވަނައިގައި ނިއު ރޭޑިއަންޓް އޮތީ ފަސް މެޗުން ފަސް ޕޮއިންޓް ހޯދައިގެންނެވެ. ހަތް ވަނައިގައި ބީޖީ އޮތީ ހަތަރު ޕޮއިންޓާ އެކު އެވެ. އެންމެ ފުލުގައި އޮތް ޔުނައިޓެޑް ވިކްޓަރީ އަށް ލިބިފައިވަނީ ތިން ޕޮއިންޓެވެ.
ހެންވޭރު ދަނޑުގައި ކުޅުނު މި މެޗުގައި މާޒިޔާ ކޮޅަށް ޓީސީގެ ދެ ލަނޑު ވެސް ކާމިޔާބުކުރީ މި މުބާރާތުގައި ޓީސީ އަށް މޮޅު ކުޅުމެއް ދައްކަމުން އަންނަ އަލީ ހާފިޒު (އައްޔަ) އެވެ. އޭނާ ދެ ލަނޑު ޖެހީ ވެސް މެޗުގެ ދެ ވަނަ ހާފްގަ އެވެ.
މި މުބާރާތް ކުރިއަށްދަނީ ލީގު އުސޫލުން ކުޅުމަށް ފަހު އެންމެ ގިނައިން ޕޮއިންޓް ހޯދާ ހަތަރު ޓީމު ސެމީ އަށް ދާ ގޮތަށެވެ. ސެމީ އާއި ފައިނަލް އޮންނާނީ ގަލޮޅު ދަނޑުގަ އެވެ. ފުރަތަމަ ސެމީގައި ކުޅޭނީ ލީގު ބުރުގެ އެއް ވަނަ ޓީމާއި ދެ ވަނަ ޓީމެވެ. އެ މެޗުން މޮޅުވާ ޓީމަކަށް ފައިނަލުގެ ސީދާ ޖާގައެއް ލިބޭއިރު، ބަލިވާ ޓީމު ތިން ވަނަ ސެމީގައި ކުޅޭނީ ދެ ވަނަ ސެމީގައި ލީގު ބުރުގެ ތިން ވަނަ ޓީމާ ހަތަރު ވަނަ ޓީމު ކުޅެގެން މޮޅުވާ ޓީމަކާ ދެކޮޅަށެވެ.
މި މުބާރާތުގައި މިއަދު ކުޅޭ މެޗުގައި ވެލެންސިއާ ނުކުންނާނީ ނިއު ރޭޑިއަންޓާ ދެކޮޅަށެވެ. މި މެޗުން މޮޅުވެއްޖެނަމަ ތިން ވަނަ އަށް އެރުމުގެ ފުރުސަތު ވެލެންސިއާ އަށް އެބައޮތެވެ.