ރައޫފް ސުޕްރީމް ކޯޓަށް އައްޔަންކުރަން ނުފެންނަ ކަމަށް ޖޭއެސްސީން ނިންމައިފި

ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަން ކުރެއްވުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ފޮނުއްވި ހައި ކޯޓުގެ ފަނޑިޔާރު އަބްދުއްރައޫފް އިބްރާހިމް އެ މަގާމަށް އައްޔަންކުރުން ރަނގަޅު ނޫން ކަމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައި، ރައީސަށް ލަފާ އަރުވަން ނިންމައިފި އެވެ.


ޖޭއެސްސީން އިއްޔެ ނިންމާފައިވާ ކަންކަމާ ބެހޭ ގޮތުން މިއަދު ނެރުނު ނޫސްބަޔާނުގައި ބުނީ ރައޫފް ސުޕްރީމް ކޯޓަށް އައްޔަންކުރުމަށް ރައީސް ހުށަހެޅުއްވި ފަހުން ރައޫފާ ބެހޭ ގޮތުން ތިން ފަރާތަކުން ޖޭއެސްސީ އަށް ޝަކުވާ ހުށަހަޅާފައިވާ ކަމަށެވެ. ރައޫފް ސުޕްރީމް ކޯޓަށް އައްޔަންކުރުމަކީ އެންމެ ރަނގަޅު ގޮތެއް ކަމުގައި ޖޭއެސްސީ އަށް ގަބޫލު ނުކުރެވޭ ކަމަށާއި އެހެންވެ އެގޮތަށް ރައީސަށް ދަންނަވަން ނިންމީ ޝަކުވާތައް ބެލުމަށް ފަހުގައި ކަމަށް ޖޭއެސްސީން ބުންޏެވެ.

ސުޕްރީމް ކޯޓަށް އައްޔަންކުރުމަށް، ކުރީގެ އުއްތަމަ ފަނޑިޔާރު އަހްމަދު ފާއިޒުގެ ނަން ރައީސް ހުށަހެޅުއްވުމުން އޭނާގެ މައްސަލަތެއް ވެސް ފެންމަތިވެ، ޖޭއެސްސީން ވަނީ ފާއިޒް ވެސް ސުޕްރީމް ކޯޓަށް އައްޔަންކުރަން ނުފެންނަ ކަމަށް މީގެ ކުރިން ލަފާ ދީފަ އެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗުން ހުސްވެފައި އޮތް ތިން މަގާމަށް އައްޔަން ކުރެއްވުމާ މެދު ޖޭއެސްސީގެ ލަފައަކަށް އެދިވަޑައިގެން ރައީސް ފޮނުއްވީ ފަނޑިޔާރު ރައޫފްގެ އިތުރުން އުއްތަމަ ފަނޑިޔާރަކަށް ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާނާއި ފަނޑިޔާރު ކަމަށް ކުރީގެ ބަންޑާރަ ނައިބު ހުސްނުއްސުއޫދުގެ ނަންފުޅެވެ. މި ބޭފުޅުންގެ ތެރެއިން މުއުތަސިމް އުއްތަމަ ފަނޑިޔާރު ކަމަށް އަދި ސުއޫދު ފަނޑިޔާރު ކަމަށް ވަނީ އައްޔަންކޮށްފަ އެވެ. ރައޫފާ ގުޅޭ ޝަކުވާތައް ބަލާތީ ގޮތެއް ނިންމުން އޮތީ މަޑުޖައްސާލައިފަ އެވެ.

ހައި ކޯޓުގެ ފަނޑިޔާރުންގެ ތެރެއިން ޖޭއެސްސީގައި އިންނަވާ މެމްބަރެއްގެ ގޮތުގައި އެންމެ ފަހުން ހުންނެވީ ފަނޑިޔާރު ރައޫފެވެ. ސުޕްރީމް ކޯޓަށް އައްޔަންކުރަން އޭނާގެ ނަން ފޮނުވުމުން އެ މަގާމުން ވަނީ އިސްތިއުފާ ދެއްވައިފަ އެވެ.

ސުޕްރީމް ކޯޓުގައި ކުރިން ތިއްބެވި ހުރިހާ ފަނޑިޔާރުން ވަކިކޮށް މިހާރު ވަނީ އަލަށް ފަނޑިޔާރުން އައްޔަންކޮށްފަ އެވެ. އެއީ އުއްތަމަ ފަނޑިޔާރު މުއުތަސިމް އަދުނާނާއި، ފަނޑިޔާރު އާއިޝާ ޝުޖޫން މުހައްމަދާއި، ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރާއި ފަނޑިޔާރު މަހާޒް އަލީ ޒާހިރު އަދި ފަނޑިޔާރު ހުސްނުއްސުއޫދެވެ. ބެންޗުގައި ހަތް ފަނޑިޔާރުން ތިއްބަވަން ޖެހޭތީ އަދި އެއް ފަނޑިޔާރަކު އައްޔަންކުރަން ޖެހެ އެވެ.

ޖޭއެސްސީން އިއްޔެ ނިންމި އެހެން ކަންކަމުގެ ތެރޭގައި، ކްރިމިނަލް ކޯޓުގެ ގާޒީ އިބްރާހިމް އަލީގެ މައްސަލައެއް ބަލަން ކުރިން ނިންމާފައި ވާތީ އެ މައްސަލަ ތަހުގީގުކުރުމަށް ކޮމިޓީ އެކުލަވައިލަން ނިންމުން ވެސް ހިމެނެ އެވެ. އަދި ފަނޑިޔާރަކާ ގުޅޭ މައްސަލައެއް ހުށަހެޅުމުން އެ ފަނޑިޔާރަކު މަސައްކަތުން އެކަހެރިކުރާ ހާލަތުގައި އެ ފަނޑިޔާރަކު ބައްލަވަމުން ގެންދަވާ މައްސަލަތައް މަޑު ނުޖެހި ކުރިއަށް ދާނެ އިންތިޒާމު ހަމަޖެއްސުމަށް ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުގައި ދަންނަވަން ވެސް ވަނީ ނިންމައިފަ އެވެ.

މ. މުލަކު މެޖިސްޓްރޭޓް ކޯޓުގެ އިސް މެޖިސްޓްރޭޓް ހަސަން ޒަރީރް ފަނޑިޔާރުކަމުން މުސްކުޅިކޮށްދެއްވުމަށް ހުށަހަޅުއްވާފައި ވާތީ އެކަން ވެސް އިއްޔެ ޖޭއެސްސީން ވަނީ ނިންމައިފަ އެވެ.