މިހާރު ފެތުރެމުންދާ ކޮރޯނާ ވައިރަހަށް ޓެސްޓުކުރެވޭނެ ގޮތެއް ރާއްޖޭގައި އަދި ނެތް ކަމަށާއި ޝައްކުކުރެވޭ މީހަކު ފެނިއްޖެ ނަމަ ޓެސްޓުކުރަން ފޮނުވާނީ އިންޑިއާގެ ޕޫނޭ އަށް ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ރޭ ވިދާޅުވެއްޖެ އެވެ.

ޗައިނާގެ ވުހާން ސިޓީގައި ފެތުރެމުންދާ ވައިރަހާ ގުޅިގެން ރާއްޖޭން ތައްޔާރުވެފައިވާ މިންވަރާ ބެހޭ ގޮތުން މައުލޫމާތު ދިނުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަމީން ވިިދާޅުވީ، އެ ވައިރަސް ފެތުރުނުއިރު އެކަމަށް ޓެސްޓުކުރެވެން ހުރީ އެންމެ ދެ ލެބޯޓްރީއެއްގައި ކަމަށެވެ. އޭގެ ފަހުން އެކި ގައުމުތަކުން ކޮރޯނާ ވައިރަހަށް ޓެސްޓުކުރުމުގެ ގާބިލްކަން އިތުރުކުރަމުން އަންނަކަމަށް ވިދާޅުވި އެވެ.

ރާއްޖެއާ އެންމެ ކައިރިން ވުހާން ވައިރަހަށް 48 ގަޑިއިރުގެ ތެރޭގައި ޕޫނޭ އިން ޓެސްޓުކުރެވޭނެ ކަމަށް އަމީން ވިދާޅުވި އެވެ. އޭނާ ވިދާޅުވި ގޮތުގައި، ދުނިޔޭގެ ސިއްހަތު ޖަމިއްޔާއާ ގުޅިގެން އެހެން ގައުމުތަކުން ވެސް ޓެސްޓުކުރެވޭނެ އިންތިޒާމް އަންނަނީ ހަމަޖައްސަމުންނެވެ.

އަމީން ވިދާޅުވީ މިއީ ކޮންމެ ކޮންމެ ލެބޯޓްރީއަކުން ކުރެވޭ ޓެސްޓެއް ނޫން ކަމަށެވެ.

ކޮރޯނާވައިރަސް ޖެހުނު މީހުންގެ އަދަދު ހާހުން ގުނެމުން ދާއިރު މި ވައިރަސްގެ ސަބަބުން މިހާތަނަށް 106 މީހަކު ވަނީ މަރުވެފަ އެވެ. މި ނުރައްކާތެރި ވައިރަސް ރާއްޖޭން ވެސް ފެނިދާނެ ކަމަށް ބަލައި ފުރިހަމައަށް ތައްޔާރުވެފައިވާކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ ސަރުކާރަށް މުހިއްމުވާނީ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަމަށެވެ. އެ ފިޔަވަޅު އެޅުމަށް ކުރެވެން ހުރި ހުރިހާ ކަމެއްކުރާނެ ކަމަށް ވިދާޅުވި އެވެ.