ކަރަން ޖޯހަރްގެ ދަރުމާ ޕްރޮޑަކްޝަނުން މި މަހުގެ 21 ގައި ސިނަމާތަކަށް ގެންނަ ބިރުވެރި ފިލްމު "ބޫތު: ޕާޓް ވަން-ހޯންޓެޑް ޝިޕް" ގެ ޓީޒާއެއް ދައްކައިލުމަށް ފަހު، ފިލްމުގެ ޓްރެއިލާ އަންނަ ހޯމަ ދުވަހު ބެލުންތެރިންނަށް ދޫކޮށްލަން ނިންމައިފި އެވެ.
ބާނޫ ޕްރަތާބް ސިންގް ޑައިރެކްޓްކޮށްފައިވާ މި ފިލްމުގެ ލީޑް ރޯލް ކުޅެފައި ވަނީ ކުރިއަރަމުން އަންނަ ޒުވާން ދެ ތަރިން ކަމަށްވާ ވިކީ ކޯޝަލާއި ބޫމީ ޕެޑްނޭކަރެވެ. "ބޫތު" އަކީ އެކީގައި އަލަށް ފިލްމެއް ކުޅުނު މި ދެ ތަރިންގެ ފުރަތަމަ ބިރުވެރި ފިލްމު ވެސް މެ އެވެ.
ކަރަންގެ ދަރުމާ އަކީ މީގެ ކުރިން ރަސްމީކޮށް ބިރުވެރި ފިލްމެއް ގެނެސްދީފައި ނުވާ ސްޓޫޑިއޯއަކަށްވާތީ، އެތަނުން ގެނެސްދޭ ފުރަތަމަ ބިރުވެރި ފިލްމަށްކުރެވޭ އުންމީދުތައް ބޮޑެވެ.
"އޭކް ވިލަން 2" 2021 ގެ ޖެނުއަރީގައި
ޑައިރެކްޓަރު މޯހިތު ސޫރީ 2014 ގައި ގެނެސްދިން ކާމިޔާބު ފިލްމު "އޭކް ވިލަން" ގެ ދެވަނަ ބައި ރިލީޒްކުރާ ތާރީހު އިއުލާންކޮށްފި އެވެ.
ފުރަތަމަ ބައި ވެސް ޕްރޮޑިއުސްކުރި އެކްތާ ކަޕޫރާއި ޓީ ސީރީޒްގެ ބުޝަން ކުމާރު ގުޅިގެން ގެނެސްދޭ ފިލްމު ތާވަލުކޮށްފައި ވަނީ އަންނަ އަހަރުގެ ޖެނުއަރީ 8 އަށެވެ. "އޭކް ވިލަން 2" ގެ ބަތަލުންގެ ރޯލުން މި ފަހަރު ފެންނާނީ ޖޯން އަބްރަހަމާއި އަދިތިޔާ ރޯއި ކަޕޫރެވެ. އަދި ފިލްމުން ދެ ބަތަލާ އެކު ފެންނާނެ އެވެ. އެކަމަކު ބަތަލާއިން އަދި އިއުލާނެއްނުކުރެ އެވެ.
"އޭކް ވިލަން" ގެ މުހިއްމު ރޯލްތައް ކުޅުނީ ސިދާތު މަލްއުތުރާ އާއި ޝްރަދާ ކަޕޫރްގެ އިތުރުން ރިތޭޝް ދޭޝްމުކެވެ.
މީގެ ދެވަނަ ބައި ގެނެސްދޭ ތާރީހު އިއުލާންކުރި އިރު، މޯހިތު މިހާރު އަންނަނީ މި މަހުގެ 7 ގައި "މަލަންގް" ގެނެސްދޭން ތައްޔާރުވަމުންނެވެ.
"ބާގީ 3" ގެ ޝޫޓިން ނިންމާލައިފި
ޓައިގާ ޝްރޮފް ވަރުގަދަ އެކްޝަން ރޯލަކުން ފެނިގެންދާ ސީރީޒްގެ ތިން ވަނަ ފިލްމު "ބާގީ 3" ގެ ޝޫޓިން ނިންމާލައިފި އެވެ.
ދެހާސް އަށާރައިގައި ގެނެސްދިން "ބާގީ 2" ވެސް ޑައިރެކްޓްކުރި އަހުމަދު ޚާން ގެނެސްދޭ ތިން ވަނަ ބައިގައި ޓައިގާއާ އެކު މި ފަހަރު ބަތަލާގެ ރޯލުން ފެނިގެންދާނީ 2015 ގައި ރިލީޒްކުރި "ބާގީ" ގައި ބަތަލާގެ ރޯލް ކުޅުނު ޝްރަދާ ކަޕޫރެވެ.
ފިލްމުގެ އިތުރު ކާސްޓުންގެ ތެރޭގައި ރިތޭޝް ދޭޝްމުކް، އަންކިތާ ލޯކަންދޭ، ޓައިގާގެ ބައްޕަ ޖެކީ ޝްރޮފް، ޗަންކީ ޕާންޑޭ އަދި އަޝުތޯޝް ރާނާ ހިމެނެ އެވެ.
"ބާގީ 3" ސިނަމާތަކަށް އަންނާނީ އަންނަ މަހުގެ 6 ގަ އެވެ.
ސްޓާ ޕްލަސް އަށް އާ ސިލްސިލާއެއް
ދާދި ފަހުން "ދާދީ އައްމާ ދާދީ އައްމާ މާން ޖާއޯ" ގެ ނަމުގައި އާ ސިލްސިލާއެއް ގެނެސްދޭން ފެށި ސްޓާ ޕްލަސް އިން އަނެއްކާ ވެސް އާ ސިލްސިލާއެއް ގެނެސްދޭ ނިންމައި، އޭގެ ޕްރޮމޯތަކެއް ވެސް ދައްކާލައިފި އެވެ.
މި މަހު ދައްކަން ފަށާ ސިލްސިލާގެ ނަމަކީ "ދިލް ޖެއިސޭ ދަޅްކޭ...ދަޅަކް ނޭ ދޯ" އެވެ. މީގެ މުހިއްމު ރޯލްތަކުން ފެނިގެންދާނީ ޝުރޫތީ ސޭތާއި ރާހިލް އަޒަމެވެ. އިތުރު ކާސްޓުންގެ ތެރޭގައި ހިމާންގީ ކާވީ އާއި ނަންދިނީ މޯރިއާ އަދި ހުރީ ތުރިވޭދީ ހިމެނެ އެވެ.
"ދިލް ޖެއިސޭ ދަޅްކޭ...ދަޅަކް ނޭ ދޯ" ދައްކަން ފަށާނީ މި މަހުގެ 10 ގަ އެވެ.