ހާލުގައި ޖެހުނު ދުވަހު އެހީވި މީހުންނަށް ތެޔޮ ހަމެއް ދޭ ނަމަ، ކަތިވަޅި ގެއްލި، މަރިޔަބު ގެއްލި، ކޮށި ދަނޑު ވެސް ގެއްލިދާނެ ކަމަށް ވިދާޅުވެ ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ މެމްބަރު މުހައްމަދު ނިހާދަށް ކޮމިއުނިކޭޝަން މިނިސްޓަރު މުހައްމަދު މަލީހް މިއަދު ރައްދު ދެއްވައިފި އެވެ.
ޓީވީ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން އެމްޑީޕީގެ ނިހާދު ވިދާޅުވީ ސަރުކާރު ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީގެ ފަރާތުން ސަރުކާރަށް އެހީތެރިކަން ނުލިބޭ ކަމަށެވެ. އަދި އެއްބާރުލުން ނުދޭ ބަޔަކާ ދެކޮޅަށް ފިޔަވަޅު އަޅަން ޖެހިލުން ނުވާނެކަން ފާހަގަކުރައްވާ، އޭނާ ވިދާޅުވީ މިނިސްޓަރު މަލީހާއި ހެލްތު މިނިސްޓަރު އަބްދުﷲ އަމީންގެ އިތުރު ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާއަށް ވެސް ފިޔަވަޅު އަޅަން ފަސްނުޖެހޭނެ ކަމަށެވެ.
އެ ވާހަކައާ ގުޅިގެން މަލީހް ކުރެއްވި ޓްވީޓެއްގައި ވިދާޅުވި ގޮތުގައި ސަރުކާރު ހިންގަން އެންމެ ޕާޓީއަކާ ރައްޔިތުން ހަވާލެއްނުކުރެ އެވެ. އޭގެ ފަހުން އޭނާ މިސާލު ޖެއްސެވީ، ރާއްޖޭގައި ކުރިންސުރެ ބުނަމުން އަންނަ ވާހަކައަކުންނެވެ: އެއީ ހާލުގައި ޖެހުނު ދުވަހު އެހީތެރިވި މީހުންނަށް ތެޔޮ ހަމެއް ދޭ ނަމަ، މަރިިޔަބު ގެއްލި، ކަތިވަޅި ގެއްލި އަދި ކޮށި ދަނޑު ވެސް ގެއްލިދާނެ ކަމަށް ވިދާޅުވެ އެވެ.
މިހާރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަކީ މިދިއަ ރިޔާސީ އިންތިހާބުގައި އޭރުގެ ބާރުގަދަ ރައީސް އަބްދުﷲ ޔާމީނާ ދެކޮޅަށް އެމްޑީޕީ އާއި ޖުމްހޫރީ ޕާޓީ އާއި އަދާލަތު ޕާޓީގެ އިތުރުން ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ގުޅިގެން ނެރުނު އިދިކޮޅު ރިޔާސީ ކެންޑިޑޭޓެވެ. އެ އިންތިހާބުގައި އޭރުގެ އިދިކޮޅު ކޯލިޝަނުން ގެންގުޅުނު މައިގަނޑު އެއް ވިސްނުމަކީ، ކޯލިޝަނުން ފަސް އަހަރުގެ ވެރިކަމެއް ހިންގުމެވެ.
ކެބިނެޓްގައި އެމްޑީޕީގެެ އިތުރުން ޖުމްހޫރީ ޕާޓީ އާއި އަދާލަތު ޕާޓީ އާއި މައުމޫނަށް ނިސްބަތްވާ ވަޒީރުން ތިއްބަވަ އެވެ. އޭގެ ތެރޭގައި ޖުމްހޫރީ ޕާޓީގެ ފަސް ވަޒީރަކު ހިމެނެ އެވެ.
ސަރުކާރުން އިސްތިއުފާ ދެއްވި ފުރަތަމަ މިނިސްޓަރަކަށް ވެވަޑައިގަތީ މިއަދު މަގާމުން ދުރުވި ޖެންޑާ މިނިސްޓަރު އަދާލަތު ޕާޓީގެ ޝިދާތާ ޝަރީފެވެ.
ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މައްސަލަތައް ފަޅާއެރުން ގިނަވުމާއި، ހާއްސަ އެހީއަށް ބޭނުންވާ މީހުން ތަމްސީލްކުރަން ކަނޑައެޅި އެމްބެސެޑަރު އަހުމަދު ހިޝާންއާ މެދު ޖިންސީ ފުރައްސާރައިގެ ތުހުމަތު ކުރެވުމުން، އެއީ ޝިދާތާގެ ފެއިލްވުމެއް ކަމަށް، އެމްޑީޕީގެ މެމްބަރުން ގެންދަވަނީ ވިދާޅުވަމުންނެވެ. އަދި އޭނާގެ އިތުބާރު ނެތް ކަމުގެ މައްސަލަ މަޖިލީހަށް ހުށަހަޅަން އެމްޑީޕީގެ ޕާލެމަންޓަރީ ގްރޫޕުން އިއްޔެ ފާސްކުރި އެވެ.