އިނގިރޭސިވިލާތުގެ މަޝްހޫރު ލަވަކިޔުންޔެރިޔާ އަޑެލް އާ އަލްބަމެއް މި އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި ގެނެސްދޭން ނިންމައިފި އެވެ.
އަލްބަމް ނެރޭ ވާހަކަ ހާމަކުރި ވީޑިއޯއާ އެކު އެތައް ބަޔަކު އަންނަނީ އެ އަލްބަމަށް އިންތިޒާރުކުރާ ކަމަށް ބުނަމުންނެވެ. މިހާތަނަށް 15 ގްރެމީ އެވޯޑް ހާސިލުކޮށްފައިވާ އަޑެލް އެންމެ ފަހުން ނެރުނު އަލްބަމަކީ 2015 ގެ "25" އެވެ.
ވަރަށް ބޮޑު މަގުބޫލު ކަމެއް ހޯދި އެ އަލްބަމް ނެރުނުތާ ފަސް އަހަރު ފަހުން އާ އަލްބަމެއް ގެނެސްދޭ އިރު، އާ އަލްބަމްގެ ލަވަތަކާއި އަޑެލްގެ ކައިވެނީގެ ހަޔާތާ ވަރަށް ބޮޑަށް ގުޅިލާމެހިފައި ހުންނާނެ ކަމަށް ގިނަ ބަޔަކު އުންމީދުކުރެ އެވެ. ނަމަވެސް މިހާތަނަށް ތިން އަލްބަމް ނެރުނު ލަވަކިޔުންތެރިޔާ އާ އަލްބަމާ ބެހޭ އެއްވެސް ތަފުސީލެއް ނުދެ އެވެ.
ދަރިއަކު ވެސް ލިބިފައި ވަނިކޮށް މިދިޔަ އަހަރު އަޑެލް ވަނީ ފިރިމީހާ ގާތުން ވަރިވެފަ އެވެ.
އަޑެލްގެ އަލްބަމްތަކުން އެންމެ ފާހަގަކުރެވޭ އެއް ކަމަކީ އަބަދު ވެސް ހިސާބު ނަމްބަރަކުން އަލްބަމްތަކަށް ނަން ދީފައި ހުރުމެވެ. އޭނާ އެންމެ ފުރަތަމަ 2008 ގައި ނެރުނީ "19" އެވެ. އަދި ދެވަނަ އަލްބަމަކީ 2011 ގެ "21" އެވެ.
އަޑެލް، 31، އަކީ އިނގިރޭސިވިލާތުގެ އަންހެން ލަވަކިޔުންތެރިންގެ ތެރެއިން އެންމެ ބޮޑު އާމްދަނީއެއް ލިބޭ ފަންނާނެވެ.