އިނގިރޭސިވިލާތުގެ މަޝްހޫރު ލަވަކިޔުންތެރިޔާ އަޑެލް މިދިޔަ އަހަރު ނެރެން ޕްލޭންކުރި އަލްބަމްގެ ހުރިހާ މަސައްކަތެއް މިހާރު އޮތީ ނިމިފައި ކަމަށާއި ވަރަށް އަވަހަށް އެ ނެރޭނެ ކަމަށް މީޑިއާތަކުން ބުނެފި އެވެ.

ފަނަރަ ގްރެމީ އެވޯޑް ހާސިލުކޮށްފައިވާ ލަވަކިިޔުންތެރިޔާގެ ހަތަރު ވަނަ އަލްބަމް ކުރިން ނެރެން މަސައްކަތްކުރީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގަ އެވެ. އޭނާ އެންމެ ފަހުން ނެރުނު އަލްބަކީ 2015 ގެ "25" އެވެ. އޭގެ ކުރިން އަޑެލް ގެނެސްދިނީ 21 (2011) ގެ އިތުރުން 19 (2008) އެވެ.

އާ އަލްބަމްގެ ނަން އަދި އިއުލާންކޮށްފައި ނުވާ އިރު އޭގެ ބައެއް ލަވަތައް އަޑުއެހި އަޑެލްގެ ގާތް އެކުވެރިޔާ އެލަން ކާ މަޝްހޫރު މަޖައްލާ "ގްރާޒިއާ" ގެ މިޝެލް ވިޒޭޖް ގާތުގައި ބުނީ އޭނާ އަޑުއެހި ލަވަތައް ވަރަށް ރީތި ކަމަށެވެ.

"ވަރަށް ވެސް ހިތްގައިމު އެ ލަވަތައް. އަހަންނަށް ވަރަށް ޔަގީން ފޭނުންނަށް ވަރަށް ކަމުދާނެ ލަވަތަކަށް މުޅި އަލްބަމްގައި ވެސް ހުންނާނީ،" އޭނާ ބުންޏެވެ. "އަހަރެން ވެސް އިންތިޒާރު މި ކުރަނީ އަލްބަމް ނެރޭނެ އިރަކަށް."

އެލަން ބުނި ގޮތުގައި އަލްބަމްގެ ލަވަތަކުގެ ތެރެއިން އޭނާ އަށް އަޑު އަހާލަން ލިބުނު ލަވަތަކަކީ ސީދާ އަޑެލްގެ ސްޓައިލްގެ ލަވަތަކެވެ.

"އެއީ ހަމަ ތަކުރާރުކޮށް އަޑު އަހާލަން ބޭނުންވާ ކަހަލަ ލަވަތަކެއް." އޭނާ ބުންޏެވެ.

ނަމަވެސް އަޑެލްގެ އާ އަލްބަމް ނެރޭނެ އިރަކާ ބެހޭ އެއްވެސް ވާހަކައެއް އެލަން ނުބުނެ އެވެ. އޭނާ ދިން ޔަގީން ކަމަކީ ވަރަށް އަވަހަށް އަޑެލް، 32، ފޭނުންނަށް ރަސްމީކޮށް އުފާވެރި ޚަބަރެއް ދޭނެ ކަމެވެ.