ސިއްރު ހެކި ނުނެގޭނެ ކަމަށް ކުރި ހުކުމުގެ މައްސަލަ ސުޕްރީމް ކޯޓުން ބަލައިގެންފި

ޖިނާއީ އިޖުރާއާތުގެ ގާނޫނު އޮތްގޮތުން، ޖިނާއީ އެއްވެސް މައްސަލައެއްގައި ސިއްރުން ހެކިބަސް ނުނެގޭނެ ކަމަށް ހައި ކޯޓުން ކުރި ހުކުމާ ގުޅިގެން ދައުލަތުން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލަ އެ ކޯޓުން ބަލައިގެންފި އެވެ.


ޖިނާއީ މައްސަލަތަކުގައި ސިއްރުން ހެކިބަސް ނުނެގޭނެ ކަމަށް ހައި ކޯޓުން ކަނޑައެޅީ، ކުރީގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދުގެ މައްޗަށް ކްރިމިނަލް ކޯޓުން އިއްވި ދޮޅު އަހަރުގެ ޖަލު ހުކުމް ބާތިލްކޮށް، ކުރި ހުކުމުގަ އެވެ. ޖިނާއީ އިޖްރާއާތުގެ ގާނޫނު އޮތްގޮތުން، ސިއްރުން ހެކިބަސް ނެގުމުގެ ބާރު ކޯޓުތަކަށް ލިބޭނީ ހެއްކާ ބެހޭ ގާނޫނުގައި ބަޔާންކުރާ ހާލަތްތަކުގައި ކަމަށާއި އެކަމަކު ހެއްކާ ބެހޭ ގާނޫނުގައި ސިއްރު ހެކީގެ އެއްވެސް ވާހަކައެއް ނެތް ކަމަށް އެ ހުކުމްގައި ވެ އެވެ.

އެ މައްސަލަ ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ސުޕްރީމް ކޯޓަށް ހުށަހެޅީ ހައި ކޯޓުން ގާނޫނު މާނަކުރި ގޮތް ރަނގަޅު ނޫން ކަމަށް ބުނެ އެވެ.

އެ މައްސަލަ ސުޕްރީމް ކޯޓުން އިއްޔެ ބަލައިގެންފައިވާ ކަން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ކަށަވަރުކޮށް ދިނެވެ.

ޖިނާއީ އިޖުރާއާތުގެ ގާނޫނުގެ 149 ވަނަ މާއްދާ ބުނާގޮތުން، ސިއްރު ހެކި ނެގޭނީ ހެއްކާ ބެހޭ ގާނޫނުގައި ބަޔާންކުރާ ހާލަތްތަކުގައި އަދި އެ ގާނޫނުގައި ބަޔާންކުރާ ގޮތުގެ މަތިންނެވެ. އެކަމަކު، 1976 ވަނަ އަހަރު އަމަލުކުރަން ފެށި ހެއްކާ ބެހޭ ގާނޫނުގައި ސިއްރު ހެކީގެ އެއްވެސް ވާހަކައެއް ބަޔާން ކޮށްފައެއް ނޯވެ އެވެ.

އެހެންވެ، ގާނޫނު އޮތްގޮތުން ޖިނާއީ އެއްވެސް މައްސަލައެއްގައި ސިއްރު ހެކިބަސް ނުނެގޭނެ ކަމަށް ބައެއް ވަކީލުން ކުރިން ވެސް ގެންދެވީ ވިދާޅުވަމުންނެވެ. އެ މައްސަލަ ކުރިން ވެސް ހައި ކޯޓުގައި ފާހަގަކުރި އެވެ. އެކަމަކު ގާނޫނު އެ މާއްދާއާ މެދު ވަކި އެއްޗެއް ބުނުމުގެ ބަދަލުގައި އޭރު ހައި ކޯޓުން ނިންމާފައި އޮތީ ސިއްރު ހެކިބަސް ނެގުމަކީ ކުރެވިދާނެ ކަމެއް ކަމަށް އެ ކޯޓުގެ ކުރީގެ ނިންމުންތަކުގައި އެބަހުރި ކަމަށެވެ.