ދީނާ ޚިލާފު ވާހަކަތަކެއް ދައްކައި، ރަށްރަށުގައި ވޯކްޝޮޕްތަކެއް ބޭއްވިކަމުގެ ޝަކުވާ ލިބުމުން އެކަން އިސްލާމިކް މިނިސްޓްރީން ބަލަން ފަށައިފި އެވެ.

އެ މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވީ ދީނީ އެއްބައިވަންތަކަން ހިމާޔަތްކުރުމުގެ ގާނޫނާ ހިލާފަށް ވޯކްޝޮޕުތަކެއް ބޭއްވި މައްސަލަ އިސްލާމިކް މިނިސްޓްރީން ބަލަން ފަށައިފި އެވެ.

އެނގިފައިވާ ގޮތުގައި، ހދ. ހަނިމާދޫގެ އިތުރުން ސ. ހިތަދޫގައި އެ ވޯކްޝޮޕްތައް ބޭއްވީ ކުއިލިއަމް ފައުންޑޭޝަން ކިޔާ ޖަމިއްޔާއަކުންނެވެ. އެ ވޯކްޝޮޕްތަކުގައި ޝިރުކު ކުރުމާއި އިސްލާމް ދީނާއި ޓެރަރިޒަމް ގުޅުވައިގެން ވާހަކަދެއްކި ކަމަށް ވެ އެވެ. ވޯކްޝޮޕްތަކުގައި ސްކޫލް ކުދިންނާއި ބެލެނިވެރިން ވެސް ވަނީ ބައިވެރިވެފަ އެވެ.

އިނގިރޭސިވިލާތުގައި މީގެ 12 އަހަރުކުރިން އުފެއްދި ކުއިލިއަމް ޖަމިއްޔާގައި އިސްކޮށް ހަރަކާތްތެރިވަނީ މާޖިދު ނަވާޒާއި ރަޝާދު ޒަމާން އަލީ އާއި ހަރަސް ރަފީގް އަދި ޑޭވިޑް ޓޫބެ ނަމަކަށް ކިޔާ ބައެކެވެ.

އެ ޖަމިއްޔާ އިން އިސްލާމްދީނާ މެދު ތަފާތު ނަޒަކުން ދެކޭ ސިޔާސަތުތައް ކަނޑައެޅުމަށް ސަރުކާރުތަކާއި ދައުލަތުގެ މުއައްސަސާތަކަށް ބާރު އެޅުމާ އެކު މެދުމިނުގެ މުސްލިމުން ބާރުވެރިކުރުވަން އަޑު އުފުލަ އެވެ.