ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އެކައުންޓަށް ޖަމާވި އެއް މިލިއަން ޑޮލަރު ބަހައްޓަން އެސްކްރޯ އެކައުންޓެއް ހުޅުވަން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ލަފާ ދެއްވާފައި ނުވާނެ ކަމަށާއި އެކަމުގެ ހެއްކެއް ނެތް ކަމަށް ރައީސް އޮފީހުގެ ކުރީގެ ލީގަލް އެފެއާޒް މިނިސްޓަރު އާޒިމާ ޝަކޫރު ކްރިމިނަލް ކޯޓުގައި މިއަދު ވިދާޅުވެއްޖެ އެވެ.
ރަސްމީ އިދާރާތަކަށް ދޮގު މައުލޫމާތު ދިނުމުގެ ދައުވާ އާއި މަނީ ލޯންޑްރިން އަށް މަގުފަހިކޮށް ދިނުމުގެ ދައުވާ އާޒިމާގެ މައްޗަށް ދައުލަތުން ކުރަނީ ޔާމީންގެ އެކައުންޓަށް އެސްއޯއެފުން ޖަމާކުރި އެއް މިލިއަން ޑޮލަރު އޭސީސީއާ އެކު ހެދި އެސްކްރޯ އެކައުންޓެއްގައި ބަހައްޓަން އެއްބަސްވެ ވަޑައިގަތުމަށް ފަހު އެއާ ޚިލާފްވި ކަމަށް ބުނާ މައްސަލައިގަ އެވެ.
އެ މައްސަލާގެ މިއަދު ބޭއްވި އަޑުއެހުމުގައި އާޒިމާ ވިދާޅުވީ އެސްކްރޯ އެކައުންޓެއް ހުޅުވަން އޭނާ އޭސީސީ އަށް ލަފާ ދެއްވި ކަމަށް ދައުވާގައި ބުނާއިރު އެފަދަ ލަފައެއް އޭނާ ދެއްވާފައި ނުވާނެ ކަމަށާއި އެފަދަ ލަފައެއް އޭނާ ދެއްވިކަމުގެ ހެއްކެއް ވެސް ހުށަހަޅާފައި ނެތް ކަމަށެވެ. އަދި އަދި އޭނާ އަކީ އޭސީސީ އަށް ލަފާ ދިނުމުގެ ޒިންމާއެއް އޭރު އޮތް މީހެއް ނޫން ކަމަށާއި އޭނާ ލަފާ ދެއްވި ކަމަށް ބުނާއިރު އެ ލަފަ އަކީ ކޮބައިތޯ ވެސް އާޒިމާއާ ސުވާލު އުފެއްދެވި އެވެ.
މީގެ އިތުރުން އެ މައްސަލާގައި ޔާމީން ފަސް އަހަރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ކުރި ހުކުމް އޮތް ގޮތުން އޭނާގެ ބައިވެރިވުން ނެތީސް، މަނީ ލޯންޑްރިންގެ އަމަލު ފުރިހަމަވެފައިވާ ކަމަށް އާޒިމާ ވިދާޅުވި އެވެ. އެހެންވެ، އެއީ ޖިނާއީ އިޖްރާއާތުގެ ގާނޫނުގައި ބުނާ ފަދައިން މަދަނީ މިންގަނޑުން ބަލާއިރު ކުރިއަށް ގެންދެވޭނެ މައްސަލައެއް ނޫން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ޖަވާބުގައި ދައުލަތުން ބުނީ އެސްކްރޯ އެކައުންޓް ހުޅުވުމާ ގުޅޭގޮތުން މުއާމަލާތްކުރީ އާޒިމާކަން ހެކިތަކުން އެނގޭ ކަމަށެވެ. އަދި އެސްކްރޯ އެކައުންޓަށް އެއް މިލިއަން ޑޮލަރު ޖަމާ ކޮށްފައިވާކަން އޭސީސީ އަށް ސިޓީއަކުން އެންގެވީ ވެސް އާޒިމާ ކަމަށް ދައުލަތުން ބުންޏެވެ.
އެކަމާ ގުޅިގެން އާޒިމާ ވިދާޅުވީ އޭނާ އޭސީސީ އަށް ލަފައެއް ނުދެއްވާ ކަން ދައުލަތުގެ ވާހަކަތަކުން ވެސް ސާފުވާ ކަމަށާއި އެސްކްރޯ އެކައުންޓަށް ފައިސާ ޖަމާވި ކަމަށް އޭނާ އޭސީސީއަށް އެންގެވި ކަމަށް ބުނެ ދައުލަތުން ހުށަހެޅި ސިޓީގައި ވެސް އޮތީ ބީއެމްއެލްގައިި ހުޅުވި އެ އެކައުންޓްގެ ނަމްބަރު ނޫން ކަމަށެވެ. އަދި އޭސީސީގެ ނަމުގައި އޮތް އެސްކްރޯ އެކައުންޓަށް ޖަމާވާ ފައިސާގެ މައުލޫމާތު ހޯދުމަކީ އޭނާއަށް ކުރެވޭނެ ކަމެއް ނޫން ކަން ވެސް އާޒިމާ ފާހަގަކުރެއްވި އެވެ.
ޖަވާބުގައި ދައުލަތުން ބުނީ ސިޓީގައި އޮތީ އެސްކްރޯ އެކައުންޓް ނަމްބަރު ނޫން ކަމަށް ވިޔަސް، ސިޓީގެ އިބާރާތް ހުރި ގޮތުން އެ ފައިސާ ޖަމާކުރީ ކޮން ބޭނުމެއްގައިކަން އެ ސިޓީން އެނގޭ ކަމަށެވެ.
އެ މައްސަލަ އޮތީ ޝަރީއަތުގެ ކުރިން ހުށަހަޅާ ހުށަހެޅުންތަކާ މެދު ދެ ފަރާތުން ވާހަކަ ދެއްކުމާއި ގޮތެއް ނިންމުމުގެ މަރުހަލާގަ އެވެ. އެކަމަކު އާޒިމާގެ ވަކީލަށް މިއަދު ހާޒިރު ނުވެވޭތީ އޭނާ އެދިވަޑައިގަތީ ވަކީލާ އެކު އެ ބައި ކުރިއަށް ގެންދެވުމަށެވެ.
އެހެންވެ، މިއަދުގެ އަޑުއެހުން ނިންމާލީ މިމަހުގެ ފަހުކޮޅު އެ މައްސަލާގެ އިތުރު އަޑުއެހުމެއް ބާއްވާނެ ކަން އިއުލާން ކުރެއްވުމަށް ފަހު އެވެ.
އެ މައްސަލަ ކުރިން ބައްލަވަމުން ގެންދެވީ ކްރިމިނަލް ކޯޓުގެ ކުރީގެ އިސް ގާޒީ އަހުމަދު ހައިލަމް ކަމަށް ވިޔަސް، އޭނާ މަގާމުން އިސްތިއުފާ ދެއްވުމުން މިހާރު އެ މައްސަލަ ބައްލަވަނީ ގާޒީ ހަސަން ސައީދެވެ.