ބޮޑު އަގުގައި އަމިއްލަ ކުންފުންޏަކަށް ޕްރޮޖެކްޓެއް ދިން މައްސަލައެއް އަފީފް ފެންމަތި ކުރައްވައިފި

ސަރުކާރު ހިއްސާވާ ކުންފުންޏަކުން ކުޑަ އަގެއް ހުށަހަޅާފައި ވަނިކޮށް، އެ އަށް ވުރެ ބޮޑު އަގެއް ހުށަހެޅި އަމިއްލަ ކުންފުންޏަކަށް ސަރުކާރުން ޕްރޮޖެކްޓެއް ދީ، ކޮރަޕްޝަނަށް މަގުފަހިވާ އަމަލެއް ހިންގާފައިވާ ކަމަށް ވިލުފުށި ދާއިރާގެ އެމްޑީޕީގެ މެމްބަރު ހަސަން އަފީފް ރައްޔިތުންގެ މަޖިލީހުގައި މިއަދު ތުހުމަތު ކުރައްވައިފި އެވެ.


ޖިނާއީ އިޖުރާއަތުގެ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހުތަކާ ބެހޭ ގޮތުން، މަޖިލީހުގެ މިއަދުގެ ޖަލްސާގައި އަފީފް ވިދާޅުވީ، އެ ޕްރޮޖެކްޓް އަމިއްލަ ކުންފުންޏާ ހަވާލުކޮށްފައި ވަނީ 90 ޕަސެންޓް ސަރުކާރު ހިއްސާވާ ކުންފުންޏަކުން ހުށަހެޅި ވަރަށް ވުރެ 25 މިލިއަން ރުފިޔާ އަގު ބޮޑުކޮށް ކަމަށެވެ. ޕްރޮޖެކްޓް ލިބުނު ކުންފުންޏަކީ އޭނާ ވިދާޅުވި ގޮތުގައި، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ވެސް ކޮރަޕްޝަން ހިންގާފައިވާ ބައެކެވެ.

އެކަމަކު، އެއީ ކޮން ކުންފުންޏެއް އަދި ކޮން ޕްރޮޖެކްޓެއް ކަމެއް އަފީފް ވިދާޅެއް ނުވެ އެވެ. އެ ޕްރޮޖެކްޓް ހަވާލުކުރީ، ސަރުކާރުގެ ކޮން ކުންފުންޏަކުން ކަމެއް ވެސް އޭނާ ވިދާޅެއް ނުވެ އެވެ.

"އެ މީހުންނަށް މި އޮތީ ހަވާލުކޮށް އަދި އެ ޕްރޮޖެކްޓަށް ގެންނަން ޖެހޭ މުދާ ވެސް ގެނެސް އެ ކަންތައް ކޮށް ނިންމާލާފައި،" ރައްޔިތުންގެ މަޖިލީހުގެ ރިޔާސަތު ބަލަހައްޓަވާ ބޭފުޅުންގެ ތެރޭގައި ވެސް ހިމެނިވަޑައިގަންނަވާ އަދި އެމްޑީޕީގެ އެންމެ ސީނިއާ އެއް މެމްބަރު ވިދާޅުވި އެވެ.

އަފީފް ވިދާޅުވީ އެ މައުލޫމާތު ލިބިވަޑައިގަތީ، ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީ އަށް ހުށަހަޅާފައިވާ ސިޓީއަކުން ކަމަށެވެ. މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް ވެސް އެ ސިޓީ ލިބިވަޑައިގެންފައިވާ ކަމަށް ވިދާޅުވި އެވެ.

އަފީފް ވިދާޅުވި ގޮތުގައި، ޔާމީންގެ ސަރުކާރުން ކޮށްފައިވާ ގޯސް ކަންތައްތަކެއްގެ ވާހަކަ ދައްކާއިރު، މި ސަރުކާރުގެ ތެރޭގައި ވެސް ހަމަ އެ ކަންތައްތައް ހިނގާތޯ ބަލަން ޖެހެ އެވެ. އަދި އެފަދަ ކަންކަން ހިނގާނަމަ އެކަން ހުއްޓުވަން ޖެހޭ ކަމަށް ވިދާޅުވި އެވެ.

އަފީފް ވިދާޅުވީ ކޮރަޕްޝަނަށް ޒީރޯ ޓޮލެރެންސްއޭ ކިޔައިގެން ތިބެގެން ކަމަކު ނުދާނެ ކަމަށެވެ. އަދި އޭނާ ތުހުމަތު ކުރެއްވި މައްސަލަ ރައްޔިތުންގެ މަޖިލީހުން ވެސް ބަލަންޖެހޭނެ ކަމަށް ވިދާޅުވި އެވެ.