ށ. މިލަންދު އާއި އދ. މާމިގިލީގެ މަގުތަކުގައި ތާރުއެޅުމުގެ މަސައްކަތް ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އާރްޑީސީ) އާ މިއަދު ހަވާލުކޮށްފި އެވެ.
ނެޝަނަލް ޕްލޭނިން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތުގައި، މި ދެ މަޝްރޫއުގެ އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ އެތަނުގެ ޑިރެކްޓާ ޖެނެރަލް ފާތިމަތު ޝާނާ ފާރޫގެވެ. އާރްޑީސީގެ ފަރާތުން ދެ އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓރު މޫސާ އަލީ މަނިކެވެ.
މި ދެ މަޝްރޫއަށް 251 މިލިއަން ރުފިޔާ ހޭދަކުރާނެ ކަމަށް ނެޝަނަލް ޕްލޭނިން މިނިސްޓްރީން ބުންޏެވެ.
މި މަޝްރޫއުގެ ދަށުން މިލަންދޫގެ އަށް މަގެއްގައި ތާރު އަޅާނެ އެވެ. އެގޮތުން 6.15 ކިލޯމީޓަރުގެ ތާރުއަޅާނެ އެވެ. މި މަސައްކަތަށް 156 މިލިއަން ރުފިޔާ ހޭދަވެ އެވެ. އެއް އަހަރާއި ފަސް މަސް ދުވަހުގެ ތެރޭގައި މި މަސައްކަތް ފުރިހަމަ ކުރަން ޖެހެ އެވެ.
މާމިގިލީގެ މަޝްރޫއަށް ކަނޑައަޅާފައި ވަނީ 95 މިލިއަން ރުފިޔާ އެވެ. ނެޝަނަލް ޕްލޭނިން މިނިސްޓްރީން ބުނި ގޮތުގައި އެ ރަށުގެ ހަ މަގެއްގައި ތާރުއަޅާނެ އެވެ. މި މަސައްކަތް ފުރިހަމަކުރަން އާރްޑީސީ އަށް ދީފައި ވަނީ އެއް އަހަރާއި ދޮޅު މަސް ދުވަހެވެ.
މާލޭގެ މަގުތައް މަރާމާތުކުރުމުގެ މަޝްރޫއު ވެސް، މާލެ ސިޓީ ކައުންސިލުން ވަނީ އާރްޑީސީއާ މިދިޔަ ޖެނުއަރީ މަހު ހަވާލުކޮށްފަ އެވެ. މަގުތަކުގައި ފެންބޮޑުވާ މައްސަލަ އާއި ޕާކުކުރުމުގެ ދަތިކަމަށް ހައްލެއް ހޯދަން ހިންގާ މި މަޝްރޫއަށް 462 މިލިއަން ރުފިޔާ ހޭދަކުރާނެ އެވެ.