އދ. މާމިގިލީގެ ބޮޑެތި މަގުތަކުގައި ތާރު އެޅުމުގެ މަސައްކަތް ހުއްޓިފައި އޮންނަތާ ދުވަސްތަކެއް ފަހުން އަލުން މިއަދު ފަށައިފި އެވެ. 

މިދިޔަ އެމްޑީޕީގެ ސަރުކާރުން ޑިސެމްބަރު 2020 ގައި އެ މަސައްކަތް ދެ އަހަރުން ނިންމާ ގޮތަށް 95 މިލިއަން ރުފިޔާ އަށް އާރުޑީސީއާ ހަވާލުކުރި ނަމަވެސް އެކި ސަބަބުތަކާ ހެދި މަސައްކަތް އޮތީ ހުއްޓިފަ އެވެ. 

އެމްޑީޕީގެ ވެރިކަން ނިމުނުއިރު މާމިގިލީ މަގުތަކުގައި ޕޭވްމަންޓް ހަދައި މަގުތަކުގެ މެދުގައި އޮތީ ހުސް ހިލަވެލި އަޅައިފަ އެވެ. ކުރަންޖެހޭ ކަމަކަށް ދެން އޮތީ ތާރު އެޅުމުގެ މަސައްކަތް އަމަލީ ގޮތުން ފެށުމާއި އޭގެ ކުރިން މަގު އެއްވަރު ކުރުން ފަދަ ކަންކަމެވެ.

މިދިޔަ އަހަރުގެ އޮކްޓޫބަރުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު މާމިގިއްޔަށް ކުރެއްވި ދަތުރުފުޅުގައި ވަނީ އެ ރަށު މަގުތަކުގެ ސަބަބުން ރައްޔިތުންނަށް ދިމާވެފައިވާ ތަކުލީފުތަކަށް ނިމުމެއް ގެނެސް މަގުތައް ނިންމައި ދެއްވާނެ ކަމުގެ ޔަގީންކަން ދެއްވައިފަ އެވެ.

އދ. މާމިގިލި މަގުތައް ޒަމާނީ ފެންވަރަށް ހެދުމުގެ މަސައްކަތް ފެށުން.-- ފޮޓޯ: ހައުސިން މިނިސްޓްރީ
އދ. މާމިގިލި މަގުތައް ޒަމާނީ ފެންވަރަށް ހެދުމުގެ މަސައްކަތް ފެށުން.-- ފޮޓޯ: ހައުސިން މިނިސްޓްރީ

ކޮންސްޓްރަކްޝަން މިނިސްޓްރީން ބުނީ މާމިގިލީގެ މަގުތަކުގައި ޒަމާނީ ފެންވަރަށް ތާރު އެޅުމުގެ މަސައްކަތް މިއަދު ރަސްމީކޮށް ފަށާފައިވާ ކަމަށެވެ.

އެ މަސައްކަތް ފައްޓަވައިދެއްވީ ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު އެ ރަށަށް ވަޑައިގެން ބޭއްވި ހާއްސަ ރަސްމިއްޔާތެއްގަ އެވެ.

މާމިގިލީގެ މަގުތައް ހެދުމުގެ މަސައްކަތް ނިންމައިދޭނީ ވެސް ކުރިއެކޭ އެއްގޮތަށް އާރުޑީސީންނެވެ. 

އދ. މާމިގިލި މަގުތައް ޒަމާނީ ފެންވަރަށް ހެދުމުގެ މަސައްކަތް ފެށުން.-- ފޮޓޯ: ހައުސިން މިނިސްޓްރީ
އދ. މާމިގިލި މަގުތައް ޒަމާނީ ފެންވަރަށް ހެދުމުގެ މަސައްކަތް ފެށުން.-- ފޮޓޯ: ހައުސިން މިނިސްޓްރީ