ގދ. ތިނަދޫގައި އަޅާ 50 ފްލެޓާއި މަގު ހެދުމުގެ މަޝްރޫއުގެ ތިންވަނަ ފިޔަވަހީގެ އަމަލީ މަސައްކަތް މިއަދު ފަށައިފި އެވެ. 

ހައުސިން އެންޑް ކޮންސްޓްރަކްޝަން މިނިސްޓްރީން ނެރުނު ނޫސްބަޔާނެއްގައި ބުނީ ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ)އާ ހަވާލުކޮށްގެން ތިނަދޫގައި ހިންގާ މަގު ހެދުމުގެ މަޝްރޫ އާއި އަމިއްލަ ކުންފުންޏަކާ ހަވާލުކޮށް އެ ރަށުގައި 50 ހައުސިން ޔުނިޓް ނުވަތަ ފްލެޓް އެޅުމުގެ މަސައްކަތް އަމަލީ މަސައްކަތް މިއަދު ފަށާފައިވާ ކަމަށެވެ. 

ގދ. ތިނަދޫގައި 50 ފްލެޓް އެޅުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ފެށުމަށް ބޭއްވި ރަސްމިއްޔާތު.-- ފޮޓޯ: ހައުސިން މިނިސްޓްރީ
ގދ. ތިނަދޫގައި 50 ފްލެޓް އެޅުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ފެށުމަށް ބޭއްވި ރަސްމިއްޔާތު.-- ފޮޓޯ: ހައުސިން މިނިސްޓްރީ

އެ ދެ މަޝްރޫއުތަކުގެ އަމަލީ މަސައްކަތް ފައްޓަވައިދެއްވީ އެކަމަށްޓަކައި އެ ރަށުގައި މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތުތަކެއްގައި މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބެވެ. 

  • މަގު ހެދުމުގެ މަޝްރޫއުގެ ދަށުން ތިނަދޫގެ 50 މަގު ނުވަތަ 19.3 ކިލޯމީޓަރުގެ ސަރަހައްދެއްގައި ތާރު އަޅައި ފެންހިންދާ ނިޒާމު ގާއިމްކުރާނެ. އެ މަސައްކަތް ހަވާލުކުރީ ތިން އަހަރާއި ނުވަ މަސްދުވަހުގެ ތެރޭގައި ނިންމާ ގޮތަށް. 
  • ކޮންޓްރެކްޓާ ފައިނޭންސިން އުސޫލުގެ ދަށުން 50 ފްލެޓް އަޅަން ހަވާލުކޮށްފައި ވަނީ ސްވިފްޓް އިންޖީނިއަރިން ޕްރައިވެޓް ލިމިޑެޓްއާ. އެ މަޝްރޫއުގެ ދަށުން ތިން ކޮޓަރީގެ 50 ފްލެޓް އަޅާއިރު، އެ މަސައްކަތް ހަވާލުކުރީ އެއް އަހަރާއި ދެ މަސްދުވަހުގެ ތެރޭގައި ނިންމާ ގޮތަށް
ގދ. ތިނަދޫގައި 50 ފްލެޓް އެޅުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ފެށުމަށް ބޭއްވި ރަސްމިއްޔާތު.-- ފޮޓޯ: ހައުސިން މިނިސްޓްރީ
ގދ. ތިނަދޫގައި 50 ފްލެޓް އެޅުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ފެށުމަށް ބޭއްވި ރަސްމިއްޔާތު.-- ފޮޓޯ: ހައުސިން މިނިސްޓްރީ

މިނިސްޓްރީން ބުނީ އެ ދެ މަޝްރޫއުގެ އަމަލީ މަސައްކަތް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ތިނަދޫގެ އެކި ދާއިރާތަކުގެ މަޖިލިސް މެމްބަރުންނާއި މަޝްރޫއުތައް ހިންގާ ކުންފުނިތަކުގެ އިސްވެރިން ވެސް ބައިވެރިވެވަޑައިގެންނެވި ކަމަށެވެ. 

ސަރުކާރުން ތިނަދޫގައި އިމާރާތްކޮށްފައިވާ 200 ހައުސިން ޔުނިޓަށް ކުރިމަތިލާން ދިން މުއްދަތު ހަމަވި އިރު، 1،022 ފޯމު ލިބިފައިވާ ކަމަށް މިނިސްޓްރީން ބުންޏެވެ. 

މިނިސްޓްރީން ބުނީ އެ ފޯމުތައް އިވެލުއޭޓްކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި އެ މަސައްކަތް ނިމުމާ އެކު ފްލެޓް ލިބޭ މީހުން ލިސްޓު އާންމުކުރާނެ ކަމަށެވެ.