ކޮރޯނާވައިރަސް ފެތުރޭތީ ގައުމުތަކުގެ ރައްޔިތުން މިހާރު "ގޭގައި ތާށިވެފައި" ތިބެން ޖެހުމާ ގުޅިގެން ނެޓްފްލިކްސް ކަހަލަ ސްޓްރީމިން ހިދުމަތް ބޭނުންކުރުން ވަރަށް ބޮޑަށް އިތުރުވެ، އިންޓަނެޓަށް ބާރުބޮޑުވާން ފަށައިފި އެވެ.
މިކަމާ ގުޅިގެން ކަމާ ބެހޭ އިދާރާތަކުން ވަނީ ހިދުމަތްދޭ ކުންފުނިތަކުގެ ސްޓްރީމުން ކޮލިޓީ މި ދަނޑިވަޅުގައި ދަށްކުރަން ވެސް ގޮވައިލައިފަ އެވެ. އެގޮތުން ޔޫރަޕިއަން ޔޫނިއަން (އީޔޫ) ބުނީ އެޗްޑީ ކޮލިޓީގައި ގިނަ ކުންފުނިތަކުން ހިދުމަތްދޭތީ، އިންޓަނެޓަށް ކުރާ ބާރު މި ދަނޑިވަޅުގައި ދަނީ އޮބިނޯންނަ ވަރަށް ބޮޑުވާ ކަމަށެވެ. އެހެންވެ ސްޓްރީމުންގެ ހިދުމަތުގައި އެންމެ ގިނަ ބަޔަކު ބޭނުންކުރާ ނެޓްފްލިކްސް އިން މިހާރު ވަނީ ވަގުތީ ގޮތުން ވީޑިއޯ ކޮލިޓީ ދަށްކުރަން ނިންމައިފަ އެވެ.
މިކަމާ ބެހޭ ގޮތުން ޔޫރަޕިއަން ޔުނިއަން ކޮމިޝަނަރު ތިއެރީ ބްރީޓަން ވިދާޅުވީ އިންޓަނެޓް އޯވަލޯޑްވާތީ މި ވަގުތަށް އެންމެ ރައްކާތެރި ގޮތަކީ އެޗްޑީ ކޮލިޓީގައި ހިދުމަތް މަޑުޖައްސައިލުން ކަމަށެވެ.
"ހުރިހާ އެންމެންނަށް އެއް ހަމައެއްގައި އިންޓަނެޓަށް އެކްސެސްވެވޭނީ މި ދަނޑިވަޅުގައި މިކަހަލަ ފިޔަވަޅެއް އަޅައިގެން،" އޭނާ ވިދާޅުވި އެވެ.
މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ކޮރޯނާވައިރަހުން ރައްކާތެރިކަން ހޯދުމުގެ ގޮތުން ގައުމުތަކުގެ އޮފީހާއި އެ ނޫން ވެސް އެތައް ތަންތަނެއް ބަންދުކޮށް، އެންމެން ވެސް މި ދުވަސްކޮޅު ގެއިން ނުނިކުމެ ގޭގައި ތިބެން އަންގާތީ މީގެ ކުރިން ސްޓްރީމިންގެ ހިދުމަތަށް ދުވަހަކު ވެސް ބާރުބޮޑުނުވާ ވަރަށް ވަނީ ބާރުބޮޑުވެފަ އެވެ. އަދި މީގެ ހުރިހާ ލޮޅުން އަރަނީ އިންޓަނެޓްގެ ސްޕީޑަށެވެ.
ނެޓްފްލިކްސް އިން ބުނިގޮތުގައި މިހާރު ވަނީ ޔޫރަޕްގެ ގައުމުތަކުގައި އެ ކުންފުނީގެ ހިދުމަތުގެ ޕިކްޗާ ކޮލިޓީ ދަށްކޮށްފަ އެވެ. އެ ކުންފުނީގެ ސީއީއޯ ރީޑް ހޭސްޓިންގްސް ވިދާޅުވީ ލޯޑްކުރުމަށްޓަކައި މިހާރު ނެޓްފްލިކްސްގެ ޑޭޓާ ކޮންޒަމްޕްޝަން 25 ޕަސަންޓަށް ދަށްކޮށްފައިވާ ކަމަށެވެ.
ކޮރޯނާޗައިރަހާ ގުޅިގެން ދުނިޔޭގެ ހުރިހާ ހިސާބެއްގައި ވެސް މިހާރު އިންޓަނެޓްގެ ބާރު ދަނީ ބޮޑުވަމުންނެވެ. އަދި އިންޓަނެޓްގެ ހިދުމަތްދޭ ކުންފުނިތަކުން ވެސް އަންނަނީ ކަސްޓަމަރުންނަށް ހާއްސަ އިނާޔަތްތަކެއް ވެސް ދެމުންނެވެ. މިއާ އެކު ސްޓްރީމިންގެ ހިދުމަތް މެދުވެރިކޮށް މުނިފޫހިފިލުވާ މީހުން މިހާރު ވަނީ ވަރަށް ބޮޑުތަނުްނ އިތުރުވެފަ އެވެ.
އަނެއްކޮޅުން މި ހާލަތުގައި ގިނަ ބަޔަކު އެކަހެރިވެގެން ތިބެން ޖެހޭތީ، ކުރިމަތިވެދާނެ ނަފުސާނީ މައްސަލަތަކަކަށްޓަކައި ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ޑަބްލިއުއެޗްއޯ އިން ވެސް ވަނީ ސޯޝަލް މީޑިިއާގެ ވަސީލަތްތަކުގެ ބޭނުން ހިފުން މުހިއްމު ކަމަށް ބުނެފަ އެވެ.
ނެޓްފްލިކްސްގެ އިތުރުން ސްޓްރީމިންގެ މަޝްހޫރު ޕްލެޓްފޯމްތަކުގެ ތެރޭގައި ޔޫޓިއުބް، ވީމިއޯ، ހުލޫ، އެމެޒޯން ޕްރައިމް ވީޑިއޯ، އެޗްބީއޯ ނައު އަދި ޑިޒްނީ+ ފާހަގަކޮށްލެވެ އެވެ.