ގްލޯބަލް ޓޫރިޒަމް ކްރައިސިސް ކޮމިޓީއަށް އަލީ ވަހީދު

ދުނިޔޭގެ ޓޫރިޒަމް ޖަމިއްޔާ (ޑަބްލިއުޓީއޯ) ގެ "ގްލޯބަލް ޓޫރިޒަމް ކްރައިސިސް ކޮމިޓީ" އަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު މިއަދު އައްޔަނުކޮށްފި އެވެ.


ދުނިޔެ އަށް މި ވަގުތު ދިމާވެފައިވާ ބަލިމަޑުކަމުން އަރައިގަތުމަށްޓަކައި މަޝްވަރާކުރުމަށް ޑަބްލިއުޓީއޯ އިން މިދިޔަ ހަފުތާގައި ވަނީ "ދަ ގްލޯބަލް ޓޫރިޒަމް ކޯޑިނޭޝަން ވާޗުއަލް މީޓިން" އެއް ބާއްވައިފަ އެވެ. މި ބައްދަލުވުމުގައި ކޮވިޑް-19 އާ ދެކޮޅަށް އެކި ގައުމުތަކުން ކުރަމުން އަންނަ މަސައްކަތާ ގުޅޭ ގޮތުން މަޝްވަރާކޮށް، އެ ބަލީގެ ސަބަބުން ކުރިމަތިވާ ގޮންޖެހުންތަކަށް ހައްލެއް ހޯދަން ކްރައިސިސް ޓީމެއް އެކުލަވާލަން ނިންމި އެވެ.

މިނިސްޓަރު އަލީ ވަހީދު އެ ބައްދަލުވުމުގައި ބައިވެރިވަޑައިގަތީ، އެ ޖަމިިއްޔާގެ ދެކުނު އޭޝިއާގެ ރީޖަނަލް ކޮމިޝަނުގެ ޗެއާގެ ހައިސިއްޔަތުންނާއި ރާއްޖޭގެ ޓޫރިޒަމް މިނިސްޓަރުގެ ހައިސިއްޔަތުންނެވެ.

ޑަބްލިއުޓީއޯ އިން މިއަދު ކުރި ޓްވީޓެއް

ދުނިޔެ އަށް މި ވަގުތު ކުރިމަތިވެފައިވާ މި ގޮންޖެހުންތަކުން ސަލާމަތްވާން ކުރު އަދި ދިގު ރާސްތާގެ "ރެސްކިއު ޕްލޭނެއް" އެކުލަވާލަން ވެސް އެ ބައްދަލުވުމުގައި ނިންމި އެވެ.

ކޮވިޑް-19 އާ ދެކޮޅަށް މަސައްކަތް ކުރުމުގައި ޕޮޒިޓިވް ވިސްނުމެއް ގެންގުޅެން ޖެހޭ ކަމަށް އަލީ ވަހީދު އެ ބައްދަލުވުމުގައި ވިދާޅުވި އެވެ. އަދި ރާއްޖެއިން އިސްކަން ދޭނީ ޓޫރިޒަމް އެނދުތައް ފުރާލުމަށް ވުރެ ބޮޑަށް ބަލިން އަރައިގަތުމަށް ކަމަށް މިނިސްޓަރު ވިދާޅުވެފައިވެ އެވެ.

މި ބައްޔަށް ރާއްޖެ އިން ޕޮޒިޓިވްވި 13 މީހުންގެ ތެރެއިން ދެ މީހުންނަކީ ކުރެއްދޫ އައިލެންޑް ރިސޯޓުގައި މަސައްކަތްކުރި ދެ މުވައްޒަފުންނެވެ. ބާކީ 11 މީހުންނަކީ ރާއްޖެ އަށް ޗުއްޓީ ހޭދަކުރަން އައި ޓޫރިސްޓުންނެވެ. އޭގެ ތެރެއިން، ކުރެއްދޫގައި މަސައްކަތް ކުރި ޑޮކްޓަރާ އެކު ފަސް މީހުން މިހާރު ވަނީ ބަލިން ރަނގަޅުވެފަ އެވެ.