ކަސްޓަމްސްގެ ޑެޕިއުޓީ ކޮމިޝަނަރުގެ ލިޔުމާއި ބެޖް، އޭރުގެ ކޮމިޝަނާ ޖެނެރަލް ނުއުމާން މިދިޔަ އަހަރުގެ ޖުލައި 8 ގައި އަބްދުﷲ ޝަރީފްއާ ހަވާލު ކުރައްވަނީ.
11 އެޕްރީލް 2020 - 16:20
ކޮމިޝަނާ ޖެނެރަލް އޮފް ކަސްޓަމްސްގެ މަގާމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، ބޭފުޅަކު އައްޔަން ކުރައްވަންދެން އެ އިދާރާ ހިންގަވާނީ، ކުރިން ވެސް ހަމަޖެހިފައިވާ ގޮތަށް ޑެޕިއުޓީ ކޮމިޝަނަރު އަބްދުﷲ ޝަރީފް ކަމަށް ކަސްޓަމްސް އިން މިއަދު ބުނެފި އެވެ.
ކަސްޓަމްސްގެ ކޮމިޝަނަ ޖެނެރަލް ނެތް ހިނދެއްގައި އިދާރާގެ ހިންގުމާ ހަވާލުވެ ވަޑައިގަންނަވާނީ ޑެޕިއުޓީ ކޮމިޝަނަރު ކަމަށް ކަސްޓަމްސްގެ ގާނޫނުގައި އޮވެ އެވެ. އަދި ޑެޕިއުޓީ ދެ ކޮމިޝަނަރުން ތިއްބަވާ ނަމަ ކޮމިޝަނަރު ނެތް ހާލަތެއްގައި ޒިންމާތަކާ ހަވާލުވެ ވަޑައިގަންނަވާނެ ޑެޕިއުޓީ ކޮމިޝަނަރަކު، ކުރިން ކަނޑައަޅާފައި ބޭއްވުން ވެސް ގާނޫނު ލާޒިމްކުރެ އެވެ.
އެހެންވެ، ކަސްޓަމްސް އަށް މިދިޔަ އަހަރުގެ ޖުލައި 8 ގައި ދެ ޑެޕިއުޓީ ކޮމިޝަނަރުން އައްޔަން ކުރެއްވިއިރު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ނިންމަވާފައި ވަނީ ކޮމިޝަނަރު ނެތް ހިނދެއްގައި އޭނާގެ ޒިންމާތަކާއި މަސްއޫލިއްޔަތުތަކާ ހަވާލުވެ ވަޑައިގަންނަވާނީ އަބްދުﷲ ޝަރީފް ކަމަށެވެ. އަބްދުﷲ ޝަރީފްގެ އިތުރުން ކަސްޓަމްސްގެ ޑެޕިއުޓީ ކޮމިޝަނަރަކަށް އެ ދުވަހު ދެން އައްޔަން ކުރެއްވީ މުހައްމަދު މާނިއު އެވެ.
،ކަސްޓަމްސްގެ އެންމެ އިސްވެރިޔާގެ މަގާމުގައި ޑިސެމްބަރު 11، 2018 ން ފެށިގެން ހުންނެވި އަހުމަދު ނުއުމާން މިދިޔަ އަންގާރަ ދުވަހުގެ ރޭ އަވަހާރަވެ، އެ މަގާމު ހުސްވުމުން، ކަސްޓަމްސް ވަގުތީ ގޮތުން ހިންގަވާނީ އަބްދުﷲ ޝަރީފް ކަމަށް އެ އިދާރާ އިން މިއަދު ކުރި ޓުވީޓެއްގައި ބުނީ ސިޓީތައް އެޑްރެސް ކުރާ ފަރާތްތަކަށް އެކަން ސާފުކޮށްދީ، އެ މީހުންގެ ފަސޭހަ އަކަށެވެ.
ނުއުމާން އަވަހާރަވީ، އިންޑިއާގެ ބެންގަލޫރުގައި އާލާސްކަންފުޅަކަށް ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށެވެ.
އާލާސްކަންފުޅަށް ފަރުވާ ހޯއްދެވުމަށް މީގެ ހައެއްކަ މަސް ކުރިން ނުއުމާން 47، އިންޑިއާ އަށް ފުރާވަޑައިގަތުމުން ވެސް ދުވަހުން ދުވަހަށް އެ އިދާރާގެ ކަންކަން ނިންމެވުމުގައި އިސްވެ ހުންނެވީ އަބްދުﷲ ޝަރީފެވެ.
އޭނާ އަކީ މީގެ 26 އަހަރު ކުރިން ކަސްޓަމްސްގެ ޚިދުމަތާ ގުޅިވަޑައިގެންނެވި ބޭފުޅެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އރސކޖ
12 April 2020
ވަރަށް ހީވާގި ވެރިއެއް. ހިންގުންތެރިއެއް. ކަމުގެ ތަޖުރިބާހުރި އެފަންނުން ކިޔަވައިގެންހުރި ދަރިއެއް. ހަމަ ޔަގީނުންވެސް އެގޭކަމަކީ ސިޔާސީ ނުވާނެކަން. ޕްރޮފެޝަނަލް ސްޓޭންޑް އިސްކުރާނެކަން.
ފޮނިޓައްޕު ހަސަނު
12 April 2020
ޝަރީފަކީ ވަރަށް ގާބިލު އަދި އެހާމެ ޒިމްމާދާރު، ނަޒާހަތްތެރި ބޭފުޅެއް. ޝަރީފަށް ކަމިޝަނަރ ޖެނެރަލް ކަން ދޭން ފެނޭ.
މުޙައްމަދު
12 April 2020
ކަސްޓަމްސް ވަގުތީގޮތުން ހިންގަން ހަވާލުކުރެވޭނީ މިނިސްޓަރ އަށް، ކަސްޓަމްސް އަކަށް ނުނިންމޭނެ އެކަމެއް.
އަބުދުބެއްޔާ
12 April 2020
ލިޔެފަ އޮތް އެއްޗެއް ފަހުމް ނުވިޔަސް ހެޔޮ ކޮމެންޓް ކުރެވޭތޯ ބަލާތި
1235
11 April 2020
ފާއިތުވި 6 މަސްދުވަހު ކަސްޓަމްސް ހިންގެވީ ހަމަ ޝަރީފް.. އެހާ ދުވަސްވީއިރު މި ސްލޯ ސަރުކާރަށް ރެޔަކާނުލާ ދޯ
އަބުދުބެއްޔާ
12 April 2020
ސަރުކާރަށް އެކަން ނޭގޭ ވާހަކަ ލިޔެފަ އޮތީ ކޮންތާކު ތަނެއް ދޮރެއް ނޭގުނަސް ކޮމެންޓް ކޮށްފަ ބަހައްޓާތި
ަމަތީނުސަނަވަ
13 April 2020
1235 ކަހަލަ މީހުނަށް ނޭގިދާނެތީ ކަސްޓަމުން އަންގާލީ
3632222
11 April 2020
ތިއީ ހުރިހާ ކުށެއްގެ ހާލި. ތިޔަތަނަށް ނުއުމާން ކަހަލަ ރަގަޅު މީހަކު ލާންވާނެ ޕާޓީއަށް ނުބަލާ. އެހެންނޫނީ މުޅިތަން ނުރައްކާ ކޮށްފާނެ
ނަސީމް1
11 April 2020
ތިޔަބޭފުލާގެ ވިސްނުން އެބަޖެހޭ ބަދަލުކުރަން. ކަސްޓަމސް އަކީ އެއްމެ ޕްރޮފިސަނަލް ގޮތެއްގައި ބައިނަލްއަގުވާމީ މިންގަނޑުތަކާ އެއްގޮތަށް ޚިދުމަތް ދެމުން އަންނަ އެއްމެވަރުގަދަ މުއައްސަސާ.