ރާއްޖެ އަށް އެތެރެކުރަން މަސައްކަތް ކޮށްފައިވާ 64 ކިލޯގެ މަސްތުވާތަކެތި މި އަހަރުގެ މިހާތަނަށް އަތުލައިގެންފައިވާ ކަމަށް ކޮމިޝަނަރު ޖެނެރަލް އޮފް ކަސްޓަމްސް އަބްދުﷲ ޝަރީފް ރޭ ވިދާޅުވެއްޖެ އެވެ.
އެ އިދާރާގެ އަހަރީ ދުވަސް ފާހަގަ ކުރުމަށް ބޭއްވި ޖަލްސާގައި އޭނާ ވަނީ ރާއްޖެ އަށް މަސްތުވާތަކެތި އެތެރެކުރުން ހުއްޓުވުމަށް ކަސްޓަމްސްއިން ކުރާ މަސައްކަތްތައް ހަރުދަނާ ކޮށްފައިވާ ކަން ފާހަގަ ކުރައްވައިފަ އެވެ. ފާއިތުވި ދެ އަހަރު ރާއްޖެ އަށް އެތެރެ ކުރަން މަސައްކަތް ކޮށްފައިވާ 62 ކިލޯގެ މަސްތުވާތަކެތި އަތުލައިގަނެފައިވާއިރު، މި އަހަރުން ފެށިގެން މި ޖުލައި މަހުގެ މިހާ ހިސާބަށް އެކަނިވެސް 64 ކިލޯގެ މަސްތުވާތަކެތި އަތުލައިގަނެފައިވާ ކަމަށް އަބްދުﷲ ޝަރީފް ވިދާޅުވި އެވެ.
ކޮމިޝަނަރު ވިދާޅުވިގޮތުގައި މަސްތުވާތަކެތި އެތެރެކުރުން ހުއްޓުވާ ޓާސްކްފޯހުގެ ދަށުން 90 އޮފިސަރުން އިތުރަށް ނެގުމަށް ވަނީ ހަމަޖެހިފަ އެވެ. މިހާރު ކުރިއަށް ގެންދަނީ އޭގެ ތެރެއިން 60 އޮފިސަރަކު ވަޒީފާ އަށް ނެރުމުގެ އެންމެ ފަހު މަރުހަލާ ކަމަށް އޭނާ ވިދާޅުވި އެވެ. ބާކީ 30 އޮފިސަރުން އަންނަ އަހަރު ނަގާނެ ކަމަށް ވެސް ވިދާޅުވި އެވެ.
ކޮމިޝަނަރު ވިދާޅުވީ، ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން އިތުރުކޮށް، ހަރުދަނާ ކުރުމަށް ފާއިތުވި ދެ އަހަރު މުހިންމު މަސައްކަތްތަކެއް ކޮށްފައިވާ ކަމަށެވެ. އޭގެ ތެރޭގައި ބޯޑާ ސެކިއުރިޓީ ބެލެހެއްޓުމަށް ކަސްޓަމްސްއާ ގުޅިގެން މަސައްކަތް ކުރާ އިދާރާތަކާ މުއާމަލާތު ކުރަން ގާއިމު ކޮށްފައިވާ ނިޒާމު ހާއްސަ ގޮތެއްގައި ފާހަގަކުރެއްވި އެވެ.
އެއީ ޑަބްލިއުސީއޯގެ އެހީއާއެކު ގާއިމު ކޮށްފައިވާ ގްލޯބަލް ޓްރެވަލް އެސެސްމެންޓް ސިސްޓަމް (ޖިޓާސް) އެވެ. އެ ސިސްޓަމުން ކަސްޓަމްސް އާއި އިމިގްރޭޝަނުންގެ އޮފިސަރުންނާ ގުޅުވައިދެ އެވެ.
ކޮމިޝަނަރު ވިދާޅުވީ، އެ ނިޒާމުގެ ސަބަބުން ޓެރަރިޒަމާއި މަނީ ލޯންޑަރިން އާއި ހިއުމަން ޓްރެފިކިން ފަދަ ކުށްތައް ހުއްޓުވުމަށް ބާރު ލިބިފައިވާ ކަމަށެވެ. އޭނާ ވިދާޅުވިގޮތުގައި، އެއީ މަސްތުވާތަކެތި ހުއްޓުވުމަށް ލިބޭ އިތުރު ކުރިއެރުމެކެވެ.
ކަސްޓަމްސްގެ ރޭގެ ހަފުލާގައި، މަސްތުވާތަކެތި އެތެރެވުން ހުއްޓުވުމަށް "ދޮރުވާން ޑުރަގު ކެމްޕެއިން" ގެ ނަމުގައި ކެމްޕެއިނެއް ފެށި އެވެ.
ކޮމިޝަނަރު ވިދާޅުވީ އެއީ މަސްތުވާތަކެތި އެތެރެވުން ހުއްޓުވުމަށް އެ މުއައްސަސާ އަށް ލިބޭ އިތުރު ހިތްވަރެއް ކަމަށެވެ.