ދެމެފިރިއެއްގެ ދެމެދުގައި ހިނގި ހަމަނުޖެހުމެއްގައި އަނބިމީހާގެ ނޭފަތުގައި ދަތްއެޅި ކަމުގެ ތުހުމަތުގައި، އޭނާގެ ފިރިމީހާ އދ. ފެންފުށިން މިއަދު ހައްޔަރު ކޮށްފި އެވެ.

މި ކަން ހިނގީ ރޭ ދަންވަރު 1:00 ޖަހާކަންހާ އިރު ކަމަށް ފުލުހުން ބުންޏެވެ. އަދި މިކަމާ ގުޅިގެން ހައްޔަރު ކުރި 30 އަހަރުގެ ފިރިހެން މީހާ، އޭނާގެ އަންހެނުންގެ ނޭފަތުގައި ދަތްއެޅީ، އޭނާއާ ޒުވާބުކުރަމުން ކަމަށް ފުލުހުން ބުންޏެވެ. އެ އަންހެން މީހާގެ ނޭފަތުގައި ދަތް އެޅިކަމުގެ ނިޝާންތައް ފެންނަން ހުރި ކަމަށް ވެސް ފުލުހުން ބުންޏެވެ.

އަނބިމީހާގެ ނޭފަތުގައި ދަތް އެޅި މީހާ ވަނީ ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފަ އެވެ އޭނާގެ ބަންދަށް އދ. މާމިގިލި ކޯޓުން މިއަދު ވަނީ ފަސް ދުވަސް ޖަހައިފަ އެެވެ.

މި މައްސަލަ ފުލުހުން އަންނަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.