ފ. މަގޫދޫ ކައުންސިލްގެ އިދާރާ: ރައްޔިތުންނަށް ބޮޑެތި އެހީތަކެއް ދޭން ކައުންސިލުން ވަނީ ނިންމާފައި
13 އެޕްރީލް 2020 - 21:48
ކޮވިޑް-19އާ ހެދި ރަށުގެ ގިނަ ބައެއްގެ އަތްމަތި ދަތިވެފައިވާތީ، ކުރިއަށް އޮތް ރޯދަ މަހު، ފ. މަގޫދޫގެ ހުރިހާ ގެއެއްގެ ކަރަންޓު ބިލާ އެ ރަށު ކައުންސިލުން ހަވާލުވެއްޖެ އެވެ.
މަސްވެރި އެ ރަށުގެ ކައުންސިލްގެ ރައީސް އަބްދުﷲ ވަހީދު މިރޭ ވިދާޅުވީ ބަލިމަޑުކަމުގެ ސަބަބުން، ރަށުގެ ގިނަ ބަޔަކަށް އާމްދަނީ ލިބޭނެ ގޮތެއް ނެތި ވަރަށް ބޮޑަށް ދަތިވެފައިވާ ކަމަށެވެ. އެހެންވެ، އެ ކަމަށް އެހީތެރިވުމުގެ ގޮތުން ރޯދަ މަހު ހުރިހާ ގެއެއްގެ ބިލް ދައްކައިދީ، އެހެން އެހީތައް ވެސް ދޭން ނިންމާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
އަށް ސަތޭކައަށް ވުރެ ގިނަ މީހުން އުޅޭ އެ ރަށުގައި މިދިޔަ އަހަރު ވެސް، ރޯދަ މަހުގެ އިނާޔަތެއްގެ ގޮތުން ކައުންސިލުން ވަނީ ހުރިހާ ގެއެއްގެ ކަރަންޓު ބިލްގެ 50 ޕަސެންޓް ދައްކައިދީފަ އެވެ.
"މި ފަހަރު އަޅުގަނޑުމެން މި ނިންމީ އެ ހަރަދުގައި ކައުންސިލުން އެއްކޮށް ހިފަން. ލަފާކުރެވޭ ގޮތުން ދެ ލައްކައަށް ވުރެ ބޮޑު ހަރަދެއް އެކަމަށް ދާނެ،" ވަހީދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ރަށުގެ ހާލަތަށް ބަދަލެއް ނާންނަ ނަމަ، އަންނަ މަހު ވެސް ކަރަންޓު ބިލް ދައްކައިދީ، ރައްޔިތުންގެ ޒަރޫރީ ހުރިހާ ބޭނުންތަކެއް، އެ ކައުންސިލުން ހިލޭ ކޮށްދޭނެ ކަމަށެވެ. އޭގެ އިތުރުން، ދަނޑުވެރިކަން ކުރުމުގެ ގޮތުން ބޭނުން ކޮންމެ މީހަކަށް އެ ރަށުން 40 އަކަފޫޓުގެ ބިމެއް ހިލޭ ދޭން ނިންމާފައިވާ ކަމަށް ވެސް ވަހީދު ވިދާޅުވި އެވެ.
ކޮވިޑް-19އާ ހެދި، ކުރިމަތިވެފައިވާ ދަތިތަކަށް ލުޔެއް ދިނުމުގެ ގޮތުން އެ ރަށުގައި ވިޔަފާރި ހިންގާ މީހުންނަށް ވެސް ލުޔެއް ދިނުމަށް ކައުންސިލުން ވަނީ ނިންމައިފަ އެވެ. އެގޮތުން އާއްމު ބިންތަކުގައި ހޮޓާ/ރެސްޓޯރަންޓް ހިންގާ ފަރާތްތަކުގެ ކުލި ތިން މަހަށް މާފުކޮށްދީފައިވާ އިރު، ގެސްޓްހައުސްތަކުގެ ކުލީގެ 40 ޕަސެންޓް ވަނީ ކުރިއަށް އޮތް ހަ މަހަށް ކުޑަކޮށްދީފަ އެވެ. އަދި އެހެން ބައެއް ބިންތަކުގެ ކުލި ވެސް ވަނީ ފަސްކޮށްދީފަ އެވެ.
"އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންގެ ކައުންސިލްގައި މާލީ ތަނަވަސްކަން އެބަހުރި. އެހެންވެ، ބޭނުންވީ މި ދަނޑިވަޅުގައި ރައްޔިތުންނަށް އެހީތެރިވާން،" ވަހީދު ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޙިނި
14 April 2020
މީތަ ލާމަރުކަޒީ އަކީ، ތަނެއް ދޮރެއްނޭންގޭ މީހުން ހޮވައިގެން ދައުލަތުގެ ފައިސާ ހުސްކުރުން. ބަޔަކައް އާމްދަނީ ލިބޭކަހަލަ ކަމެއް މަގުފަހި ކޮއްދިނީޔާ މާރަންގަޅުވާނެ
ދިއްދޫ މާހިރު އަބުދުލް އަޒީޒް
14 April 2020
މަގޫދޫ ކަުންސިލްގައި މަގޫދޫ ރަށްޔިޔުން 3 މަސް ކީއްކުރަން 1 އަހަރުވެސް ބަލަހައްޓާނެ ފައިސާ ހުންނަން ޖެހޭނެ، ތިޔަ ރަށުގައި ގާއިމްކުރެވެފައިހުންނަށް އިޓަލީވިލާތުގެ ބިކޯކާ ޔުނިވަސިޓީގެ ކެމްޕަސްގެ ކުލީގެ ގޮތުގައި ބުދުޖެހި ލާރި 2009 ން ފެށިގެން ގަނޑުކޮށް ވަންނަ ކައުސިލަކުން ދެލައްކަ ރުފިޔާގެ ކަރަންޓް ފީއެއް ކަނޑާލަދިނުމަކުން އަދި މިވަގުތު ނުފެދޭނެ. ރަށްޔިތުންނަށް އެހީވާންވީ ވަގުތު މިއޮތީ، އެހީވޭ!
ބޮޑުމީހާ
14 April 2020
މަގޫދޫ ކައުންސިލުން ކަރަންޓު ބިލުދައްކަނީ ކައުންސިލްގެ އަމިއްލަ ފައިސާއިންތަ ނޫނީ ދައުލަތުން ކައުންސިލަށް ދީފަވާ ބަޖެޓުންތަ. މިކަން ސާފުވާންޖެހޭ. ކައުންސިލްގެ އަމިއްލަ ފައިސާނަމަ ތީ ވަރަށް ވެސް ރަގަޅު ކައުންސިލެއް، ދައުލަތުގެ ފައިސާނަމަ ތި ގޮތަށް ޚަރަދުކުރެވޭނެކަމާއި މެދު ސުވާލު އުފެދޭ!
އަހުމަދު
14 April 2020
ފ . މަގޫދޫ ރައްޔިތުންގެ ފައިސާއަޅާ ބޮޑު ފޮށީގައި މީގެ 60 އަހަރު ކުރިގައިވެސް ގިނައަދަދެއްގެ ފައިސާ ހުއްޓެވެ. އެއީ ރައްޔިތުންގެ ފައިސާއެވެ.
ރަޓު މީހާ
14 April 2020
ސާބަހޭ މަގޫދޫ ކައުންސިލް.. ރައްޔިތުންނަށް މިވަރު ކޮށްލަދޭން ނުކެރޭ ކައުންސިލްތައް ގިނައީ.. ރައްޔިތުން ހޮވި ބަޔަކަށް މިވަރުގެ ކަމެއް ކޮށްލަނުދެވޭނަމަ އެއީ ކީއްކުރާ ބައެއް..
ވަގު ވަހީދު
14 April 2020
ރަށުން 1000ރުއް ދައުރުގަ ވިއްކާލާފާ. ކުލާސމޭޓަށް ހުރިހާ ޕްރޮޖެކްޓެއް ދީގެން ކޮންމެ ޕްރޮޖެކްޓަކުން ކަޓު ނަގާފަ އަންތިހާބަށްވިމަ ހާދަ ހެޔޮފުޅު ވެއްޖޭދޯ
ބަބުރުލް ސަލީމް
14 April 2020
ކޮބާ މާލޭ ކައުންސިލު؟
ފާމުލަދޭރި ކިލެގެފާނު
13 April 2020
މަގޫދޫ ކައުންސިލްގަ ތިއްބެވި ކަހަލަ ރައްޔިތުންދެކެ ލޯބިވާ ރައްޔިތުންގެ ހާހަތު އިހުސާސް ކުރެވޭ ކައުންސިލަރުން މާލެ ސިޓީ ކައުންސިލްގަ ވެސް ތިބިނަމައޭ ހިތަށްއަރާ.
އަނބުޅޯ
13 April 2020
އައްޑޫ ސިޓީ ކައުންސިލް މީކީއްކުރާ ބައެއް ބާވައޭ ހިތަށް އަރާ.
ޙަސަން
13 April 2020
ކައުންސިލުން އިސްނަގާގެން ދަޑުވެރިކަން ކުރުން އަވަސްކުރޭ. ކުރިމަތީ އޮތީ ބޮޑު ތަދު
އުލިގަމް އިސްޓައިލް
13 April 2020
5 އަހަރު ކުރިން ފާރުގައި ކުރެހި ލޯގޯ މަތީ ހާކާލާނެ ކުލަކޮޅެއްވެސް ނެތް ކައުންސިލެއް ދޯ
މަގޫދޫ މީހާ
14 April 2020
ޢެއީ ކުރީގެ ފޮޓޯއެއް. މިހާރު ނިކަން ނަލަވާނެ! ް