ގެޒެޓް ކުރި އެންމެންނަށް ފްލެޓް ދޭން އޭސީސީން އަންގައިފި

ޓާޓާ ފްލެޓްތައް ލިބޭނެކަން ކުރިން ޔަގީންވެ، ގެޒެޓްގައި ނަން ހިމަނާފައިވާ އެންމެން ހިމަނައިގެން އެ ފްލެޓްތައް ހަވާލު ކުރުމުގެ މަސައްކަތް ކުރަން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އިއްޔެ އަންގައިފި އެވެ.


ވެށިފަހި މާލޭ މަޝްރޫއުގެ ދަށުން ގާކޮށްޓާއި އަރަބިއްޔާ ހުރި ބިމުގައި އަޅާފައިވާ ފްލެޓްތައް ހަވާލު ކުރުމުގެ މައްސަލަ ބެލުމަށް ފަހު އެ ކޮމިޝަނުން ނެރުނު ބަޔާނެއްގައި އަންގާފައިވަނީ ފްލެޓް ލިބޭނެ ކަން މީގެ ތިން އަހަރު ކުރިން ޔަގީންވެފައިވާ 266 ފަރާތް ހިމެނޭ ގޮތަށް ފްލެޓް ހަވާލު ކުރުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށެވެ.

އޭސީސީން ބުނި ގޮތުގައި ފްލެޓް ހަވާލު ކުރުމުގައި އަމަލުކޮށްފައިވަނީ ވަކި ބަޔަކަށް ގެއްލުން ލިބޭ ގޮތަށް އަދި ވަކި ބަޔަކަށް ފައިދާ ލިބޭ ގޮތަކަށެވެ. އެގޮތުން ބައެއް މައްސަލަތައް އެ ކޮމިޝަނުން ވަނީ ފާހަގަކޮށްފަ އެވެ.

އޭސީސީން ބުނީ ފްލެޓްތައް ހަވާލު ކުރުމުގެ ގުރުއަތު ނަގަން މިދިޔަ ހަފުތާގައި މަސައްކަތް ކުރިއިރު ފްލެޓް ލިބޭނެ ކަމަށް މީގެ ތިން އަހަރު ކުރިން އިއުލާނު ކުރި ލިސްޓުގައި ހިމެނޭ ބައެއް ނަންތައް ގުރުއަތު ލިސްޓުގައި ނެތްކަން ފާހަގަވެފައިވާ ކަމަށެވެ.

ގުރުއަތު ނަގަން ހެދި ލިސްޓަކީ ލިބޭނެ ފްލެޓް ކަނޑައެޅުމަށް އެ ފަރާތްތަކުގެ މެދުގައި ގުރުއަތު ނަގަން ހެދި ލިސްޓެކެވެ.

ކުރީގެ ގެޒެޓްކުރި ލިސްޓުގައި ނަން އޮވެ، އެކަމަކު ގުރުއަތު ލިސްޓުގައި ނަން ހިމެނިފައި ނެތް ފަރާތްތަކަކީ ފްލެޓަށް ފަސް އަހަރުގެ ތެރޭގައި ދެ މިލިއަން ރުފިޔާ ދެއްކޭނެ ކަމަށް ސަރުކާރަށް އަންގާފައި ނުވާ ފަރާތްތައް ކަމަށް ހައުސިން މިނިސްޓްރީން ބުނެފައި ވިޔަސް އެ ފައިސާ ދެއްކޭނެ ކަން އަންގާފައި ނުވާ ބައެއް ފަރާތްތައް ގުރުއަތު ލިސްޓުގައި ހިމެނޭނެ ކަމަށް އޭސީސީން ފާހަގަކޮށްފައިވެ އެވެ.

ފަސް އަހަރުގެ ތެރޭގައި ދެ މިލިއަން ރުފިޔާ ދައްކަން އުޒުވެރިވާ 61 ފަރާތެއްގެ ނަން ގުރުއަތު ލިސްޓުން އުނި ކުރިއިރު އޭގެ ތެރޭގައި އެ މުއްދަތުގައި ފައިސާ ދައްކަން އެއްބަސްވެފައިވާ ފަރާތްތައް ހިމެނޭ ކަމަށް ވެސް އޭސީސީން ފާހަގަކޮށްފައިވެ އެވެ.

އޭސީސީން ފާހަގަކޮށްފައިވާ ގޮތުގައި ފަސް އަހަރުގެ ތެރޭގައި ދެ މިލިއަން ރުފިޔާ ދެއްކޭނެތޯ ނުވަތަ ނޫންތޯ އެންގުމަށް ސަރުކާރުން ދިން މުއްދަތުގައި، އިތުރު މައުލޫމާތުތަކެއް ސާފުކުރަން ބައެއް ފަރާތްތަކުން ހައުސިން މިނިސްޓްރީ އަށް ސިޓީ ފޮނުވުމުން އެއަށް އެ މިނިސްޓްރީން ޖަވާބު ދީފައެއް ނުވެ އެވެ. އޭގެ ސަބަބުން އެ ފަރާތްތަކަށް އެކަމުގެ ގޮތެއް ނިންމުމުގެ ފުރުސަތު ގެއްލިފައިވާ ކަމަށް އޭސީސީން ބުނެއެވެ.ފްލެޓް ހަވާލުކުރަން ގުރުއަތު ނެގުމަށް މިދިޔަ ހަފުތާގައި ގުރުއަތު ނެގުން ބާއްވަން ހަމަޖެއްސިޔަސް ޝަކުވާތަކަކާ ގުޅިގެން އެކަން ވަނީ ފަސްކޮށްފަ އެވެ.

އެ ފްލެޓްތަކަށް ފަސް އަހަރުގެ ތެރޭގައި ދެ މިލިއަން ރުފިޔާ ދެއްކުމަށް އެންގުމަށް ފަހު ސަރުކާރުން މިހާރު ވަނީ އެކަމަށް ލުއި ގޮތްތަކެއް ހަމަޖައްސައިދީ، ދިގު މުއްދަތެއްގައި ފައިސާ ދައްކާ ގޮތަށް ހަމަޖައްސައިފަ އެވެ.