މީޑިއާގެ އަސާސްތައް ކުރިއަރުވައި ގުޅުން ބަދަހިކުރާނަން: ސީޕީ

މިނިވަން މީޑިއާގެ އަސާސްތައް ކުރިއަރުވައި މީޑިއާތަކާ އޮންނަ ގުޅުން މިހާރަށް ވުރެ ރަނގަޅުކުރާނެ ކަމަށް ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު މިރޭ ވިދާޅުވެއްޖެ އެވެ.


މިއަދު ފާހަގަކުރާ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހުގެ ތަހުނިޔާ ފޮނުއްވައި ދެއްވި މެސެޖުގައި ހަމީދު ވިދާޅުވީ އަމާން މުސްތަގުބަލަކަށާއި އިންސާފާއި އިންސާނީ ހައްގުތައް ކަށަވަރުކުރުމަށް ނޫސްވެރިކަމުގެ މިނިވަން ވަރަށް މުހިއްމު ކަމަށެވެ.

އޭނާ ވަނީ، ކަށަވަރު އަދި ސައިންޓިފިކް މައުލޫމާތުތާ އެކު ކަންކަން ރަނގަޅަށް އޮޅުންފިލާފައިވާ މުޖުތަމައުއެއް ބިނާކުރުމުގެ މަސައްކަތުގައި ހަރަކާތްތެރިވާ ހުރިހާ މީޑިއާތަކަށާއި ހިތްވަރާއެކު ގައުމަށް ހިދުމަތް ކުރުމުގައި ދެމިތިބި ނޫސްވެރިންނަށް ޝުކުރު އަދާކުރައްވައިފަ އެވެ.

ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދުގެ ބަޔާން

"ނޫސްވެރިކަމުގެ މިނިވަންކަން ފާހަގަކުރަމުން އަންނަ މި ދުވަހު، މިނިވަން މީޑިއާގެ އަސާސްތައް ކުރިއެރުވުމަށް އެކުގައި ދެމި ތިބުމަށާއި ފުލުހުންނާ މީޑިއާއާ އޮންނަ ގުޅުން މިހާރަށް ވުރެ ރަނގަޅުކުރުމަކީ މޯލްޑިވްސް ޕޮލިސް ސާވިސްގެ އަޒުމެވެ،" ތަހުނިޔާގެ މެސެޖުގައި ވެ އެވެ.

ކުރީގެ ސަރުކާރުގައި ހިނގައިދިޔަ ސިޔާސީ ހަމަނުޖެހުންތަކުގައި، ނޫސްވެރިން ވެސް ހައްޔަރުކުރި އެވެ. އަދި އެ ކަންކަމުގެ ސަބަބުން ފުލުހުންނާއި މީޑިއާތަކާ ދެމެދު އޮތް ގުޅުން ހީނަރުވެ ނޫސްވެރިންނަށާއި މީޑިއާ އަށް ޖުމްލަ ގޮތެއްގައި ބިރުވެރިކަން ތަޖުރިބާކުރަން ޖެހުނެވެ.

ނަމަވެސް ވެރިކަން ބަދަލުވެ އައި ބަދަލުތަކާ އެކު ނޫސްވެރިކަމުގެ މިނިވަން ކަމުގައި ރާއްޖެ ވަނީީ، މިދިޔަ އަހަރާ އަޅާބަލާއިރު 19 ދަރަޖައިގެ ކުރިއެރުމެއް ހޯދައިފަ އެވެ.