ކޮވިޑް-19 ކޮންޓްރޯލްކުރުމުގެ ފިޔަވަޅުތަކުގެ ދަށުން، އައްޑު އަތޮޅު ހެރެތެރެ ރިސޯޓްގައި ކަރަންޓީންކޮށްފައި ތިބި މީހުންގެ ތެރެއިން ދިވެހި ފަސް ފިރިހެނަކު ފިލާފައިވާ ކަމަށް ފުލުހުން މިރޭ ބުނެފި އެވެ.
ފުލުހުން ބުނީ ފިލި ފަސް މީހުންގެ ތެރެއިން އެކަކު މިހާރު ހޯދާފައިވާ ކަމަށެވެ. އަދި އަނެއް ހަތަރު މީހުން ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ބުންޏެވެ.
ހެރެތެރެ ރިސޯޓު އޮންނަނީ އައްޑޫ ހުޅުމީދޫއާ ވަރަށް ގާތުގަ އެވެ. އެ ރިސޯޓުން އެރަށަށް ފަތާފައި ވެސް އެރޭނެ އެވެ.
ހެރެތެރެ މިހާރު ހާއްސަކޮށްފައިވަނީ ދެކުނުގެ އަތޮޅުތަކުން ކަރަންޓީންކުރަން ޖެހޭ މީހުންނަށެވެ. ރިސޯޓްގައި ހުރުމާއި ކެއުމުގެ ކަންކަން ސަރުކާރުން ވަނީ ހަމަޖައްސައިފަ އެވެ.
ގިނަ ރިސޯޓްތަކެއްގައި އެތައް ސަތޭކަ ބަޔަކު ކަރަންޓީން ކޮށްފައިވާއިރު މިއީ ކަރަންޓީން ފެސިލިޓީއަކުން ބަޔަކު ފިލި ފުރަތަމަ ފަހަރެވެ.
ނަމަވެސް މީގެ ކުރިން ވަނީ ކަރަންޓީނަށް ދިއުމަށް ދެކޮޅު ހެދި ބައެއް މީހުން ކޯޓު އަމުރެއްގެ ދަށުން ފުލުހުން ކަރަންޓީނަށް ގެންގޮސްފަ އެވެ. އަދި ލޮންޑައުން ކޮށްފައިވާ ބައެއް ރަށްރަށާއި ރިސޯޓުތަކުން އެހެން ރަށްތަކަށް ދިޔަ މީހުން ވެސް މީގެ ކުރިން ހައްޔަރުކޮށްފައިވެ އެވެ.
ހާއްސަ ފަރުވާއެއް ނެތް ނުރައްކާތެރި ކޮވިޑް-19 އަށް ރާއްޖޭން މިހާތަނަށް 618 މީހުން ވަނީ ޕޮޒިޓިވް ވެފަ އެވެ. އަދި މާލޭގެ އިތުރުން ބައެއް ރަށްރަށުން ވެސް ވަނީ ބަލި ފެނިފަ އެވެ.