ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށް މީހުން ބޭތިއްބުމަށް ގާއިމް ކޮށްފައިވާ ކަރަންޓީނު ފެސިލިޓީތަކަކީ ޖަލުތަކެއް ނޫން ކަމަށާއި އެ ތަންތަނަަށް ގެންދާ މީހުން ފަރުދީ ޒިންމާ އަދާކުރަންޖެހޭ ކަމަށް އެސިސްޓެންޓް ކޮމިޝަނަރު އޮފް ޕޮލިސް އަބްދުﷲ ފައިރޫޝް މިއަދު ވިދާޅުވެއްޖެ އެވެ.
ކަރަންޓީނު ފެސިލީޓީއެއްގެ ގޮތުގައި މިހާރު ބޭނުން ކުރާ އައްޑޫ ކެނަރީފް ރިސޯޓުން ރޭ ބަޔަކު ފިލި މައްސަލަ ފެންމަތިވެފައި ވަނިކޮށް، ފައިރޫޝް ކުރެއްވި ޓްވީޓްތަކެއްގައި ވިދާޅުވީ ކަރަންޓީން ފެސިލިޓީތަކުގައި ތިބޭ މީހުން ބަލަހައްޓަން ޖެހެނީ ދަނޑިމާރު އަޅައިގެން ވެސް ނޫން ކަމަށެވެ.
"މި ތަންތަނަށް ގެންދެވޭ ފަރާތްތަކާއި އަމިއްލަ އަށް އެ ތަންތަނުގައި ތިބެން އެއްބަސްވެގެން ދާ ފަރާތްތަކުގެ ޒިންމާއެއް ވެސް ވެ އެވެ. ފަރުދީ ޒިންމާ އަދާކުރައްވާ،" އޭނާ ވިދާޅުވި އެވެ.
ފައިރޫޝް ވިދާޅުވި ގޮތުގައި، އެހެން މީހުން ނުރައްކަލުގެ ތެރެއަށް ހުށަހަޅާ ފަރާތްތަކަށް އަޅަން ޖެހޭ ފިޔަވަޅު ފުލުހުން އަޅަމުން ވެސް ގެންދާނެ އެވެ.
ކެނަރީފުން ފިލި ފަސް މީހުން ފުލުހުން މިހާރު ވަނީ ހައްޔަރުކޮށްފަ އެވެ. އެ މީހުން މިހާރު ތިބީ ފުލުހުންގެ ބެލުމުގެ ދަށުގަ އެވެ.
މިއީ، މިހާތަނަށް ރާއްޖޭގެ ކަރަންޓީނު ފެސިލިޓީއަކުން ބަޔަކު ފިލި ފުރަތަމަ ފަހަރެވެ. އަދި އެ މައްސަލަ ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ.
ކޮވިޑް-19އާ ދިމާކޮށް އައްޑޫގައި ކަރަންޓީނު ފެސިލިޓީތަކުގެ ގޮތުގައި ހަމަޖައްސާފައި ވަނީ ކެނެރީފްގެ އިތުރުން ގަމުގެ ދޫގަހާއި މަރަދޫފޭދޫ ވޭވް ސައުންޑް ގެސްޓް ހައުސް އެވެ.