އައްޑު އަށް މާސްކާއި ސެނިޓައިޒާގެ އިތުރު އެހީތައް

އައްޑޫ އިކްއެޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް) އަށް މާސްކާއި ސެނިޓައިޒާ ފަދަ އަސާސީ މެޑިކަލް ސާމާނުގެ ދަތިކަން ކުރިމަތިވެފައިވާ ކަމަށް ބުނުމާ ގުޅިގެން އެކި ފަރާތްތަކުން ތަކެތި ހަދިޔާކުރަން ފަށައިފި އެވެ.


މިދިޔަ ހޮނިހިރު ދުވަހުގެ ރޭ ހެޕީ މާކެޓްގެ ފަރާތުން ހޮސްޕިޓަލަށް ސެނިޓައިޒާ އަދި ހިތަދޫ ސުވާދިވް ކެފޭ އިން 300 މާސްކް ހަދިޔާކޮށްފައި ވަނިކޮށް މިއަދު ވެސް އިތުރު ސާމާނުތަކެއް ދެ ފަރާތަކުން އައްޑު އަށް ވަނީ ހަދިޔާކޮށްފަ އެވެ.

އައްޑޫ ހޮސްޕިޓަލާއި ސިއްހީ މަރުކަޒުތަކަށް އެހީގެ ތަކެތި ފޯރުކޮށް ދިނުމުގެ ގޮތުން ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ އެމްޑީޕީގެ މެމްބަރު މުހައްމަދު އަސްލަމް މިއަދު ވަނީ 1،500 މާސްކާއި ސެނިޓައިޒާ ހަދިޔާކޮށްފަ އެވެ. މި ތަކެތި އައްޑޫ ހޮސްޕިޓަލާ ހަވާލުކުރަނީ މޯލްޑިވްސް ރެޑް ކްރެސެންޓް މެދުވެރިކޮށެވެ

މީގެ އިތުރުން ހިތަދޫގެ ކުލަބެއް ކަމަށްވާ އެފްސީ ޒެފިއާ އިން މިއަދު ވަނީ ކޮވިޑް-19 އާ ދިމާކޮށް އައްޑޫގައި ގާއިމުކުރި އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އީއޯއީސީ) އަށް ގިނަ ތަކެތި ހަދިޔާކޮށްފަ އެވެ. އެ ކުލަބުން ހަދިޔާކުރި ތަކެތީގެ ތެރޭގައި ހިމެނެނީ 500 މާސްކާއި 2،000 އަންގި އާއި 50 ފުޅި ސެނިޓައިޒާ އާއި ފަސް ފުޅި ޑިސްއިންފެކްޓަންޓާއި 86 ފުޅި ހޭންޑް ވޮޝް އެވެ.

މި ތަކެއްޗާ އީއޯސީގެ ފަރާތުން ހަވާލުވެވަޑައިގެންނެވީ އައްޑޫ މޭޔަރު އަބްދުﷲ ސޯދިގް (ސޯބެ) އެވެ. އަދި އައްޑޫ ސިޓީ ކައުންސިލުން ވަނީ ޒެފިއާ އިން ވެދިން އެހީ އަށް ޝުކުރު އަދާކޮށްފަ އެވެ.

އައްޑޫގައި އެކަށީގެން ވަރަށް މާސްކާއި ސެނިޓައިޒާގެ އިތުރުން ޕާސަނަލް ޕްރޮޓެކްޝަން އިކްޕަމްޓް (ޕީޕީއޭ) ނެތް ކަމަށް އޭއީއެޗުން ބުނެފައި ވަނިކޮށް ހޮނިހިރު ދުވަހުގެ ރޭ ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) ވަނީ އެ ތަކެތި އައްޑޫގައި އެކަށީގެންވާ ވަރަށް އެބަހުރި ކަމަށް ބުނެފަ އެވެ.

އެގޮތުން ހޮސްޕިޓަލްގައި 289 ގައުންސް (ރައްކާތެރި ވުމަށް އަޅާ ހެދުން)، 1،306 ސާޖިކަލް މާސްކް، 59 އެން-95 މާސްކް އަދި 133 ފުޅި ސެނިޓައިޒާ ހުރި ކަމަށް ބުންޏެވެ.