ލޮކްޑައުން އިތުރަށް ހަރުކަށިކޮށް، މުދާ ވިއްކަން ފުލުހުން މެދުވެރިވެ ހުއްދަ ދިނުން މަޑުޖައްސާލައިފި

މާލެ ސަރަހައްދު ލޮކްޑައުން ކޮށްފައިވާ މުއްދަތުގައި ޒަރޫރީ ތަކެތި ވިއްކުމަށް ފުލުހުން މެދުވެރިކޮށް އިތުރަށް ހުއްދަ ދިނުން ވަގުތީ ގޮތުން މިއަދު މަޑުޖައްސާލައިފި އެވެ.


މާލެ އިން ކޮވިޑް-19 ގެ މީހުން މިދިޔަ މަހުގެ 15 ން ފެށިގެން ފެންނަމުންދާތީ، މާލެ އާއި ވިލިމާލެ އާއި ހުޅުމާލެ ލޮކްޑައުންކޮށް، ޒަރޫރީ ތަކެތި ވިއްކުމުގެ ހުއްދަ ދެނީ ފުލުހުން މެދުވެރިކޮށް ޚާއްސަ ހުއްދައެއް ލިބުމުންނެވެ. އެ ފަދަ ތަންތަނުން ޚިދުމަތް ދޭން ޖެހެނީ ވަކި ޚާއްސަ އުސޫލުުތަކެއްގެ ދަށުންނެވެ. އެކަމަށްޓަކައި ގިނަ ހުއްދަތަކެއް މިހާތަނަށް އޮތީ ދޫކޮށްފަ އެވެ. އޭގެ ތެރޭގައި ޑެލިވަރީ ކުރުމަށް ދޫކޮށްފައިވާ ހުއްދަތައް ވެސް ވަރަށް ގިނަ އެވެ.

އިކޮނޮމިކް މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ބުނީ، ޒަރޫރީ ތަކެތި ވިއްކަން ފުލުހުން މެދުވެރިކޮށް ހުއްދަ ދިނުން މި މަހުުގެ 28 ވަނަ ދުވަހާ ހަމައަށް މަޑުޖައްސާލާފައިވާ ކަމަށެވެ. އެކަމަކު އެ މުއްދަތުގެ ތެރޭގައި މާލޭ ކޮމާޝަލް ހާބަރުގައި މުދާ ކްލިއާ ކުރުމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ކަނޑައަޅާ ފަރާތްތަކަށް ހުއްދަ ދެވޭނެ ކަމަށް އެ އިއުލާނުގައިވެ އެވެ.

އިކޮނޮމިކް މިނިސްޓްރީގެ ޓުވީޓް

މިދިޔަ މަހުގެ 15 ން ފެށިގެން މާލެ ސަރަހައްދު ލޮކްޑައުން ކޮށްފައިވާ މުއްދަތު ހަމަވާނީ ވެސް މި މަހުގެ 28 އަށެވެ. އެ މުއްދަތު އެޗްޕީއޭ އިން މިހާތަނަށް ވަނީ ހަތަރު ފަހަރެއްގެ މަތިން އިތުރުކޮށްފަ އެވެ.

ފިހާރަތަކަށް ހުއްދަ ދޫކުރުން ވަގުތީ ގޮތުން މަޑުޖައްސާލިއިރު، ފިހާރަތަކަށް ވިޔަފާރިކުރަން އާންމުންނަށް ދެވޭ ވަގުތުތައް ވެސް ފުލުހުން ވަނީ މިއަދުން ފެށިގެން ކުޑަކޮށްފަ އެވެ. ކުރިން ހަފުތާއަކު ދެ ފަހަރު ކަނޑައެޅޭ ވަކި ހުުއްދައެއްގެ ދަށުން ފިހާރަތަކަށް ދެވުނަސް، މިހާރު ފުލުހުން ހަމަޖައްސާފައި ވަނީ ހަފުތާއަކު އެއްފަހަރު ދެވޭ ގޮތަށެވެ. އެގޮތަށް ނިންމާފައިވަނީ ކުރިއަށް އޮތް ދުވަސްތަކުގައި ކޮޮވިޑް-19 އަށް ރާއްޖެއިން ޕޮޒިޓިވްވާ މީހުންގެ އަދަދު އިތުރުވާނެ ކަމަށް ލަފާ ކުރެވޭތީ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުންނެވެ.

މީގެ އިތުރުން މާލެ އާއި ހުޅުލެއާ ދެމެދު އަޅާފައިވާ ބްރިޖް ވެސް ވަކި ވަގުތުތަކެއްގައި ބަންދު ކުރަަން މިހާރު ވަނީ ނިންމައިފަ އެވެ.

ބެލެވޭ ގޮތުގައި، މި މަހުގެ 28 އާ ހަމައަށް، މާލެ ސަރަހައްދުގެ ލޮކްޑައުންގެ އުސޫލުތައް އިތުރަށް ހަރުކަށިކޮށް، ބޭރުތެރޭގައި މީހުން ނުކުމެ އުޅުން ފުލުހުން ވަރަށް ބޮޑަށް ކޮންޓްރޯލް ކުރާނެ އެވެ.