ށ. ފުނަދުއިން ދިން އެހީ، ނަރުދޫ ބަނދަރުމަތީގައި ބަހައްޓާފައި
17 މެއި 2020 - 21:06
މާލެއަށް ނަރުދޫން ދަތުރު ކުރާ ހަމައެކަނި އުޅަނދު، "އަމާޒު ބޯޓު"ގެ ކައްޕި މިދިޔަ މަހު 28ގައި ޕޮޒިޓިވްވުމާއެކު، އެ ރަށް ވަނީ މޮނިޓަރިންގެ ހާލަތަށް ގެނެސްފަ އެވެ. ރޯދަ މަހަށް ބޭނުންވާ ގިނަ ތަކެތި ރަށަށް އެތެރެ ނުކުރެވެނީސް، ރަށުގެ 11 މީހަކަށް ބަލިޖެހި، އެ ރަށަށް ބަންދުކުރީ އެވެ. އެހެންވެ، ރަށުގެ ރައްޔިތުން ހީކުރި ގޮތުން މިއީ ވަރަށް ދަތި ރޯދަމަހަކަށް ވާނެ އެވެ.
އެކަމަކު، ށ. އަތޮޅުގެ އެހެން ރަށްތަކުން ވަނީ ނަރުދޫގެ ރައްޔިތުން ހާލުގައި ޖެހުނަ ނުދީ ދީލަތި ކަމާއެކު އެހީތެރިވެދީފަ އެވެ. އެ ރަށް މޮނިޓަރިން އަށް ލީ ދުވަހުން ފެށިގެން، އަތޮޅުގެ އެކި ރަށްތަކުން އަންނަނީ ނަރުދު އަށް ކާބޯތަކެތި ފޯރުކޮށްދެމުންނެވެ.
ނަރުދުއަށް އެ އަތޮޅުގެ ބައެއް ރަށްރަށުން ދިން އެހީ ބެހުމަށް ތައްޔާރުވަނީ
އެންމެ ފުރަތަމަ ށ. ގޮއިދޫން އެ ރަށުގެ ހުރިހާ އެންމެންނަށް ކަނޑުމަސް ބެހީ އެވެ. ފީވަކުން 100 ބަސްތާ ކާޑުގެ ބާވަތްތައް ހަދިޔާ ކުރި އެވެ. އާފަލާއި މޭބިސްކަދުރާއި އޮރެންޖު ފަދަ މޭވާ ވެސް އެ ރަށުން ދިނެވެ. މިލަންދޫން ވަނީ ނަރުދޫގެ ކޮންމެ ގެއަކަށް ޕާނާއި ހޮޓްޑޯގް ބަނަސް ބަހައިފަ އެވެ.
އެ އަތޮޅު ފުނަދުއިން މިއަދު ވަނީ ރޯމަހާއި ދަޅުމަހާއި އަލަނާސި އާއި ގެރިކިރު ދަޅާއި ބޯފެނާއި ދޮންނަ ކުނޑި ފަދަ އެކި ބާވަތްތައް ހިމެނޭ ޕެކޭޖެއް ކޮންމެ ގެއަކަށް ދީފަ އެވެ.
އެނގިފައިވާ ގޮތުން ކޮމަންޑޫ ރައްޔިތުންގެ ފަރާތުން މާދަމާ އެހީ ފޮނުވާނެ އެވެ.
"އަޅުގަނޑުމެން ހީކުރީ ވަރަށް ދަތި ރޯދަ މަހަކަށް ވާނެ ކަމަށް. އެކަމަކު އަތޮޅުގެ ރަށްތަކުގެ އެހީތެރިކަމާއެކު އިރާދަކުރެއްވީތީ އެ ދަތިކަން ވަނީ ފިލާފައި،" ގާތްގަނޑަކަށް 600 މީހުންގެ އާބާދީއެއް އޮންނަ ނަރުދޫ ކައުންސިލްގެ މެމްބަރު މުހައްމަދު ނިޒާރު ވިދާޅުވި އެވެ.
"މި އެހީ އަޅުގަނޑުމެން ބަލައިގަންނަން. މިއީ އެހީތެރިވުމުގައި ނަމޫނާ އަތޮޅެއް،"
ށ. އަތޮޅު ރަށަކުން ނަރުދުއަށް ދިން މޭވާ ބެހުމަށް ކިރަނީ
ނިޒާރު ވިދާޅުވީ މާލެ ދަތުރު ކުރާ އުޅަނދެއް މިހާރު ނެތުމުން ކާބޯތަކެއްޗާއި ޒަރޫރީ ބައެއް ތަކެތި ހޯދުމަށް އުނދަގޫވެފައި ކަމަށެވެ. އެކަމަކު އެކަމުގައި ވެސް އެންމެ ބޮޑު އެހީތެރިކަމެއް ލިބެނީ، އޭނާ ވިދާޅުވި ގޮތުގައި އަތޮޅުގެ ރަށްރަށުގެ ފަރާތުންނެވެ.
މޮނިޓަރިންގެ ހާލަތުގައި އޮތުމުން، ނަރުދުއަށް އަރާ ފޭބުމަކީ މަނާކަމެކެވެ. އެހެންވެ، ކޮންމެ ރަށަކުން ވެސް އެހީގެ ތަކެތި ބަނދަރުމައްޗަށް ބާލުވާފައި އެނބުރި ދަނީ އެވެ. ނަރުދުއިން އެ ތަކެއްޗާ ހަވާލުވަނީ، އެހީ ހިފައިގެން އައި މީހުން އެނބުރި ދިއުމުންނެވެ. އަދި އެ ރަށްތަކުން އެދިފައިވާ ގޮތަށް، އެހީގެ ސާމާނު ބަހަނީ ކައުންސިލާއި އެ ރަށުގައި އޮންނަ ޓާސްކް ފޯހަކުންނެވެ.
ނަރުދުއަށް އެ އަތޮޅު ރަށަކުން ދިން މޭވާ ބެހުމަށް ތައްޔާރުވަނީ
ނިޒާރު ވިދާޅުވި ގޮތުގައި ތަކެތި ޑެލިވަރީ ކުރަނީ ވެސް ވަރަށް ބޮޑަށް ރައްކާތެރިކަމުގެ ފިޔަވަޅު އަޅައިގެންނެވެ. އެހީގެ ސާމާނު ހިފައިގެން ގޭގެއަށް ވަނުމުގެ ބަދަލުގައި، ކޮންމެ ގެއެއްގެ ދޮރުމަތީގައި ބަހައްޓައި، އެކަން ގޭގެ ވެރިފަރާތަށް އަންގަނީ އެވެ. ބޭނުމަކީ ވީހާ ވެސް މަދު ބަޔަކާ ގާތުން ބައްދަލުވުމެވެ.
މާލެ ފިޔަވައި އެންމެ ގިނަ މީހުން ރާއްޖޭން ބައްޔަށް ޕޮޒިޓިވް ވެފައިވަނީ ނަރުދުއިންނެވެ. އެންމެ ފުރަތަމަ އެ ބައްޔަށް އެ ރަށުން ޕޮޒިޓިވްވީ މިދިޔަ މަހުގެ 15 ވަނަ ދުވަހު މާލޭން ފުރި އަމާޒު ބޯޓުގެ ކެޕްޓަނެވެ. އެ އަށް ފަހު އޭނާގެ އާއިލާގެ އިތުރު ހަތް މީހުންނާއި އިތުރު ބަޔަކު މިހާރު ވަނީ ކޮވިޑް-19 އަށް ޕޮޒިޓިވް ވެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ތާރީޚް
18 May 2020
ވަރައް ފުެިހަމަ މިސާލެއް. މަސައްކަރުގަެި ބަރަކާތް ލައްވާށި. ސަރުކާރައް ލިބޭ އެހީތަކައް ވަނީ ކިހިނެއްބާ
ހަސަންބެ.
18 May 2020
"ރައްކާތެރެގޮތަކަށް ލޮކްޑައުންވަނީ ހަރުކަށިކޮށްފައި". ބޮޑުޖޯކެއްމީ. އެންމެފުރަތަމަ ދުވަހުންފެށިގެން ވެސް ރައިޔަތުން މަގުމައްޗަށް ނިކުއްގޮތަށްމިހާރުވެސް އެބަނިކުމޭ. ގެކާރީކަންމަތީފިހާރަށްދާން ޕޮލިހުންގެ ހުއްދައެއް ހޯދާބަޔަކު މިމާލެއަކުނެތް. ހުރިހައިކަންމަތީބޮންދު ފިހާރަތައް ހަވީވރުއަތަށްއެޅީމާ އޮންނަނީފުރިފައި. 52މީހުން ބަލިންސަލާމަތްވީ ޕެނަޑޯލްގުޅައެއްވެސް ނުކައި. ސަރުކާރުން އެޅި މޮޅޫފިޔަވަޅަކުންނެތްނޫން ރާއްޖެގައިމިކަންކޮންޓްރޯލްމިވަނީ
ބާރު
18 May 2020
އަދިވެސް ވަޤުތު އެބައޮތް. މަސައްކަތް ފަށަމާ ހިނގާ އަތޮޅަށް ސިޓީއެއްގެ ދަރަޖަ ހޯދައިގެން ކުރިއަށްދާން މަސައްކަތް ފަށަން.
ސާޔާ
18 May 2020
ސަރުކާރު ރަނގަޅު ކަމުން ހަޖަމު ނުވެގެން ތިއުޅެނީ.
ސިޔާ
18 May 2020
ސަރުކާރު ބަރާބަރުވީމަ ހުރިހާކަމެއްވެސް ރަނގަޅަށް ތިފެންނަނީ, އެހެންވެ ހަޖަމު ނުބައިވެގެން ތިއުަޅެނީ.
ސިޔާސީ
18 May 2020
އެހެނވެގެންތަ, މަސްދޯނީގަވެސް ބަންގާޅީން ގެންގުޅެނީ, ތަންމަތީގަ އޮންނަ މުސްކުޅި މަންމަ, ބައްޕަ ބަލަން ބަންގާޅީން ތިބީ ކިތައްރަށުގަ? ރަށުގަ ހުރި ދަނޑުތަކުގަ މަސައްކަތް ކުރަނީވެސް އެހންވެތަ?
ށ. އަތޮޅު މީހެއް
18 May 2020
މި އާޓިކަލް ކިޔަން ފެށުމާއެކު އުފަލުން ރޮވިއްޖެ. މި މާތް މައްސަރުގެ ބަރަކާތާއި ފުއްސެވުން ތިޔަ ހެޔޮ އަަމަލުގައި ބައިވެރިވި އެންމެހާ ލޮބުވެތި ރައްޔިތުންނަށް މިންވަރު ކުރައްވާށިި. އާމީން
ކޮންކްރިޓް މައިހާޓް
18 May 2020
ސިއްހީ އިދާރާތަކަށް ކެއްނުވާވަރު ވެދާނެކަމުގެ ބިރު ފިލުވާލައި ލޮކު ޑައުން ނިމުމަކަށް ގެންނަންވީ ވަގުތު ޖެހިއްޖެއެވެ. މީހުން ތަޅުލައިގެން ތިބެގެންވެސް ޓެސްޓުތަކެއް ކޮށްގެން ބަޔަކު ހޯދެނީއެއް ނޫނެވެ. ބަލިވެގެން ކްލިނިކުތަކަށް ދިޔުމުން ނޫނީ މީހުން އަތުޖެހެނީ މަދުފަހަރަކުއެެވެ. ގިނަ ބަޔަކު ބަލި ޖެހި ރަނގަޅުވިކަން ކޮވިޑުފޯހަށް ނޭގެއެވެ. މުޅިދުނިޔެވެސް އެދަނީ ހުޅުވައިލަމުންނެވެ.
އެޖެންގާ 19
18 May 2020
އަލް ޙަމްދު ލިﷲ އެވެ. ތެދުވެރި މުސްލިމުން ފަދައިން ޢަމަލުކޮށްފިއެވެ. ށ. އަތޮޅު ރައްޔތުންނަށް ހެޔޮ ދަރުމައާ ޖަޒާދެއްވާ ސުވަރުގެ ދެެއްވާށިއެވެ.
މެދުމާފަންނު މެދުހެންވޭރު
18 May 2020
ސަރުކާރު ފޭލިވެ، ރަށްރަށުގެ ރައްޔިތުން ކާމިޔާބު ހޯދައިފިއެވެ. ސާބަސް ށ. އަތޮޅުގެ ހީވާގި ދީލަތި ރައްޔިތުންނަށް