ށ. ނަރުދޫ އަންހެނަކު ވިހަން ގެންދިއުން ލަސްވެ ބަނޑަށް މިއަދު ދަރިފުޅު މަރުވެއްޖެ އެވެ.

އެ އާއިލާއިން ވާހަކަދެއްކި މީހަކު ބުނީ، ށ. ފުނަދޫގައި ހުންނަ އަތޮޅު ހޮސްޕިޓަލަށް ދިއުމުގެ ހުއްދަ ހޯދުމަށް ގިނަ މަސައްކަތްތަކެއް ކުރި ކަމަށެވެ. ނަމަވެސް އެ ކޭސް ބަލައިނުގަނެވޭނެ ކަމަށް ބުނުމުން އެންމެ ފަހުން މެންދުރު ފަހު ހދ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަށް ދިޔައީ އެވެ.

އެ ރަށަށް ގޮސް ވިހޭއިރު ކުއްޖާ އޮތީ މަރުވެފައި ކަމަށް އާއިލާއިން ބުންޏެވެ.

އެ ދެމަފިރިންނަކީ ތެލެސީމިއާ ކެރިއަރުންނެވެ. އެ މީހުންގެ ތިބި ދެ ކުދިންގެ ތެރެއިން ދޮށީ ކުއްޖާއަކީ ތެލެސީމިއާ ކުއްޖެކެވެ.

އާއިލާއިން ވާހަކަދެއްކި މީހާ ބުނީ، ފުނަދޫ ހޮސްޕިޓަލަށް ދިއުމުގެ ހުއްދަ ނުލިބުމުން ސިއްހީ ދާއިރާގެ އެންމެ މަތީ ފަރާތްތަކުގެ ސަމާލުކަމަށް ވެސް އެ މައްސަލަ ގެންދިޔަ ކަމަށެވެ. ނަމަވެސް އެއްވެސް ޖަވާބެއް ލިބިފައި ނުވާ ކަމަށް އޭނާ ބުންޏެވެ.

"ނަރުދޫ ޓާސްކް ފޯހުން ވަރަށް ރަނގަޅަށް މަސައްކަތްކޮށްދިން. ފުނަދުއަށް ދިއުމުގެ ހުއްދަ ވެސް ލިބުނު. އެކަމަކު އެ ހޮސްޕިޓަލުން ރިޖެކްޓްކޮށްލީ. މިހާރު މި ފެންނަނީ ކޮވިޑް-19 އަށް އެކަނި ސަރުކާރުން މަސައްކަތްކުރާ ތަން،" އޭނާ ބުންޏެވެ.

ނަމަވެސް ފުނަދޫ ހޮސްޕިޓަލްގެ ހެލްތު ސާވިސަސްގެ މެނޭޖަރު އަހުމަދު ޒުމްރަތު ވިދާޅުވީ އޮޕަރޭޝަން ތިއޭޓަރު ހުންނަ ސަރަހައްދުގައި ކޮވިޑް-19 އާ ގުޅޭ މަސައްކަތްތަކެއް ކުރަމުން ދާތީ ކުޅުދުއްފުއްޓަށް ދިއުމަށް މިދިޔަ ހޮނިހިރު ދުވަހު އެ ފަރާތަށް އެންގި ކަމަށެވެ. ހަމަ އެ ދުވަހު އެކަމުގެ އިންތިޒާމްތައް ވެސް ހަމަޖެހިގެން ދިޔަ ކަމަށް ވިދާޅުވި އެވެ.

"ވިހެއުމުގެ ކޭހެއް ވީމަ ބޭނުންކުރެވޭ ހާލަތުގައި އޮޕަރޭޝަން ތިއޭޓަރު ނެތީމަ ރިފާކުރީ ކުޅުދުއްފުއްޓަށް ދާން. އެކޮޅަށް ގުޅާފައި ހުރިހާ ކަމެއް ވެސް ހަމަޖެއްސިން. ނަމަވެސް ކުޅުދުއްފުއްޓަށް ދާން އޭނާ (ބަލިމީހާ) ބޭނުންނުވީ. އިއްޔެ ވެސް އެކަމުގެ އިންތިޒާމް ހަމަޖައްސައިދިނިން. ދެން ވެސް ދާން ބޭނުން ނުވީ،" ޒުމްރަތު ވިދާޅުވި އެވެ.

"އެކަމަކު މިއަދު ހެނދުނު ށ. މިލަންދު އަށް ދިޔައީ އަމިއްލަގޮތުން. އެ ރަށަށް ދިޔައިރު ވެސް ކުއްޖާގެ ވިންދެއް ނެތް ކަމަށް ބުނި. އަނެއްކާ ވެސް ނަރުދު އަށް ގޮސް، ނަރުދޫން ކުޅުދުއްފުއްޓަށް މި ދިޔައީ. ގޮސް ވިހޭ އިރު ކުއްޖާ ނިޔާވެފައި އޮތީ."

ޒުމްރަތު ވިދާޅުވީ ވިހެއުމާ ހަމައަށް އެ މީހާގެ ހުރިހާ ކަމެއް ދިޔައީ ވަރަށް ގާތުން، ރަނގަޅަށް ބަލަމުން ކަމަށެވެ. މި ހާލަތުގައި ވިހެއުމަށް ކުޅުދުއްފުއްޓަށް ދާން އެދޭނީ ސަބަބުތަކެއް ހުރެގެން ކަމަށް އޭނާ ވިދާޅުވި އެވެ.

މި މަހުގެ މެދެއްހާ ހިސާބުގައި އއ. ތޮއްޑޫގެ މާބަނޑު މީހަކަށް ފަރުވާދިނުން ލަސްވެ ބަނޑަށް ދަރިފުޅު މަރުވި މައްސަލައެއް ފެންމަތިވި އެވެ. އޭނާގެ ބަނޑަށް މަރުވީ، އެ އަތޮޅު ރަސްދޫ ހޮސްޕިޓަލަށް ދިއުމުގެ ހުއްދަ ނުލިބި ފަރުވާ ދިނުން ލަސްވުމުގެ ސަބަބުން ކަމަށް އާއިލާއިން އޭރު ބުންޏެވެ.