ހއ. ތަކަންދޫން ކޮވިޑް-19 އަށް ޕޮޒިޓިވްވި ތިން މީހުންގެ ތެރެއިން ދެ މީހަކު ރަނގަޅުވި ކަމަށް ނިންމައި ދޫކޮށްލަން ނިންމާފައިވާ ކަމަށާއި ތިން ވަނަ މީހާގެ ވެސް އެންމެ ފަހު ސާމްޕަލް ނެގެޓިވް ކަމަށް އެ ރަށުން މިއަދު ބުނެފި އެވެ.

މިމަހުގެ ފުރަތަމަ ދުވަހު ލިބުނު ނަތީޖާ އިން ދެއްކި ގޮތުގައި ތަކަންދޫން، އުމުރުން 29 އަހަރުގެ އަންހެނަކާއި 37 އަހަރުގެ އަންހެނެއްގެ އިތުރުން ފަސް އަހަރުގެ އަންހެން ކުއްޖެއް ވަނީ ކޮވިޑް-19 އަށް ޕޮޒިޓިވް ވެފަ އެވެ.

އުމުރުން 29 އަހަރުގެ އަންހެން މީހާ އާއި ފަސް އަހަރު އަންހެން ކުއްޖާ ރަނގަޅުވި ކަމަށް ބަލައި މާދަމާ ދޫކޮށްލާނެ ކަމަށް އެޗްޕީއޭ އިން އާއިލާ އަށް ވަނީ އަންގައިފަ އެވެ. މި އެންމެން ރަނގަޅުވި އިރު ވެސް ބަލީގެ އަލާމާތެއް ނުފެނެ އެވެ.

ކުޑަކުއްޖާގެ ސާމްޕަލް ހަތަރު ފަހަރު ނެގިއިރު އެންމެ ފުރަތަމަ ފަހަރު ނޫނީ ހުރިހާ ފަހަރަކު ވެސް ނަތީޖާ ދެއްކީ ބަލި ނެތް ކަމަށެވެ.

އޭގެ ތެރެއިން ކުޑަކުއްޖާ އާއި އެ ކުއްޖާގެ މަންމަ، އުތުރުން ކަރަންޓީނަށް ހާއްސަކޮށް ފައިވާ ދޮނަކުޅި އައިލެންޑް ރިސޯޓްގައި ތިބިއިރު 29 އަހަރުގެ އަންހެން މީހާ ހުރީ ހުޅުލޭ އައިލެންޑް ހޮޓަލުގެ ކަރަންޓީން ފެސިލިޓީގަ އެވެ.

އުމުރުން 37 އަހަރުގެ އަންހެން މީހާގެ ކަރަންޓީންގެ މުއްދަތު ހަމަކުރުމަށް ފަހު ނެގި ސާމްޕަލް ނެގަޓިވްވުމުން އަލުން ޔަގީން ކުރުމަށް މިއަދު އަނެއްކާ ވެސް ވަނީ ސާމްޕަލް ނަގައިފަ އެވެ. ރަނގަޅުވި ކަމަށް ނިންމައި ކަރަންޓީނުން މީހުން ދޫކޮށްލަނީ ޖެހިޖެހިގެން ދެ ފަހަރު ނެގަޓިވް ނަތީޖާއެއް ލިބުމުންނެވެ.

ޕޮޒިޓިވްވި މީހުންނާ ކޮންޓެކްޓް ވެގެން ތަކަންދޫން 14 މީހެއްގެ ސާމްޕަލް ނެގިއިރު އެ ހުރިހާ ސާމްޕަލްތަކެއް ވެސް ވަނީ ނެގަޓިވްވެފަ އެވެ.

ތަކަންދޫން ޕޮޒިޓިވްވި މީހުންގެ ތެރެއިން ފަސް އަހަރުގެ ކުއްޖާގެ ބަދަލުގައި ފުރަތަމަ ކަރަންޓީނަށް ގެންދިޔައީ އެހެން ކުއްޖެކެވެ. އެއީ އެ ރަށުން ޕޮޒިޓިވްވި 29 އަހަރުގެ އަންހެން މީހާގެ ހަތް އަހަރުގެ ފިރިހެން ދަރިފުޅެވެ. އެ ކުއްޖާ ބައްޔަށް ނެގެޓިވް ވިޔަސް މިހާރު ހުރީ ބައްޕައާއެކު އޮޅުވެލި އައިލެންޑް ރިސޯޓްގެ ކަރަންޓީންގަ އެވެ. ކަރަންޓީންގެ މުއްދަތު ހަމަކުރުމަށް ފަހު ފުރަތަމަ ނެގި ސާމްޕަލްގެ ނަތީޖާ ނެގަޓިވް ވުމުން މިއަދު ވަނީ އެ ކުއްޖާގެ ސާމްޕަލް ވެސް އަލުން ނަގައިފަ އެވެ.

ތަކަންދޫން ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވަނީ މިދިޔަ މަހުގެ 15 ވަނަ ދުވަހު ކާވިޔާ ބޯޓުން އެ ރަށަށް ދިޔަ 36 މީހުންގެ ތެރެއިން ބައެކެވެ. އެ މީހުން ބައްޔަށް ޓެސްޓް ކުރީ އެ ބޯޓުން ހއ. އުލިގަމަށް ދިޔަ މީހަކު ޕޮޒިޓިވް ވުމާ ގުޅިގެންނެވެ. ތަކަންދު އާއި އުލިގަމުގެ އިތުރުން އެ ބޯޓުގައި ދަތުރުކުރި އެހެން ރަށެއްގެ އެއްވެސް މީހަކު މިހާތަނަށް ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައެއް ނުވެ އެވެ.

ތަކަންދޫން ކޮވިޑް-19 އަށް ބަޔަކު ޕޮޒިޓިވް ވުމުން މިމަހުގެ އެއް ވަނަ ދުވަހުން ފެށިގެން އެރަށް ވަނީ މޮނީޓަރިންގެ ހާލަތަށް ގެނެސްފަ އެވެ.

އަތޮޅުތަކުން މި ބަލި މިހާތަނަށް ފެނިފައި ވަނީ ތަކަންދޫގެ އިތުރުން ހއ. އުލިގަމާއި ށ. ނަރުދު އާއި ށ. މިލަންދޫ އާއި ނ. މަނަދޫ އާއި ކ. ތުލުސްދޫން އާއި ކ. ހިންމަފުށިންނެވެ. ރާއްޖޭން މިހާތަނަށް 1,143 މީހަކު ވަނީ އެބައްޔަށް ޕޮޒިޓިވް ވެފަ އެވެ. އަދި 86 މީހަކު ވަނީ ރަނގަޅުވެފަ އެވެ.