އިލެކްޓްރިކް ޝޮކް ދޭ ބަޑި ރާއްޖޭގައި ފުރަތަމަ ފަހަރަށް ފުލުހުން ބޭނުންކުރަން ތައްޔާރުވާން ފެށިކަން ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު އިއުލާން ކުރެއްވުމާ އެކު އެތައް ބައެއްގެ ފާޑުކިޔުން މިވަނީ އަމާޒުވެފަ އެވެ. އޭގެ ތެރޭގައި އެމްޑީޕީގެ ބައެއް މީހުން ވެސް ހިމެނެ އެވެ. އެއްބައެއްގެ ނަޒަރުގައި ދިވެހި ފުލުހުންނަކީ އެވަރުގެ ބާރެއް ދޭހާ ޕްރޮފެޝަނަލް ބައެއް ނޫނެވެ. އަނެއް ބަޔަކު ބުނާ ގޮތުން މިހާރުގެ ކުށުގެ ވެށި އޮތް ގޮތުން ފުލުހުންނަށް އެފަދަ ބާރުތަކެއް ދޭން ވެސް ޖެހެ އެވެ. އެހެންކަމުން އެއީ ރަނގަޅު ނުވަތަ ގޯސް ނިންމުމެއްތޯއާ މެދު އާންމުންގެ ތެރޭގައި މިވަނީ ސުވާލު އުފެދިފަ އެވެ.
އެއީ ފުލުހުން ހައްޔަރުކުރަން އުޅޭ މީހާއާ ކައިރީގައި ހުރެގެން ބޭނުންކުރެވޭ ބަޑިއެކެވެ. ދިވެހި ފުލުހުން ބޭނުންކުރަން އުޅޭ ބަޑީގައި ހިމެނޭ ވަޒަން ހުންނަނީ ނަރަކުން ބަޑިއާ ގުޅިފަ އެވެ. މީހާގެ ހަށިގަނޑަށް އިލެކްޓްރިކް ޝޮކް ފޮނުވައިދެނީ އެ ނަރުންނެވެ.
މި ބަޑިން ފޮނުވާ އިލެކްޓްރިކް ޝޮކްގެ ސަބަބުން އާންމު ގޮތެއްގައި ސިއްހީ މާ ބޮޑު މައްސަލައެއް ކުރިމައްޗެއް ނުވެ އެވެ. ނަމަވެސް ހިތުގެ މައްސަލަތައް ފަދަ ބަލި ހުންނަ މީހުންނަށް ބައެއް ފަހަރަށް ނުރައްކާވާ ކަމަށް ބައެއް ދިރާސާތަކުން އެނގެ އެވެ.
އިލެކްޓްރި ޝޮކްގައި މީހާ ވެއްޓެ އެވެ. އެހެންކަމުން ފުލުހުންނަށް އަތުނުވާންވެގެން ފިލަން އުޅޭ މީހުންނާއި ގަދަދައްކާ މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންނަން އެ ބަޑީގެ ސަބަބުން ފަސޭހަވާނެ އެވެ.
ކޮންޑަކްޓަޑް އިލެކްޓްރިކް ވެޕަން ނުވަތަ އިލެކްޓްރިކް ޝޮކް ދޭ ބަޑި (ސްޓަން ގަން) ފުލުހުންނަށް މުހިންމުވާ ސަބަބެއް ކަމަށް ކޮމިޝަނާ ހަމީދު ވިދާޅުވަނީ ފުލުހުންނަށާއި އާންމުންނަށް ދޭ ހަމަލާތަކުން ދިފާއުވުމެވެ. އޭނާ ވިދާޅުވި ގޮތުގައި މީހުންނާ ކުރިމަތިލާ އިރު ފުލުހުން ބާރުގެ ބޭނުންކުރާ މިންވަރު ބަލާ ގޮތަށް މި ހަތިޔާރު ބޭނުންކުރާ ގޮތް ވެސް ބަލާނެ އެވެ. އަދި ބަޑި ބޭނުންކުރަނީ ވީހާވެސް ޒިންމާދާރު ގޮތެއްގައިކަން ކަށަވަރުކުރަން، އޭގެ ކެމެރާގެ މަންޒަރުތައް ވެސް ބަލާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
މިހާތަނަށް ވެސް ފުލުހުން ބޭނުންކުރަމުން އަންނަނީ މުގުރާއި ކަރުނަ ގޭސް ފަދަ އެއްޗިއްސެވެ. އެކަމަކު އިލެކްޓްރިކް ޝޮކޭ ދޭ ބަޑި ގެނެސް، ތަމްރީންތައް ހެދިތާ އަހަރުތަކެއް ވެފައިވިޔަސް މިހާތަނަށް އެއްވެސް އޮޕަރޭޝަނެއްގައި ބޭނުންކޮށްފައެއް ނުވެ އެވެ.
ސިޔާސީ ގޮތުން ބޭނުން ހިފައިފާނެ
ބައެއް މީހުންގެ ކަންބޮޑުވުމަކީ މާޒީގައި ފުލުހުންގެ އަމަލްތައް ހުރި ގޮތެވެ. އެހެންކަމުން ސިޔާސީ ބޭނުންތަކުގައި ނާޖާއިޒު ގޮތުގައި އޭގެ ބޭނުން ހިފައިފާނެ ކަމަށް އެއް ބަޔަކު ދެކެ އެވެ.
"މުގުރުން ތެޅީ ބޮލުގައި. ޕެޕާ ސްޕްރޭ ޖެހީ، އައިސް ކްރީމް ލޮރީއަށް ލައި ތަޅުވާފައި ލޮލަށް. [ފޮރިން މިނިސްޓަރު] އަބްދުﷲ ޝާހިދު ހެކިވާނެ. މިއީ ދިވެހިންނަށް ދޭން އުޅޭ ބޮނޑިއެއް،" ޝޮކް ދޭ ބަޑިއާ ދެކޮޅަށް ހިޔާލު ފާޅުކުރަމުން ސަމާހް ކިޔާ މީހަކު ޓްވީޓްކުރި އެވެ.
މިހާތަނަށް ކޮންމެ ސަރުކާރެއްގައި ވެސް ސިޔާސީ ހަރަކާތްތަކާއި ސިޔާސީ އިދިކޮޅު ފަރާތްތަކާ ދެކޮޅަށް ފުލުހުން ލައްވާ ހަރުކަށިކަން ނެރެފައިވެ އެވެ. އެހެންކަމުން ފުލުހުންނަކީ ގާނޫނުތަކާއި ގަވައިދުތަކަށް އެހާ އަހުލުވެރި ބައެއް ނޫން ކަމަށް ދެކޭ މީހުން ވެސް މަދެއް ނޫނެވެ. އެ ހާލަތުގައި ދިވެހި ފުލުހުން ތިއްބާ، މިހާރު ބޭނުންކުރަން ހުރި އެއްޗިއްސަށް ވުރެ އެޑްވާންސް ހަތިޔާރު ދޭން އެ މީހުން ދެކޮޅެވެ.
ހަމައެކަނި އާންމުންނެއް ނޫނެވެ. ވިލިމާލެ ދާއިރާގެ މިނިވަން މެމްބަރު އަދި ކުރީގެ ޑެޕިއުޓީ އެޓާނީ ޖެނެރަލް، އަހުމަދު އުޝާން ވިދާޅުވި ގޮތުގައި ގިނަ އަދަދެއްގެ ފުލުހުން ރާއްޖޭގެ ގާނޫނުތަކަށް ފުރިހަމައަށް އަހުލުވެރިއެއް ނުވެ އެވެ. އެހެންކަމުން ފުލުހުންގެ މުއައްސަސާ ރަނގަޅަށް އިސްލާހުނުކޮށް އިލެކްޓްރިކް ޝޮކް ދޭ ހަތިޔާރު ފަދަ އެއްޗެހި ފޯރުކޮށްދިނުމަކީ ކަންބޮޑުވުމެއް ކަމަށް އޭނާ ވިދާޅުވި އެވެ.
އެމްޑީޕީގެ ބައެއް މެމްބަރުންގެ ހިޔާލުތައް ވެސް ހުރީ އެހެންނެވެ. ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ އެމްޑީޕީގެ މެމްބަރު އިމްތިޔާޒް ފަހުމީ ވިދާޅުވީ އޭނާއަށް މިހާތަނަށް ފެނިވަޑައިގެންފައިވަނީ ރައްޔިތުންނަށް ފުލުހުން ހަމަލާދީ އަނިޔާކުރި ތަނެވެ. އެހެންކަމުން އެ ފުލުހުން ރީހެބިލިޓޭޓް ނުކޮށް އެފަދަ ހަތިޔާރެއް ދިނުން ރައްކާތެރިތޯ އޭނާ ސުވާލު އުފެއްދެވި އެވެ.
ފާޑުކިޔާ މީހުން ޖުމްލަ ގޮތެއްގައި ބުނަމުން އަންނަނީ ފުލުހުންނަށް އިތުރު ބާރުތަކެއް ދިނުމުގެ ކުރިން އެ މުއައްސަސާ އިސްލާހުކުރުމަށެވެ.
ފުލުހުންނަށް އެ ބާރު ދޭން ޖެހޭ
ކުރީގެ ޕޮލިސް ކޮމިޝަނަރު އަދި ތިމަރަފުށީ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒްގެ ހިޔާލު ތަފާތެވެ. އޭނާ ވިދާޅުވީ ފުލުހުންގެ ތެރެއިން "ސްޕެޝަލް ވެޕަންސް އެންޑް ޓެކްޓިކްސް (ސްވެޓް)" ފަދަ ހާއްސަ ތަމްރީންތައް ލިބިފައިވާ ފުލުހުންނަށް އެފަދަ ހަތިޔާރު ބޭނުން ކުރުމުގެ ފުރުސަތު ދިނުން މުހިންމު ކަމަށެވެ. ސަބަބެއް ކަމަށް އޭނާ ދެއްކެވީ މީހުންގެ ފުރާނަ ދުއްވާލުން ފަދަ ބޮޑެތި ކުށްތައް ހުއްޓުވަން އެފަދަ ހަތިޔާރު މިހާރު ބޭނުންކުރަން ޖެހުމެވެ.
"މީހެއްގެ ފުރާނަ ދުއްވާލުން. ނޫނީ އަމިއްލައަށް މަރުވުން. ނޫނީ ޓެރަރިޒަމްގެ ކުށްތައް ހުއްޓުވަން ދުނިޔޭގެ ހުރިހާ ފޯސްއެއްގައި ވެސް ހަތިޔާރު ބޭނުންކުރޭ،" ރިޔާޒު ވިދާޅުވި އެވެ.
"އެކަންކަމާ ކުރިމަތިލާ ބަޔަކީ ފުލުހުންނަށް ވާއިރު އެމީހުންގެ ރައްކާތެރިކަމަށްޓަކައި ވެސް އަދި އެކަން ހުއްޓުވުމަށްޓަކައި ވެސް އެފަދަ ހަތިޔާރު ބޭނުންކުރެވެން ޖެހޭ ކަމަށް އަޅުގަނޑު ގަބޫލުކުރަނީ."
އިލެކްޓްރިކް ޝޮކް ދޭ ބަޑިއަކީ އާންމު ފިސްތޯލަ ފަދަ ހަތިޔާރުތަކަށް ވުރެ މާ ރައްކާތެރި އެއްޗެއް ކަމަށް ރިޔާޒް ވިދާޅުވި އެވެ. އެގޮތުން ފިސްތޯލަ ބޭނުންކޮށްގެން މީހުންގެ ފުރާނަ ގެއްލުމުގެ ފުރުސަތު އޮތަސް، ރިޔާޒު ވިދާޅުވި ގޮތުގައި، އިލެކްޓްރިކް ހަތިޔާރުން އެ ފުރުސަތު ވަރަށް ކުޑަވާނެ އެވެ.
ފުލުހުންނަށް އިތުބާރު ނުކުރެވޭތީ އެފަދަ ބާރެއް ދީގެން ނުވާނެ ކަމަށް ބައެއް މީހުން ބުނާ ބުނުމަށް ވެސް ރިޔާޒުގެ ރައްދެއް އެބަ އޮތެވެ. އޭނާ ވިދާޅުވީ ފުލުހުންގެ މައްސަލަތަކެއް އުޅޭ ނަމަ އެކަން ބެލުމުގެ ބާރު އިންޓަގްރިޓީ ކޮމިޝަނާއި ރައްޔިތުންގެ މަޖިލީހަށް ވެސް ލިބިގެންވާ ކަމަށެވެ. ފުލުހުންގެ މައްސަލަތައް ބަލައި ފިޔަވަޅު އެޅެން އެބަ އޮތް ކަމަށާއި ނަމަވެސް އޭގެ ބަދަލުގައި ފުލުހުންނަށް ބާރުތަކެއް ނުދީ ހިފެހެއްޓުމަކީ ރަނގަޅު ގޮތެއް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.
"ފުލުހުންގެ ވާޖިބު އަދާކުރަން ބޭނުންވާ ތަކެތި ނުދޭންވީ ސަބަބެއް ނޫން. ފުލުހުން ރަނގަޅަށް އަމަލު ނުކުރާ ނަމަ އެކަން ބަލަންވީ. ފުލުހުންނަށް ލިބެން ޖެހޭ ބާރުތަކާއި އާލާތްތައް ލިބިގެން ވާޖިބު އަދާކުރެވޭނީ،" ރިޔާޒް
ސޯޝަލް މީޑިއާގައި ކިޔަމުން އަންނަ ފާޑުތަކަށް އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް އަބްދުﷲ ފައިރޫޝް ވެސް ރައްދު ދެއްވި އެވެ.
"ބާރު އޮތް ފޯހެއް. އެކަމަކު މިހާރު އޮތް ގޭންގާއި ޓެރަރިޒަމުގެ ނުރައްކަލާ ކުރިމަތިލުމުގެ ބާރު ނެތުން. އެއީތޯ ދެކެން ބޭނުންވާ ގޮތަކީ؟" ޓްވީޓެއްގައި އޭނާ ސުވާލުކުރެއްވި އެވެ.
ފައިރޫޝް ވިދާޅުވި ގޮތުގައި އެ ހަތިޔާރު ބޭނުންކުރާނީ އޭގެ ތަމްރީންތައް ރަނގަޅަށް ލިބިފައި ތިބި ފުލުހުންނެވެ.
އެކަމަކު ރާއްޖޭގެ މި ފަހުގެ މާޒީގައި ހިނގާފައި ހުރި ކަންކަމަށް ބަލާއިރު އާންމުންގެ ހިޔާލު މިކަމުގައި ހަމަ ތަފާތެވެ. ފާޑުކިޔާ މީހުންނަށް ވިސްނެނީ، ކަމުގެ ތަޖުރިބާކާރުން ދައްކާ ވާހަކަތަކާ މުޅިން އިދިކޮޅަށެވެ.