ރޮކް އާޓިސްޓުން މަދު ދިވެހިރާއްޖޭގެ މިއުޒިކް އިންޑަސްޓްރީގައި އެންމެ މަގުބޫލު އެއް ރޮކް ބޭންޑަކަށް "ގްރެވިޓީ" ވާނެ އެވެ. އެ ބޭންޑުގެ ކޮންމެ ޝޯއަކަށް ބޮޑު މަގުބޫލުކަމެއް ލިބޭއިރު މިދިޔަ އަހަރު ނެރުނު އަލްބަމް "ފަހުލަވާނުން" ވެސް މަގުބޫލުވި އެވެ. މި އީދަށް ހާއްސަކޮށް މި އޯޑިއޯ އަލްބަމްގެ ލަވައެއްގެ ލިރިކްސް ވީޑިއޯ މިވަނީ ރިލީޒްކޮށްފަ އެވެ.

"ވަކި" ނަމަކަށް ކިޔާ މި ލަވައިގައި ކިޔައިދޭނީ ނަފްސާނީ ބަލިމަޑުކަމާއި އެކަމުގެ ސަބަބުން މީހާއަށް ދިމާވާ ކަންކަމެވެ. އަދި ޑިޕްރެޝަނާ އެކު ދިރިއުޅެމުން އަންނަ މީހުންނަސް ދިމާވާ ކަންކަން ކިޔައިދޭނެ އެވެ.

"ފަހުލަވާނުން" އަކީ ހަތް ލަވައިގެ އަލްބަމެކެވެ. އަލްބަމްގެ ލަވަތައް ބައިސްކޯފުން އަޑުއެހޭނެ އެވެ. އަދި މިއަދު ރިލީޒްކުރި ވީޑިއޯ ލަވަ ވެސް ބައިސްކޯފުން ބެލޭނެ އެވެ.

މަޑުމަޑުން ހެވީ މެޓަލް ޖޯންރާ އަށް ދިވެހިން ހިތްޖައްސުވަމުން އައި ނަމަވެސް ދިވެހި ސްޓޭޖުތަކަށް ވުރެ ބޮޑަށް ގްރެވިޓީގެ އަމާޒު ހުރީ ބައިނަލްއަގްވާމީ ސްޓޭޖުތަކަށެވެ. އެކަމަކު މި ބޭންޑަކީ އެންމެ ފުރަތަމަ މާލޭގައި، ސީހައުސްގައި ޝޯ ދޭން މުހައްމަދު މުއައްޒިނަށް ލިބުނު ފުރުސަތުގެ ބޭނުން ހިފަން އޭނާ އުފެއްދި ބޭންޑެކެވެ.

އިންޓަނޭޝަނަލް ގިނަ ސްޓޭޖުތަކެއްގައިި ގްރެވިޓީ އިން އެމީހުންގެ ހުނަރު ދައްކައިފި އެވެ. ބޭންޑު އުފެއްދި އަހަރު ހަބޭސް ބޮޑުބެރު ގްރޫޕާ އެކު، ސިންގަޕޫރުގައި އޮތް "ސައުންޑްސް އޮފް މޯލްޑިވްސް" ގަ އާއި އިންޑިއާގައި ބޭއްވި ސާކް ޔޫތު ސަމިޓުގައި ވެސް ޕާފޯމްކޮށް ގިނަ ބައެއްގެ މެދުގައި މަގުބޫލުކަން ހޯދި އެވެ. މާލޭގައި ބޭއްވި ބޮޑެތި ގިނަ ޝޯތަކުގައި ވެސް ގްރެވިޓީ ވަނީ ޕާފޯމްކޮށްފަ އެވެ.

"ވަކި" ލިރިކްސް ވީޑިއޯގެ ކަވާ
"ވަކި" ލިރިކްސް ވީޑިއޯގެ ކަވާ

ބޭންޑުގެ އުމުރުން ހަތަރު އަހަރު ވީއިރު ބޭންޑަށް ވަނީ ކުދިކުދި ބަދަލުތަކެއް އައިސްފަ އެވެ. މިހާރު ބޭންޑުގައި ހަރަކާތްތެރިވަމުން އަންނަ މެންބަރުންނަކީ މުއައްޒިން އާއި ލީޑް ގިޓަރިސްޓަކަށް އަހްމަދު ޝަހީދު (ޝަހީދު ލެގަސީ)، ބޭސް ގިޓަރިސްޓް އަބްދުﷲ ޖާސިރު (ޖެސީ)، ގިޓަރިސްޓް އަލީ ޒާހިލް އަދި ޑްރަމަރަކަށް އަލީ ސިނާދު (ސިނޫ) އެވެ.

މިހުރިހާ މެންބަރުންނަކީ ވެސް މިއުޒިކް އިންޑަސްޓްރީގައި ތަޖުރިބާހުރި މޮޅެތި މެންބަރުންތަކެކެވެ.

- މުއައްޒިން: މޯލްޑިވިއަން އައިޑޮލުން ވިދާލައި ގިނަބައެއްގެ މެދުގައި މަގުބޫލުވި އާޓިސްޓެއް

- ޝަހީދު ލެގަސީ: ރާއްޖޭގަ އާއި ރާއްޖޭން ބޭރުގައި ރާއްޖެ ތަމްސީލުކޮށް ރީތި ނަން ހޯދައިދިން، ހެވީ މެޓަލް ބޭންޑް ސެކްރެޑް ލެގަސީގެ މޭސްތިރި، އަމިއްލަ ސޯލޯ ހަތަރު އަލްބަމް ނެރުނު

- ޖެސީ: މިއުޒިކީ އާއިލާއަކަށް ނިސްބަތްވާ، 15 އަހަރަށް ވުރެ ގިނަަ ދުވަހު މި ދާއިރާގައި ހަރަކާތްތެރިވަމުން އަންނަ ބޭސިސްޓެއް

- ޒާހިލް: މިއުޒިކްގެ ދާއިރާއިން މަތީ ތައުލީމް ހާސިލްކޮށް ކިޔަވައިދެމުން އަންނަ މެންބަރެއް

- ސިނޫ: ކުޅަދާނަ ޑްރަމަރެއް، ސައުންޑް އިންޖިނިއަރިންގައި ރާއްޖޭގައި ފާހަގަކޮށްލެވޭ