ކޮވިޑް-19ގެ ބިޔަ ރާޅު ރާއްޖެ އަށް ބިންދާލުމުން ކަރުތާފެނަށް ދިޔަ ގޮތަށް އަދިވެސް ހާސްކަމުގައި ތިބި އެއް ބަޔަކީ ދިވެހި އާޓިސްޓުންނެވެ. ގިގެއް ކުޅެލާނެ ރިސޯޓެއް، ރެސްޓޯރެންޓެއް އަދި އެހެން އިވެންޓެއް ވެސް ނުލިބި އެތައް މަހެއް ވުމުން މި އާޓިސްޓުން ވަރަށް ބޮޑަށް ހާލުގައި ޖެހިއްޖެ އެވެ. މިކަމުން އަރައިގަނެ އާމްދަނީ ލިބޭނެ ގޮތެއް އާޓިސްޓުން ހޯދަމުން އަންނަ އިރު މޯލްޑިވިއަން އައިޑޮލުން ގިިނަ ބަޔަކަށް ތައާރަފްވެ ކުރިއަރަމުން އަންނަ ހަސަން އިރުފާން (ޒަކިއްޓެ) މި ވަނީ ފޭނުންގެ ރިކުއެސްޓްތަކަށް ލަވަކިޔައިދޭން ފަށައިފަ އެވެ.
ޒަކިއްޓެގެ އަޑުން ވަކި ލަވައެއް އަހާލަން ބޭނުން މީހުން އަވަހަށް ރިކުއެސްޓް ކުރަން ފަށާފެ އެވެ. ދިވެހި ވިޔަސް އިނގިރޭސި ވިޔަސް މައްސަލައެއް ނެތެވެ.
އެކަން އިއުލާނުކޮށް ޖެހި ސްޓޭޓަސްއަށް ނުވަތަ ޒަކިއްޓެއަށް އިންބޮކްސްކޮށްލުމުން އެ ލަވައެއް ޒަކިއްޓެ ކިޔައިދޭނެ އެވެ. އަގަކީ 20 ރުފިޔާ އެވެ. ޒަކިއްޓެބުނީ ކޮވިޑްގެ ސަބަބުން އާމްދަނީ ލިބުން ހުއްޓިފައިވާ މި ދަނޑިވަޅުގައި މިއީ ޒަކިއްޓެއަށް ވަރަށް ބޮޑު އެހީއަކަށް ވާނެ ކަމަށެވެ.
އެއާއެކު ޒަކިއްޓެގެ ފޭނުންވަނީ ގިނަ އަދަދެއްގެ ރިކުއެސްޓުތަކެއް ފޮނުވައިފަ އެވެ. ބައެއް ރިކުއެސްޓުތަކަށް ޖަވާބުދީ އެ ލަވަތައް ކިޔައި އެ މީހުންނަށް ފޮނުވާ އަދި ސޯޝަލް މީޑިއާ އަށް މިހާރު ވަނ އަޕްލޯޑުކޮށްފަ އެވެ. ޒަކިއްޓެގެ އިންސްޓަގްރާމް ސްޓޯރީ މެދުވެރިކޮށް މި ލަވަތައް އެންމެންނަށް އަޑުއެހޭނެ އެވެ.
އަދި ބާކީ ރިކުއެސްޓުތަކަށް ޖަވާބުދީ އެ ލަވަތައް މިއަދު ކިޔައިދޭނެކަމަށް ޒަކިއްޓެވަނީ ބުނެފަ އެވެ.
ޒަކިއްޓެގެ އަޑުން އަހާލަން ބޭނުން ލަވައެއް އޮތް ނަމަ އަވަހަށް ރިކުއެސްޓްކުރަންވީ އެވެ. ފަހަރުގައި މިކަހަލަ އެހެން ފުރުސަތެއް ނުލިބިދާނެ އެވެ.