އެފްއޭ ކަޕުގެ ކުއާޓާ ފައިނަލުގައި ޓީސީ ސްޕޯޓްސް ކްލަބާއި ކްލަބް އީގަލްސް ބައްދަލުކުރަން ޖެހިއްޖެ އެވެ.

އުރީދޫ ދިވެހި ޕްރިމިއާ ލީގުގެ ދެ ވަނައިގައި މި ވަގުތު އޮތް ޓީސީ އާއި ތިން ވަނައިގައި މިވަގުތު އޮތް އީގަލްސް ބައްދަލުކުރާނީ ކުއާޓާ ފައިނަލުގެ ދެ ވަނަ މެޗުގަ އެވެ. އެ މެޗު އޮންނާނީ މި މަހު 31 ވަނަ ދުވަހު އެވެ. ފުރަތަމަ ކުއާޓާ ފައިނަލުގައި މި މަހު 30 ވަނަ ދުވަހު ނިއު ރޭޑިއަންޓް ބައްދަލުކުރާނީ މި މަހު 25 ވަނަ ދުވަހު ބީޖީ ސްޕޯޓްސް ކްލަބާއި ވޭރު ސްޕޯޓްސް ކްލަބް ބައްދަލުކުރާ މެޗުން މޮޅުވާ ޓީމަކާ އެވެ.

ތިން ވަނަ ކުއާޓާ ފައިނަލުގައި އަންނަ މަހު އެއް ވަނަ ދުވަހު ކްލަބް ވެލެންސިއާ ނުކުންނާނީ ވިކްޓަރީއާ ދެކޮޅަށެވެ. ހަތަރު ވަނަ ކުއާޓާ ފައިނަލުގައި 2014 ވަނަ އަހަރުގެ ޗެމްޕިއަން މާޒިޔާ ނުކުންނާނީ މި މަހު 25 ވަނަ ދުވަހު ޔުނައިޓެޑް ވިކްޓަރީ އާއި ވިލިމާލެ ޔުނައިޓެޑް ކުޅޭ މެޗުން މޮޅުވާ ޓީމަކާ ދެކޮޅަށެވެ.

ދެ ވަނަ ބުރު:

ބީޖީ ސްޕޯޓްސް ކްލަބް - ވޭރު ސްޕޯޓްސް ކްލަބް (25 އޮކްޓޯބަރު 2016)

ޔުނައިޓެޑް ވިކްޓަރީ - ވިލިމާލެ ޔުނައިޓެޑް (25 އޮކްޓޯބަރު 2016)

ކުއާޓާ ފައިނަލް:

ކުއާޓާ ފައިނަލް 1: ނިއު ރޭޑިއަންޓް - ބީޖީ/ވޭރު މެޗުން މޮޅުވާ ޓީމެއް (30 އޮކްޓޯބަރު 2016)

ކުއާޓާ ފައިނަލް 2: އީގަލްސް - ޓީސީ (31 އޮކްޓޯބަރު 2016)

ކުއާޓާ ފައިނަލް 3: ވެލެންސިއާ - ވިކްޓަރީ (1 ނޮވެމްބަރު 2016)

ކުއާޓާ ފައިނަލް 4: މާޒިޔާ - ޔޫވީ/ ވިލިމާލެ ޔުނައިޓެޑް މެޗުން މޮޅުވާ ޓީމެއް (2 ނޮވެމްބަރު 2016)

ފުރަތަމަ ސެމީ ފައިނަލުގައި ބައްދަލުކުރާނީ ފުރަތަމަ ކުއާޓާ ފައިނަލުން މޮޅުވި ޓީމާއި ދެ ވަނަ ކުއާޓާ ފައިނަލުން މޮޅުވި ޓީމެވެ. އެ މެޗު އޮންނާނީ އަންނަ މަހު ފަސް ވަނަ ދުވަހު އެވެ. ދެ ވަނަ ސެމީ ފައިނަލްގައި އަންނަ މަހު ހަ ވަނަ ދުވަހު ބައްދަލުކުރާނީ ތިން ވަނަ ކުއާޓާ ފައިނަލުންނާއި ހަތަރު ވަނަ ކުއާޓާ ފައިނަލުން މޮޅުވި ދެ ޓީމެވެ.

ފައިނަލް މެޗު އޮންނާނީ އަންނަ މަހު 10 ވަނަ ދުވަހު އެވެ.

އެފްއޭ ކަޕް މި ފަހަރު ބާއްވަނީ އެއް އަހަރުގެ މެދުކެނޑުމަކަށް ފަހު އެވެ. މިދިޔަ އަހަރު މި މުބާރާތް ނުބާއްވަން އެފްއޭއެމުން ނިންމީ މިނިވަން ދުވަހުގެ ހަރަކާތްތައް ކުރިއަށްގެންދަނިކޮށް ގަލޮޅު ދަނޑުގެ ވިނަގަނޑު ހަލާކުވުމުން އެފްއޭއެމްގެ ކަލަންޑަރަށް ގެންނަން ޖެހުނު ބަދަލަކާ ގުޅިގެންނެވެ.

މި މުބާރާތް އެންމެ ފަހުން ކާމިޔާބުކުރީ މާޒިޔާ އިންނެވެ. އެ ޓީމުން 2014 ވަނަ އަހަރުގެ އެފްއޭ ކަޕް ޗެމްޕިއަންކަން ހޯދީ ފައިނަލުގައި ޕެނަލްޓީ ޖަހައިގެން ނިއު ބަލިކުރުމަށް ފަހު އެވެ.