ވާދަވެރި ކްލަބް އީގަލްސް އަތުން 1-0 އިން މޮޅުވެ އެފްއޭ ކަޕް ފުޓްބޯޅަ މުބާރާތުގެ ސެމީ ފައިނަލުގެ ދެ ވަނަ ޖާގަ ޓީސީ ސްޕޯޓްސް ކްލަބް މިރޭ ހޯދައިފި އެވެ.
މުބާރާތުގެ ފުރަތަމަ ސެމީގައި ޓީސީ ބައްދަލުކުރާނީ ނިއު ރޭޑިއަންޓާ އެވެ. މުބާރާތުގެ އެންމެ ކާމިޔާބު ޓީމު ކަމަށްވާ ނިއު ސެމީން ޖާގަ ހޯދީ ރޭ ޕެނަލްޓީ ޖަހައިގެން ބީޖީ ސްޕޯޓްސް 4-3 އިން ބަލިކުރުމަށް ފަހު އެވެ.
މުބާރާތުގެ ފައިނަލުގައި 2012 ވަނަ އަހަރު ކުޅުނު އީގަލްސް ކޮޅަށް މެޗުގެ ހަމައެކަނި ލަނޑު ޖެހީ ތިން ވަނަ މިނެޓުގައި ޓީސީގެ އަލީ ފާސިރު (ސެންޓޭ) އެވެ. އަރިމަތިން ނެގި ހުރަހެއް ސެންޓޭ ގޯލް ތެރެއަށް ވައްދާލީ އޭރިއާ ތެރެއިން ޖަހަ އެވެ.
ޓީސީން މެޗުގެ ކުރީކޮޅު ވައްދާލި ލަނޑާ އެކު އީގަލްސް އަށް ކުޅެގަންނަން އުނދަގޫވި އެވެ. އެކަމަކު ޖުމްލަކޮށް ބަލާއިރު މެޗުގެ ބާކީބައިގައި ގޯލް ޖަހާނެ އެންމެ ހުސް ފުރުސަތު ހޯދީ އެ ޓީމުންނެވެ. އެގޮތުން ފުރަތަމަ ހާފުގެ 26 ވަނަ މިނެޓުގައި އީގަލްސް އިން ގޯލެއް ޖެހުމާ ވަރަށް ގާތަށް ދިޔަ އެވެ. އެކަމަކު އޭރިއާ ތެރެއިން އީގަލްސްގެ ކެޕްޓަން އިމްރާން ނަޝީދު (އިންމަ) ބޮލުން ފޮނުވާލި ބޯޅަ ގޯލުގެ މަތީ ކަނަށް ވަންނަން ދަނިކޮށް ޓީސީގެ ގޯލްކީޕަރު މުހައްމަދު އިމްރާން ވަނީ ސަލާމަތްކޮށްފަ އެވެ.
ދެ ވަނަ ހާފުގެ ކުރީކޮޅު އަނެއްކާ ވެސް އިންމަ އަތުން ވަނީ ރަނުގެ ފުރުސަތެއް ބޭކާރުވެފަ އެވެ. އަހުމަދު ރިޒްވާން (ރިޒޭ) އަރިމަތިން ނެގި ހުރަހެއް، އިމްރާން ބޮލުން ފޮނުވާލުމުން ޖެހުނީ ގޯލުގެ ހުރަސް ދަނޑީގަ އެވެ.
މެޗުގެ 88 ވަނަ މިނެޓުގައި ޓީސީން ލީޑު ފުޅާކުރުމާ ގާތަށް ދިޔަ އެވެ. އެކަމަކު އަލީ ހާފިޒް ދިން ބޯޅަ ހުހަށް ހުރި ސެންޓޭ ފޮނުވާލުމުން ގޯލާ ސީދާވާ ގޮތެއް ނުވި އެވެ. އޭގެ ފަހުން ސެންޓޭ އޭރިއާ ތެރެއިން ބޯޅަ ހިފައިގެން ދާން އުޅެނިކޮށް، އީގަލްސްގެ ޑިފެންޑަރެއްގެ ފައިގައި އަޅައިގެންފައި ވެއްޓުމުން އެ ޓީމުން ވަރަށް ބޮޑަށް ޕެނަލްޓީއަކަށް އެޕީލްކުރި އެވެ.
މުބާރާތުގެ ކުއާޓާ ފައިނަލުގެ ތިން ވަނަ މެޗުގައި ބުދަ ދުވަހުގެރޭ ބައްދަލުކުރާނީ މުބާރާތް އެންމެ ފުރަތަމަ ކާމިޔާބުކުރި ކްލަބް ވެލެންސިއާ އާއި މުބާރާތުގެ ތަށި ހަތަރު ފަހަރު ކާމިޔާބުކޮށްފައިވާ ވިކްޓަރީ އެވެ. އެ މެޗުން މޮޅުވާ ޓީމެއް ސެމީގައި ބައްދަލުކުރާނީ ފަހު ކުއާޓާގައި ބުރާސްފަތި ދުވަހުގެރޭ މާޒިޔާ އާއި ޔުނައިޓެޑް ވިކްޓަރީ ކުޅެ މޮޅުވާ ޓީމަކާ އެވެ. މާޒިޔާ އަކީ މުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަން ޓީމެވެ.
މި މުބާރާތުގެ ޗެމްޕިއަން ޓީމަށް އޭއެފްސީ ކަޕުން ފުރުސަތު ލިބޭނެ އެވެ. އުރީދޫ ދިވެހި ޕްރިމިއާ ލީގުގެ ޗެމްޕިއަން ޓީމުގެ ހައިސިއްޔަތުން އޭއެފްސީގެ ޖާގައެއް މިހާރު ވެސް ކަށަވަރުކޮށްފައިވާ މާޒިޔާ އިން މި މުބާރާތް ކާމިޔާބުކޮށްފި ނަމަ އޭއެފްސީ ކަޕުގެ ފަހު ޖާގަ ލިބޭނީ ލީގުގެ ދެ ވަނަ ޓީސީ އަށެވެ.