ބަންގްލަދޭޝްގެ އިތުރު 200 މީހުން ފޮނުވާލައިފި

ސައްހަ ލިޔެކިޔުމެއް ނެތް ބަންގްލަދޭޝްގެ 200 މީހަކު މިއަދު ގައުމަށް ފޮނުވާލައިފި އެވެ.


ކޮވިޑް-19 އާ ގުޅިގެން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ސަރުކާރުން އަންނަނީ ރާއްޖޭގަައި މަސައްކަތްކުރާ ބިދޭސީން އެ މީހުން ގައުމަށް ފޮނުވުމުގެ މަސައްކަތް ކުރަމުންނެވެ. ގައުމީ އެއާލައިން، މޯލްޑިވިއަން އިން ކުރި ޓްވީޓެއްގައި ބުނީ ބަންގްލަދޭޝްގެ ޑާކާއަށް ބިދޭސީން ގޮވައިގެން 10 ވަނަ ފްލައިޓު ގޮސްފައިވާ ކަމަށެވެ. މިއާއެކު ރާއްޖެއިން ފޮނުވާލި ބިދޭސީންގެ ޖުމްލަ އަދަދު ވަނީ 2،600 އަށް އަރައިފަ އެވެ.

ފޮރިން މިނިސްޓްރީން ބުނީ، ސައްހަ ލިޔެކިޔުން އޮތް 700 މީހުން އަދި އެފަދަ ލިޔުމެއްނެތި ގަވާއިދާ ހިލާފަށް އުޅެމުން ދިޔަ 1،900 މީހުން ފޮނުވާލާފައިވާ ކަމަށެވެ.

ރާއްޖެއަށް އެހީ ހިފައިގެން އައި ބަންގްލަދޭޝްގެ މިލިޓަރީ އެއާކްރާފްޓުގައި ދެ ބުރެއްގެ މަތިން އަދި އެ ގައުމުގެ ގައުމީ އެއާލައިން، ބިމަން އިން ދެ ފަހަރެއްގެ މަތިން ރާއްޖެއިން ބިދޭސީން ގެންގޮސްފައި ވެ އެވެ.

ކޮވިޑް-19 އަށް ރާއްޖެއިން 1،916 މީހުން ޕޮޒިޓިވްވިއިރު އޭގެ ތެރެއިން ހާހަކަށް ވުރެ ގިނަ ބިދޭސީން ހިމެނެ އެވެ. އެ ބަލި ޖެހުނު ދިވެހިންގެ އަދަދު އުޅެނީ 646 ގަ އެވެ. ދެން ގިނައީ އިންޑިއާއަށް ނިސްބަތްވާ މީހުންނެވެ.

އަދި ފަރުވާއެއް ހޯދިފައިނުވާ ބަލީގައި އަށް މީހަކު މަރުވެފައިވާއިރު އޭގައި ބަންގްލަދޭޝްގެ ހަތަރު ފިރިހެނަކު ވެސް ހިމެނެ އެވެ.

ރާއްޖޭގައި ގަވައިދާ ޚިލާފަށް އުޅޭ ބިދޭސީންގެ އަދަދު 60،000 އަށް އަރާއިރު، އޭގެ ތެރޭގައި ވެސް އެންމެ ގިނައީ ބަންގްލަދޭޝްގެ މަސައްކަތު މީހުންނެވެ.