ކޮވިޑް-19ގެ ސަބަބުން ރާއްޖޭން ބޭރުގައި ތާށިވެފައިވާ މީހުން ގެންނަން ބާއްވާ ފްލައިޓްތަކުން ޖާގަ ހޯދަން ނަން ނޯޓުކޮށް ޖާގަ ލިބުމުން ވެސް ބައެއް މީހުން ޓިކެޓް ނުނަގާތީ ސަރުކާރުން ކަންބޮޑުވުން ފާޅުކޮށްފި އެވެ.

ކޮވިޑް-19ގެ ހާލަތާ ބެހޭ ގޮތުން އެންއީއޯސީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފޮރިން މިނިސްޓްރީގެ މީޑިއާ ޑިރެކްޓާ މުހައްމަދު މިއުވާން ވިދާޅުވީ މިހާތަނަށް 16 ގައުމަކުން ރާއްޖެ އަށް މީހުން ގެނެސްފައިވާ ކަމަށެވެ. އަދި ބައެއް ގައުމުތަކުން އެއްފަހަރަށް ވުރެ ގިނައިން މީހުން ގެނެސްފައިވާކަން ފާހަގަކުރެއްވި އެވެ.

މެލޭޝިއާ އިން މިއަދު އަދި 17 ވަނަ ދުވަހު ދެ ފްލައިޓެއް ބާއްވަން ނިންމާފައިވާ ކަމަށް މިއުވާން ވިދާޅުވި އެވެ.

މިއުވާން ވިދާޅުވީ މެލޭޝިއާ އިން ރާއްޖެ އަންނަން މިހާތަނަށް 450 މީހަކު ނަން ނޯޓުކޮށްފައިވާއިރު، ދެ ފްލައިޓްގައި 400 އެއްހާ މީހުން ގެނެވޭނެ ކަމަށެވެ. އަދި ފުރަތަމަ ފްލައިޓުން ޖާގަ ދިން މީހުންނަށް ޓިކެޓު ނަގަން ހުޅުވާލާފައިވައިރު، ރެއާހަމަ އަށް ވެސް ވިއްސަކަށް މީހުން ޓިކެޓު ނުނަގާ އޮތް ކަމަށް ވިދާޅުވ އެވެ.

މިއުވާން ވިދާޅުވީ ކުރިން ވެސް މި މައްސަލަ ދިމާވެފައިވާ ކަމަށެވެ. އެގޮތުން އެންމެ ފަހުން ލަންކާ އިން ބޭއްވި ފްލައިޓުގައި ވެސް މި މައްސަލަ ދިމާވި ކަމަށާއި ޖާގަތައް ހުސްކޮށް ބަހައްޓައިގެން ވެސް ދަތުރުކުރަން ޖެހުނު ކަމަށް ވިދާޅުވި އެވެ.

ހާއްސަ ހާލަތުގައި ކޮންމެހެން އަންނަން ޖެހޭ މީހުން ތިބޭއިރު ވެސް، ވާއިރު ޖާގަ އަށް ނަން ނޯޓުކޮށް ޖާގަ ލިބުނުކަން އަންގަން ގުޅާއިރު ފޯނު ނިއްވާލާފައި އޮތުމާއި އެ މީހުންނަށް ގުޅޭގޮތް ނުވުމުގެ އިތުރުން އެންމެ ފަހު ވަގުތު ގުޅާފައި ޖާގަ ބޭނުން ނުވާ ކަމަށް ބުނާ މީހުން ވެސް ތިބޭތީ އެހެން ބަޔަކަށް ޖާގަ ގެއްލޭކަން މިއުވާން ފާހަގަކުރެއްވި އެވެ.

މިއުވާން ވިދާޅުވީ ފްލައިޓުތައް ބާއްވަނީ ވެސް ވަރަށް ބޮޑެތި ގޮންޖެހުންތަކާ އެކުގައި ކަމަށާއި އެހެންވެ ލިބޭ ފުރުސަތުތަކުގެ ބޭނުން އެންމެ ރަނގަޅަށް ހިފަން އެދޭ ކަމަށެވެ.

ކޮވިޑް-19ގެ ސަބަބުން ގިނަ ގައުމުތަކެއް ލޮކްޑައުން ކުރުމާއި ބޯޑަރުތައް ބަންދުކުރުމުގެ ސަބަބުން އެކި ގައުމުތަކުގައި ގިނަ އަދަދެއްގެ ދިވެހިން ތާށިވެފައިވާއިރު ފެށުނީއްސުރެއް ސަރުކާރުން އަންނަނީ އެ މީހުން ގެނައުމުގެ މަސައްކަތް ކުރަމުންނެވެ. އެގޮތުން ކުރިއަށް އޮތް ތަނުގައި ވެސް ރަޝިއާ، އިންޑިއާ އަދި މެލޭޝިއާ ފަދަ ގައުމުތަކުން ދިވެހިން ގެނައުމުގެ އިންތިޒާމްތައް ފޮރިން މިނިސްޓްރީން އަންނަނީ ހަމަޖައްސަމުންނެވެ.

ބައެއް ގައުމުތަކުގައި ތިބި ދިވެހިން ނުގެނެވި ތިބި ކަމުގައި ވިޔަސް ފޮރިން މިނިސްޓްރީން އަންނަނީ އެ މީހުންގެ ހާލު ބަލަމުން ކަމަށް ފޮރިން މިނިސްޓްރީން ވަނީ ބުނެފަ އެވެ.