އަންހެނުންނަށް ތަފާތުކުރާ ވަރު އެނގޭ، ހައްލު ނުވަނީ އިދާރާތަކުން ފިޔަވަޅު ނާޅާތީ: އުޝާމް

އަންހެނުންނަށް ކުރާ އަނިޔާ އާއި ތަފާތުކުރުންތައް ނައްތައިލަންް ކުރަންޖެހޭ ކަންތައްތައް ހޯދަން ޕާލިމެންޓްރީ އިންކުއަރީއެއް ނުހެދިޔަސް އެ ކަންކަން މިހާރު ވެސް އެނގޭ ކަމަށާއި މައްސަލަ ހައްލު ނުވަނީ ސަރުކާރުގެ ކަމާބެހޭ އިދާރާތަކުން ފިޔަވަޅު ނާޅާތީ ކަމަށް ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު އުޝާމް މިއަދު ވިދާޅުވެއްޖެ އެވެ.


އަންހެނުންނާ މެދު ތަފާތުކުރުން ނައްތައިލަން ރާއްޖޭގެ ގާނޫނުތަކާއި ގަވައިދު އަދި ނިޒާމުގައި ހުރީ ކޮން މައްސަލަތަކެއްތޯ ބަލަން ޕާލަމެންޓްރީ އިންކްއަރީއެއް ހަދަން ގޮވާލައި މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ހުށަހެޅުއްވި ގަރާރަށް މަޖިލީހުގެ ޖަލްސާގައި ކުރި ބަހުސްގައި އުޝާމް ވިދާޅުވީ ރާއްޖޭގައި ރަނގަޅުކުރަންވީ ކަންތައްތަކާ ބެހޭ ގޮތުން ފާއިތުވި ވިއްސަކަށް އަަހަރުގެ ތެރޭގައި ގިނަ ދިރާސާތަކެއް ކޮށްފައި އެބަހުރި ކަަމަށެވެ. އެ ދިރާސާތަކުން ހޯދާފައިވާ ހޯދުންތަކުގެ އަލީގައި ކުރަން ހުށަހަޅާފައިވާ ގިނަ ކަންތައްތަކެއް އެބަހުރި ކަމަށް އޭނާ ވިދާޅުވި އެވެ.

ރާއްޖޭގެ ހާލަތާ ބެހޭ ގޮތުން ޔޫއެން ހިއުމަން ރައިޓްސް ކައުންސިލަށް ހުށަހަޅާފައިވާ ޔުނިވާސަލް ޕީރިއޮޑިކް ރިވިއުތަކާއި ޔޫއެން ޗައިލްޑް ރައިޓްސް ކޮމިޓީން އެކުލަވާލާފައިވާ ރިޕޯޓްތަކާއި ރާއްޖޭގެ އެންޖީއޯތަކުން އެކުލަވާލާފައިވާ ރިޕޯޓްތަކުގައި ވެސް ރަނގަޅުކުރަންވީ ގިނަ ކަންތައްތަކެއް ފާހަގަކޮށްފައިވާ ކަމަށް އުޝާމް ވިދާޅުވި އެވެ. ސަރުކާރުގެ އެކި އެކި އިދާރާތަކުގެ އޮޑިޓް ރިޕޯޓްތަކުގައި ވެސް ކުރަންވީ ގިނަ ކަންތައްތަކެއް އޭނާ ވިދާޅުވި ގޮތުގައި އެބަހުއްޓެވެ.

"މައްސަަލައަކަށް ވެގެން މިއުޅެނީ މި ރިކޮމެންޑޭޝަންގައި ހުރި ކަންތައްތައް ރަނގަޅުކުރުމަށްޓަކައި އެކަށީގެންވާ ފިޔަވަޅުތަކެއް ސަރުކާރުގެ އިދާރާތަކުން އަދި ދައުލަތުގެ ކަމާ ގުޅޭ އިދާރާތަކުން އަޅަމުން ނުގެންދާތީ،" އުޝާމް ވިދާޅުވި އެވެ.

ކަންތައްތައް ރަނގަޅުކުރަން ހުށަހަޅާފައިވާ އެއް ކަމަކީ ތަންފީޒީ އިދާރާތަކަށް ބޭނުންވާ ބަޖެޓް ހަމަޖައްސައިދިނުން ކަމަށާއި ނަމަވެސްް އެފަދަ އިދާރާތަކަށް ބަޖެޓް ދީފައިވަނީ ވަަރަށް ކުޑަ ބަޖެޓްތަކެއް ކަަމަށް އޭނާ ވިދާޅުވި އެވެ. އެކި އިދާރާތަކުން ކުރަންޖެހޭ ގިނަ ކަންތައްތަކަކަށް ބަޖެޓްގެ ދަތިކަން ކުރިމަތިވެފައިވާ ކަމަށް ވެސް ވިދާޅުވި އެވެ.

މައްސަލަތައް ހޯދަން ތަހުގީގެއް ހިންގަން ފެނިވަޑައިނުގަންނަވާ ކަމަށާއި ނަމަވެސް އީވާ ހުށަހެޅި ގަރާރަށް ތާއީދުކުރައްވާ ކަަމަށާއި އެ ގަރާރުގެ މަސައްްކަތް ނިމޭ އިރު ގިނަ ކަންތައްތަކެއް ރަނގަޅުކުރެވޭނެ ކަަމަށް އުއްމީދުކުރައްވާ ކަމަށް ވެސް އުޝާމް ވިދާޅުވި އެވެ.

މުޖުތަމައުގައި އަންހެނުންނާ މެދު ގެންގުޅޭ ނޭދެވޭ ތަފާތުކުރުންތައް ނައްތާލުމަށް އެކަށީގެންވާ ފިޔަވަޅު އެޅުމަށާއި ދިވެހި މުޖުތަމައުގައި އަންހެނުންނަށް ހަމަހަމަ ފުރުސަތު މަގުފަހިކޮށްދިނުމަށާއި ގާނޫނުގެ ކުރިމަތީގައި ހަމަހަމަކަން ކަށަވަރުކޮށްދިނުމަށް އީވާގެ ގަރާރުގައި ގޮވާލާފައިވެ އެވެ. އަދި މިފަދަ ކަންކަމާ ގުޅޭގޮތުން ރާއްޖޭގައި އަމަލުކުރާ ގާނޫނުތަކާއި ގަވާއިދުތަކާއި ސިޔާސަތުތަކާއި ނިޒާމުގައި ހުރި ދަތިތަކާއި ގޮންޖެހުންތަކަކީ ކޮބައިކަން ދެނެގަތުމަށް ރައްޔިތުންގެ މަޖިލީހުގެ ކަމާގުޅޭ ކޮމެޓީން ޕާލިމަންޓްރީ އިންކުއަރީއެއް ހަދައި އެކަމަށް ދާއިމީ ހައްލެއް ހޯދަން އިސްލާހުކުރަންޖެހޭ ކަންކަން ބަޔާންކޮށް އެ ކޮމެޓީގެ ރިކޮމެންޑޭޝަންސްތައް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން ވެސް ގޮވާލާފައިވެ އެވެ.