ޖަލަށް ވައްދަން އުޅުނު ކުޑަކުޑަ ފޯނެއް އަތުލައިގެންފި

އެކި އުކުޅުތައް ބޭނުންކޮށްގެން ޖަލަށް ފޯނު ވައްދަން ކުށްވެރިން ކުރާ މަސައްކަތުގައި އެތެރެކުރަން އުޅުނު ކުޑަކުޑަ ފޯނެއް ކަރެކްޝަނަލް ސާވިސް އިން އަތުލައިގެންފި އެވެ.


ކަމިޝަނާ އޮފް ކަރެކްޝަނަލް ސާވިސް އަހުމަދު މުހައްމަދުފުޅު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އާ ޓެކްނޮލޮޖީއާ އެކު ފޯނުތައް ކުދިވާން ފަށާފައިވާ ކަމަށާއި ޖަލަށް ވެއްދުން މަނާ ތަކެތި ހުއްޓުވަން ކަރެކްޝަނަލް ސާވިސް އިން ބޭނުންކުރާ ވަސީލަތްތައް ވެސް އާ އުކުޅުތަކާ އެކު އިތުރުކޮށްފައިވާ ކަމަށެވެ. އެގޮތުން ރޭ އަތުލައިގަތް މޯބައިލްފޯނުގެ ބޮޑުމިނުގައި ހުރީ އެންމެ ތިން އިންޗި ކަމަށް އޭނާ ވިދާޅުވި އެވެ.

ޓްވީޓްގައި އޭނާ އާއްމު ކުރެއްވި ފޮޓޯއިން ފެންނަ ގޮތުގައި ކުޑަކުޑަ މޯބައިލް ފޯނު ޖަލަށް ވެއްދީ ބޭސްފުޅިއަކާ އެކު އޭގެ ފޮށިތެރެއަށް ލައިގެންނެވެ. އެފޮށީގައި އޮންނަ ވައްތަރުގެ ބޭސްފުޅިއެއް ވެސް ފޮޓޯގައި އޮތުމުން ބެލެވެނީ ބޭސްފުޅިތައް ހުރި ފޮށިތައް ވެސް އެ ޕެކޭޖްގައި ހުރި ކަމަށެވެ.

އަހުމަދު މުހައްމަދު ވިދާޅުވި ގޮތުގައި ވަރަށް ގިނަ ގޮތްގޮތަށް ޖަލަށް އެއްޗެހި ވައްދަ އެވެ. އެގޮތުން ފާހަގަކުރެވިފައިވާ ގޮތްތަކުގެ ތެރޭގައި ޑެލިވަރީކުރާ އެއްޗެހީގެ ތެރޭގައި ހިމަނައިގެން ވެއްދުމާއި ޖަަލަށް މީހުން ޒިޔާރަތްކުރާ އިރު އެއްޗިހި ގެންދިއުން ހިމެނެ އެވެ. ޖަލުގެ ފެންސް މަތިން ޖަލުތެރެއަށް އެއްޗެހި އުކުމަކީ ވެސް ކުށްވެރިންނަށް އެހީތެެރިވާ މީހުން ބޭނުންކުރާ އުކުޅެކެވެ.

ކަރެކްޝަނަލް ސާވިސްގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެ ހުރިހާ ކަމަކާ އެކުގައި ވެސް ޖަލަށް އެއްޗެހި ވައްދާ މިންވަރު ކުރިއަށް ވުރެ މަދު ކުރެވިފައިވާ ކަަމަށެވެ. އެކަމަކު ޖަލުތެރޭގައި މޯބައިލް ފޯނު ބޭނުންކުރާ ކަމަށް ދެކެވޭ ވާހަކަ އޭނާ ދޮގެއް ނުކުރައްވަ އެވެ.

"ވަރަށް ބޮޑަށް މަދު ކުރެވިއްޖެ މިހާރު އެކަހަލަ ކަންތައްތައްތައް، އަޅުގަނޑުމެން ގިނަ އޮޕަރޭޝަންތަކެއް ހިންގަން އެކަންތައްތައް ހުއްޓުވަން،" އޭނާ ވިދާޅުވި އެވެ.

އަހުމަދު މުހައްމަދު ކުރެއްވި ދެވަނަ ޓްވީޓެއްގައި އޮތީ ޖަލުން އަތުލައިގެންފައިވާ ގިނަ އަދަދެއްގެ ފޯނާއި ފޯނާއި ފޯނަށް ބޭނުންވާ އެހެނިހެން ސާމާނުގެ ދެ ފޮޓޯއެކެވެ. އޭގެ ތެރެއިން އެއް ފޮޓޯ އިން ސްމާޓްފޯނާއި 26 އާދައިގެ ފޯނާއި ފަސް މިނީ ފޯނު ފެނެ އެވެ. އެއީ މިދިޔަ ފެބްރުއަރީ މަހުގެ 10 ވަނަ ދުވަހު ހިންގި އޮޕަރޭޝަނެއްގައި ހޯދި އެއްޗިއްސެވެ. ދެވަނަ ފޮޓޯއިން ނުވަ ސްމާޓްފޯނާއި އާދައިގެ 11 ފޯނު ފެނެ އެވެ. އެއީ ފެބްރުއަރީ 24 ވަނަ ދުވަހު ހިންގި އޮޕަރޭޝަނެއްގައި އަތުލައިގަތް ފޯނުތަކެކެވެ.