ގާނޫނީ ރަދީފުގެ އައިއޯއެސް އެޕްލިކޭޝަން ލޯންޗްކޮޮށްފި

ގާނޫނީ ރަދީފު ފޮތުގެ އައިއޯއެސް އެޕްލިކޭޝަން މިއަދު އިފުތިތާހުކޮށްފި އެވެ.


ގާނޫނީ ބަސްތަކާއި އޭގެ މާނަ ހިިމަނައިގެން ސުޕްރީމް ކޯޓުގެ މިހާރު ފަނޑިޔާރު ހުސްނުއްސުއޫދު ލިޔުއްވި "ގާނޫނީ ރަދީފު" ފޮތް ނެރުނީ 2018 ގަ އެވެ. އެ ފޮތުގައި 12،000 އަށް ވުރެ ގިނަ ގާނޫނީ ބަހާއި އޭގެ މާނަ ހިމަނާފައިވެ އެވެ.

މޯލްޑިވްސް ލޯ އިންސްޓިޓިއުޓުން މީގެ ކުރިން ވަނީ އެ ފޮތުގެ އެންޑްރޮއިޑް އެޕްލިކޭޝަނެއް ތައާރަފްކޮށްފަ އެވެ. މިއަދު ނެރުނީ އޭގެ އައިއޯއެސް އެޕްލިކޭޝަނެވެ.

ގާނޫނީ ރަދީފު ފޮތަކީ ރާއްޖޭގެ ގާނޫނީ ދާއިރާއަށް ލިބުނު ވަރަށް ބޮޑު ފަސޭހައެކެވެ. އަދި އޭގެ ދެ އެޕްލިކޭޝަންގެ ސަބަބުން ފަސޭހަކަމާ އެކު "ގާނޫނީ ރަދީފު" ބޭނުންކުރުމުގެ ފުރުސަތު ލިބޭނެ އެވެ.

މޯލްޑިވްސް ލޯ އިންސްޓިޓިއުޓަކީ ކުރިން ސުއޫދުގެ އިތުރުން ވަކީލް ޝަހުދީ އަންވަރުގެ ހިއްސާ އޮތް ލޯ ފާމުން އުފައްދާފައިވާ އިންސްޓިޓިއުޓެކެވެ. އެކަމަކު ސުއޫދު ފަނޑިޔާރު ކަމަށް ވަޑައިގެން، އެތަނުގެ ހިއްސާ ވަނީ ދޫކޮށްލައްވައިފަ އެވެ.

މީގެ ކުރިން ވެސް ގާނޫނީ ބައެއް ކަންކަމާ ބެހޭ ފޮތްތައް އެ އިންސްޓިޓިއުޓުން ވަނީ ނެރެފަ އެވެ.