ގުރުއާނާ ބެހޭ މަރުކަޒުގައި ހަދަމުން ދިޔަ ޓެސްޓެއް، ނައިބު ރައީސް އަބްދުﷲ ޖިހާދު ވަޑައިގަތުމުން ހުއްޓުވާލުމާ އެކު ދަރިވަރުން ނުކުމެ އެކަމާ ދެކޮޅަށް މިއަދު މުޒާހަރާކޮށްފި އެވެ.
މުޒާހަރާގައި ބައިވެރިވި ގުރުއާން ޓީޗިން ޑިޕްލޮމާ ކޯހުގެ ދަރިވަރަކު "މިހާރު"އާ ވާހަކަދައްކަމުން ބުނީ ހެނދުނު 8:00 ގައި ފެށި ޓެސްޓް ހުއްޓުވާލީ ނައިބު ރައީސް ވަޑައިގެންނެވިތާ ކުޑައިރުކޮޅެއް ފަހުން ކަމަށެވެ. އެ ޓެސްޓް ހަދަން 60 ވަރަކަށް ދަރިވަރުން ތިބޭނެ ކަމަށް ވެސް އެ ދަރިވަރު ބުންޏެވެ.
"މިތަނުގެ ރައީސަށް ނޭނގި ހެނދުނު ޓެސްޓް ކުރިޔަށް ގެންދިޔަ ޓީޗަރާ ދިމާލަށް ވެސް ވަރަށް ހަޅޭއްލެވި. ބޮޑަށް ބެލެވެނީ އެ ވަގުތު ނައިބު ރައީސް ވަޑައިގަންނަވާތީ ކަމަށް ޓެސްޓް ހުއްޓުވީ،" އޭނާ ބުންޏެވެ.
ޓެސްޓް ހުއްޓުވާލުމުން ދަރިވަރުން ނުކުމެ އެތަނުގެ ބޭރުގައި ވަނީ މުޒާހަރާ ކޮށްފަ އެވެ. އަދި އެ މުޒާހަރާ ހުއްޓުވަން ފުލުހުން ވެސް އެތަނަށް ދިޔަ އެވެ.
އެ ދަރިވަރު ބުނީ ނައިބު ރައީސް ވަޑައިގެންނެވި ނަމަވެސް އެ ޓެސްޓް ކުރިޔަށް ގެންދެވޭނެ ކަމަށެވެ. އެއީ ފަހަރަކު ދަރިވަރު ވަކިން ގެންގޮސް ހަދާ ޓެސްޓެއް ކަމަށް ވެސް އޭނާ ބުންޏެވެ.
"މި ކޯހަކީ މި އަހަރު ނިމެން ޖެހޭ ކޯހެއް. އެކަމަކު އެކި ގޮތްގޮތަށް ކޯސް ބަދަލުކުރަމުން ގޮސް މިހާރު އަންގައިފި އަންނަ އަހަރު ކަމަށް ދެން ނިމޭނީ،" އެ ދަރިވަރު ބުންޏެވެ.
މިކަމާ ގުޅޭ ގޮތުން ބަހެއް ހޯދުމަށް ގުރުއާނާ ބެހޭ މަރުކަޒަށް ގުޅުމުން އެތަނުގެ އޮޕަރޭޓަރު ބުނީ އެތަނުގެ ރައީސް އިންނެވީ ބައްދަލުވުމެއްގައި ކަމަށާއި އެހެންވެ އޭނާ ގުޅައިދެވެން ނެތް ކަމަށެވެ.