އާއިލާ އަށް އޮޅުވާލައި ކުޑަކުއްޖަކު މާލެ ގެނެސް ބެހެން އުޅުނު މީހާއަށް ހަތަރު ދައުވާއެއް ކޮށްފި

އުމުރުން 16 އަހަރުގެ ކުއްޖަކާ ރައްޓެހިވެ އެ ކުއްޖާގެ އާއިލާ އަށް އޮޅުވާލައިގެން، ޑޮކްޓަރަށް ދައްކަން ކަމަށް ބުނެ މާލެ ގެނެސް އެ ކުއްޖާ އަށް ޖިންސީ ގޯނާކޮށް، ކުއްޖާގެ އާއިލާގެ އަތުން ފައިސާ އަތުލި މައްސަލައިގައި ހައްޔަރުކޮށްފައިވާ އުނައިސް އަހްމަދުގެ މައްޗަށް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) ހަތަރު ދައުވާއެއް އުފުލައިފި އެވެ.


ޕީޖީ އޮފީހުން ބުނީ ބ. ތުޅާދޫ ހިޔާވަހި، އުނައިސް ވަނީ ޝަހުސު އޮޅުވާލައިގެން 16 އަހަރުގެ ކުޑަ އަންހެން ކުއްޖަކާ ރައްޓެހިވެ، އެ ކުއްޖާގެ ބައްޕަގެ އަތުން މަކަރާއި ހީލަތުން ފައިސާ ހޯދާފައި ކަމަށެވެ. އެ ކުއްޖާ ޑޮކްޓަރަށް ދައްކަން ކަމަށް ބުނެ މިދިޔަ މަހުގެ 27 ގައި މާލެ ގެނެސް، ޖިންސީ ގުޅުން ހިންގުމަށް ހިތްވަރުދީ ،ޖިންސީ ގޯނާކޮށްފައިވާ ކަމަށް ތުހުމަތު ކުރެވޭ ކަމަށް ވެސް ޕީޖީން ބުންޏެވެ.

އުނައިސްގެ މައްޗަށް ދައުވާކުރަނީ ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާ މެދު ހާއްސަ އުސޫލުތަކަކަށް އަމަލުކުރުމުގެ ގާނޫނުގެ ތިންވަނަ ވަނަ މާއްދާގެ ދަށުން، ކުޑަކުއްޖެއްގެ ހަށިގަނޑުގައި ޖިންސީ ނިޔަތެއް އޮވެގެން ގަސްދުގައި އަތްލުމުގެ ކުށުގެ ދައުވާ އާއި ގާނޫނުލްއުގޫބާތުގެ 312 ވަނަ މާއްދާގެ ދަށުން ޝަޚްސު އޮޅުވައިލުމުގެ ކުށުގެ ދައުވާ އާއި ގާނޫނުލްއުގޫބާތުގެ 212 ވަނަ މާއްދާގެ ދަށުން މަކަރާއި ހީލަތް ހެދުމުގެ ކުށުގެ ދައުވާ އާއި ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނުގެ 122 ވަނަ މާއްދާގެ ދަށުން ކުޑަކުއްޖެއް އެކްސްޕްލޮއިޓް ކުރުމުގެ ކުށުގެ ދައުވާ އެވެ.

ޝަރީއަތް ނިމެންދެން މިހާރު ބަންދުކޮށްފައިވާ، އުނައިސްގެ މައްޗަށް ކްރިމިނަލް ކޯޓުގައި މި އުފުލި ދައުވާތަކުގެ ތެރެއިން ކުޑަކުއްޖެއްގެ ހަށިގަނޑުގައި ޖިންސީ ނިޔަތެއް އޮވެގެން ގަސްދުގައި އަތްލުމުގެ ކުށް ސާބިތުވެއްޖެ ވެއްޖެ ނަމަ 10-14 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށް ލުމަށް ހުކުމް ކުރެވޭނެ އެވެ. ޝަހްސު އޮޅުވައިލުމުގެ ދައުވާ ސާބިތުވެއްޖެ ނަމަ ނުވަ މަހާއި 18 ދުވަހުގެ ހުކުމެއް، މަކަރާއި ހީލަތް ހެދުމުގެ ދައުވާ އިން ވެސް ނުވަ މަހާއި 18 ދުވަހުގެ ހުކުމެއް އަދި ކުޑަކުއްޖަކު އެކްސްޕްލޮއިޓް ކުރުމުގެ ދައުވާ ސާބިތުވެއްޖެ ނަމަ ތިން އަހަރުގެ ހުކުމެއް އަންނާނެ އެވެ.

އުނައިސް ބަންދުން ދޫކޮށްލަން ކްރިމިނަލް ކޯޓުން މިދިޔަ ހޯމަ ދުވަހު އެންގި އެވެ. އެއީ އޭނާއާ ދެކޮޅަށް ހެކި ހުއްޓަސް، އެއީ ޖިނާއީ އިޖުރާއާތުގެ ގާނޫނުގައި ބޮޑެތި ކުށްތައް ބަޔާންކުރާ ލިސްޓުގައި ހިމެނޭ ކުށަކަށް ނުވާތީ ކަމަށް ބުނެ އެވެ. އެ ލިސްޓުގައި ނުހިމެނޭ ކުށްތަކުގައި 15 ދުވަހަށް ވުރެ އިތުރަށް ބަންދު ނުކުރެވޭނެ ކަމަށް ހައި ކޯޓުން ކަނޑައަޅާފައިވާތީ އާއި އެ މީހާ 15 ދުވަސް ބަންދުގައި ހޭދަ ކޮށްފައިވާތީ އެ ގާނޫނުގެ ދަށުން އެ މީހާ އިތުރަށް ބަންދުގައި ނުބެހެއްޓޭނެ ކަމަށް އެ އަމުރުގައިވެ އެވެ.

ނަމަވެސް ޖެހިގެން އައި ދުވަހު އުނައިސް އަލުން ހައްޔަރުކޮށް ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަން ވަނީ އަމުރުކޮށްފަ އެވެ، މި ފަހަރު އަމުރު ނެރުނީ އުނައިސްގެ މައްޗަށް ކޮށްފައިވާ އެހެން ތުހުމަތުތައް ކަމަށްވާ ޝަހްސު އޮޅުވައިލުމާއި މަކަރާއި ހީލަތުގެ ތުހުމަތުގައި ހައްޔަރުކުރުމުންނެވެ.